ކުޅުންތެރިން ކުރަމުންދާ ހިތްވަރަށް ޝުކުރު އަދާކުރާ ކަމަށާއި، މޯހަން ބާގަން ބަލިކޮށް ގްރޫޕްގެ އެއްވަނައަށް ފައިޓްކުރަންޖެހޭ ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗު ސެކުލޮވްސްކީ ބުނެފި އެވެ.
އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި މޯހަން ބާގަންއާ ދެކޮޅަށް ނިކުތުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސެކުލޮވްސްކީ ބުނީ މިވަގުތު މާޒިޔާ އަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކައިރިކައިރީގައި މެޗުތައް ކުޅެން ޖެހުން ކަމަށާއި، ކުޅުންތެރިން އަންނަނީ ވަރަށް ބުރަކޮށް މަސައްކަތްކުރަމުން ކަމަށެވެ.
ފާއިތުވެދިޔަ 8 ދުވަސް ތެރޭގައި މާޒިޔާ ތިން މެޗު ކުޅެފައިވާކަން ފާހަގަކުރަމުން ސެކުލޮވްސްކީ ބުނީ މޯހަން ބާގަންއާ ދެކޮޅަށް ބުދަ ދުވަހު ކުޅޭ މެޗު ކާމިޔާބުކުރަން ހުރިހާ ކުޅުންތެރިންވެސް މަސައްކަތްކުރާނެ ކަން އެނގޭ ކަމަށާއި، އެ ކުޅުންތެރިންނަށް ތަރުހީބު ދިނުމަށް ވީހާވެސް ގިނަ ސަޕޯޓަރުން ދަނޑަށް ވަނުމަށް އެދޭ ކަމަށެވެ.
ސެލުކޮވްސްކީ ބުނީ މޯހަން ބާގަން ރާއްޖެއަށް އަންނާނީ މޮޅުވާން ކަމަށާއި، އެޓީމަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށެވެ. އެގޮތުން އޭނާ ބުނީ އެޓީމުގައި ޕްރޮފެޝަނަލް 25 ކުޅުންތެރިން ތިބޭ ކަމަށާއި، އެ ހުރިހާ ކުޅުންތެރިން ރާއްޖެއަށް މެޗު ކުޅުމަށް އައިސްފައިވާ ކަމަށެވެ.
މޯހަން ބާގަންއާ ދެކޮޅަށް ބުދަ ދުވަހު މާޒިޔާ ކުޅޭ މެޗުގައި މާޒިޔާ އިން ވޭތުވެދިޔަ އެހެން މެޗުތަކުގައި ނުދައްކާވަރުގެ މޮޅު ކުޅުމެއް ދައްކަން ޖެހޭ ކަމަށާއި، މޯހަން ބާގަން ޓީމާމެދު ނުވިސްނާ ހަމައެކަނި މާޒިޔާ ޓީމާމެދު ވިސްނާ އެޓީމު ބަލިކުރަންޖެހޭ ކަމަށްވެސް އެނާ ވަނީ ބުނެފައެވެ.
މޯހަން ބާގަން އަދި މާޒިޔާ ވަނީ ކަލްކަތާގައި މިދިޔަ ހަފްތާގައި ބައްދަލުކޮށްފައެވެ. އެ މެޗު 0-1 ގެ ނަތީޖާއިން ކާމިޔާބުކުރީ މާޒިޔާ އެވެ. އެގޮތުން އެޓީމު އޮތީ ކުޅުނު ތިން މެޗުން ހޯދި ހަ ޕޮއިންޓާއެކު ގްރޫޕްގެ ދެވަނައިގައެވެ. އެއްވަނައިގައި ނުވަ ޕޮއިންޓާއެކު ބެންގަލޫރް އެފްސީ އޮތް އިރު، ތިންވަނައިގައި ތިން ޕޮއިންޓާއެކު އޮތީ މޯހަން ބާގަން އެވެ.