ކ. މާލެ
|
1 މާރޗް 2021 | ހޯމަ 12:05
ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ޑރ. އަހްމަދު ފައިސަލް ވާހަކަދައްކަވަނީ
ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ޑރ. އަހްމަދު ފައިސަލް ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ވެކްސިން ޖެހުން
މިހާތަނަށް ވެކްސިން ޖެހި މީހުންގެ ތެރެއިން ރާއްޖޭގައި އެޑްމިޓް ކުރަން ޖެހުނީ 19 މީހުން: ޑރ.ފައިސަލް
 
ދެވަނަ ޑޯޒް ޖަހަން ފަށާނީ 08 ހަފުތާ ފަހުން
 
ވެކްސިން ޖެހުމަށްފަހު 14 ދުވަހުގެ ތެރޭގައި އެހެން ވެކްސިނެއް ނުޖެހުމަށް އިލްތިމާސް ކުރެއްވި
 
ވެކްސިން ޕްރޮގްރާމް ވަރަށް ކާމިޔާބު

ކޮވިޑް-19ގެ ވެކްސިނޭޝަން ޕްރޮގްރާމް ވަރަށް ކާމިޔާބު ކަމަށާއި މިހާތަނަށް ވެކްސިން ޖެހި މީހުންގެ ތެރެއިން ރާއްޖޭގައި އެޑްމިޓް ކުރަން ޖެހުނީ 19 މީހެއް ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހުގެ ރޭ ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ފައިސަލް ވިދާޅުވީ މިހާތަނަށް ވެކްސިން ޖެހި މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހިފައިވަނީ 19 މީހުންނަށް ކަމަށެވެ. މީގެ ތެރޭގައި ބޯއަނބުރައި ގަނެގެން ފަރުވާ ދޭން ޖެހުނު މީހުންނާއި، އެލަރޖިކްވެ ގައިން ބިހި ނެގުމުގެ މައްސަލަތައް ކުރިމަތިވި މީހުން ހިމެނޭ ކަމަށް ޑރ.ފައިސަލް ވިދާޅުވިއެވެ. އަދި ވެކްސިން ޖަހައިގެން މިހާތަނަށް ނުރައްކާތެރި ހާދިސާއެއް ހިނގާފައި ނުވުމަކީ ލިބުނު ކުރިއެރުމެއް ކަމުގައި ޑރ.ފައިސަލް ވިދާޅުވިއެވެ.

ޑރ.ފައިސަލް ވިދާޅުވީ ކޮވިޝީލްޑް ވެކްސިން ޖެހުމަށްފަހު 14 ދުވަހުގެ ތެރޭގައި އެހެން ވެކްސިނެއް ނުޖަހައި މަޑުކުރަން ޖެހޭ ކަމަށެވެ. އަދި 14 ދުވަސް ވަންދެން މަޑުކުރަން ބުނަނީ އައު ވެކްސިނަކަށް ވެފައި ދިރާސާ ކުރަމުން ދާތީ ކަމަށް ޑރ.ފައިސަލް ވިދާޅުވިއެވެ. ނަމަވެސް އެހެން ވެކްސިނެއް ޖަހަން މަޖްބޫރުވާ ހާލަތެއްގައި އެ ވެކްސިނެއް ޖެހޭނެ ކަމަށް ޑރ.ފައިސަލް ވިދާޅުވިއެވެ.

އޭގެ އިތުރުން ވެކްސިން ގެ ސަބަބުން އަންނަ ނޭދެވޭ އަސަރުތައް އެހެން ވެކްސިންއާ އެއްވެދާނެތީ 14 ދުވަސް ވަންދެން މަޑު ކުރަން ބުނަނީ. އެހެންނަމަވެސް ކުއްލި އަކަށް ކަމެއް ދިމާވެ ވެކްސިން ޖަހަން ޖެހޭ ހާލަތެއް ކުރިމަތިވެއްޖެނަމަ އެހެން ވެކްސިން ވެސް ޖެހޭނެ.
އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑރ. އަހްމަދު ފައިސަލް

ޑރ.ފައިސަލް ވިދާޅުވީ ވެކްސިން ޖެހުމުން ސައިޑް އިފެކްޓުގެ ގޮތުގައި ހުން އައުމާއި، ބޮލުގައި ރިއްސުން ކަހަލަ އަލާމަތްތައް ފެންނާނެ ކަމަށެވެ. ނަމަވެސް ތިން ދުވަހަށްވުރެ ގިނަ ދުވަހު ހުން އައުމުގެ އިތުރުން ބަލިވާނަމަ ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދަން ޖެހޭ ކަމަށް ޑރ.ފައިސަލް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ.ފައިސަލް ވިދާޅުވީ ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަނީ 08 ހަފުތާ ފަހުން ކަމަށެވެ. ފުރަތަމަ ޑޯޒް ފުރިހަމަ ކުރުމަށްފަހު ރާއްޖެއިން ބޭރަށް ފުރަން ޖެހޭ ހާލަތެއްގައި އެކަން ސަމާލުކަމަށް ގެނައުމުން ހަތަރު ހަފުތާ ވެފައިވާނަމަ ވެކްސިން ޖަހައިދޭނެ ކަމަށާއި ދަތުރުކުރާ ގައުމަކުން ކޮވިޝީލްޑް ވެކްސިން ޖެހޭ ކަމަށްވާނަމަ އެގޮތަކަށް ބަލާނެ ކަމަށްވެސް ވިދާޅުވިއެވެ.

ފެބްރުއަރީމަހުގެ އެއްވަނަ ދުވަހު ''ދިފާއު''ގެ ނަމުގައި ވަނީ ވެކްސިނޭޝަން ޕްރޮގްރާމް ފަށާފައެވެ. މި ޕްރޮގްރާމް މާލެ އާއި އަތޮޅު ތެރޭގައި ކާމިޔާބު ކަމާއެކު ކުރިއަށް ގެންދާއިރު، މިހާތަނަށް ރާއްޖޭގައި އެއްލައްކައަށްވުރެ ގިނަ މީހުން ވަނީ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައެވެ. އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއިން ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު 111،415ށް ވަނީ އަރާފައެވެ. އޭގެތެރެއިން މާލެ ސަރަހައްދުން ވެކްސިން ޖެހީ 75،163 މީހުންނެވެ. އަދި އަތޮޅުތެރެއިން ވެކްސިން ޖެހީ 36،252 މީހުންނަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
17%
50%
0%
33%
0%
0%
ކޮމެންޓް