މޯހަން ބާގަން މިހާރު އޮތް ހާލަތުން އަރައިގަންނަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކުރުން މުހިންމު ކަމަށް މޯހަން ބާގަންގެ އެސިސްޓެންޓް ކޯޗު ސަންކަރް ލާލް ޗަކްރަބަތީ ބުނެފި އެވެ.
އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި މި ދެޓީމު ބައްދަލުކުރާ މެޗުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެމުން ޗަކްރަބަތީ ބުނީ އައިލީގުގައި ހޯދި ނަތީޖާއާ އެކު މޯހަން ބާގަން އޮތް ހާލަތުން އަރައިގަންނަން މާޒިޔާ މެޗު ވަރަށް މުހިންމު ކަމަށާއި، މެޗުން މޮޅުވެ މޯހަން ބާގަން އިން ގްރޫޕްގެ އެއްވަނަ ހޯދުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
މާޒިޔާއަކީ މޯހަން ބާގަން ހިމެނޭ ގްރޫޕްގައި އޮތް އެންމެ ވަރުގަދަ އެއް ޓީމު ކަމަށާއި، އެޓީމުގައި ތަފާތު މޮޅެތި ކުޅުންތެރިން ތިބި ކަމަށެވެ. އޭގެ ތެރޭގައި ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) އާއި މުހައްމަދު އުމެއިރު އަށް ސަމާލުވާން ޖެހޭ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
ޗަކްރަބަތީ ބުނީ މޯހަން ބާގަން ޓީމުގައި ތިބޭ ބައެއް ކުޅުންތެރިން ހުރިހާ މެޗެއް ކުޅެން ޖެހޭ ކަމަށާއި، އެ ކުޅުންތެރިން ވަރުބަލިވާ ކަމަށެވެ. އެގޮތުން އޭނާ ބުނީ އެ ކުޅުންތެރިންގެ ރިޕްލޭސްމަންޓަށް އިތުރު ކުޅުންތެރިން އަރުވައިގެން ކުޅެން ޖެހޭ ކަމަށެވެ.
މީގެ އިތުރުން އޭނާ ބުނީ ޓީމުގެ މޯރަލް އޮތީ ދަށްވެފައި ކަމަށާއި، އެހެންނަމަވެސް އައިލީގު މަތިން ހަނދާން ނައްތާލުމަށް ފަހު އޭއެފްސީ ކަޕުން ކާމިޔާބު ހޯދުމަށް މަސައްކަތްކުރަންޖެހޭ ވާހަކަ ކުޅުންތެރިންނަށް ވާނީ އަންގާފައި ކަމަށެވެ. އެގޮތުން މާޒިޔާ އަތުން މޮޅުވާން މަސައްކަތްކުރާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
އިންޑިއަން ލީގުގައި މޯހަން ބާގަން އަށް ދެވަނަ ލިބުނު އިރު، އައިޒައުލް އެފްސީން ލީގެ ޗެމްޕިއަންކަން ހޯދީ މޯހަން ބާގަންއަށް ވުރެ އެއް ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ.