ކޮވިޑް-19ށް ފަރުވާ ހޯދަމުންދިޔަ އިތުރު މީހަކު ނިޔާވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް-11ގައި ފަރުވާ ދެމުންދިޔަ އުމުރުން ދުވަސްވީ ފިރިހެނެއް އާދިއްތަ ދުވަހުގެރޭ ފަތިހު 5:06 ގައި ނިޔާވެފައިވާ ކަމަށެވެ. އެއީ 62 އަަހަރުގެ ފިރިހެނެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ. ހޮނިހިރު ދުވަހު ވެސް ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ 80 އަހަރުގެ މީހަކު ނިޔާވެފައިވާ އިރު، މި މަހުގެ 20 ވަނަ ދުވަހު އިތުރު 2 މީހަކު ނިޔާވެފައިވެއެވެ.
ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާ ދަނޑިވަޅުގައި، އުމުރުން ދުވަސްވީ މީހުން މިބަލީގައި ނިޔާވާ މިންވަރު މިވަނީ އިތުރުވާން ފަށާފައެވެ. މިއީ މިހާތަނަށް މިބަލީގައި ރާއްޖެއިން ނިޔާވި 62 ވަނަ މީހާއެވެ. ފާއިތުވި 24 ގަޑި އިރު ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު ފަރުވާއަށް 8 މީހަކު އެޑްމިޓްކޮށްފައެވެ. މިއާއެކު އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ މީހުންގެ އަދަދު ވަނީ 170ށް އަރާފައެވެ.
ކޮވިޑްގެ ތިންވަނަ ރާޅު ރާއްޖެއަށް ބިންދާލާފައިވާއިރު، ރައްޔިތުން ކޮވިޑް ނަގަނީ އާދައިގެ ބައްޔެއްގެ ގޮތުގައި ކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގެ މެމްބަރު ޑރ. އަޙްމަދު ޝަހީދު ވަނީ ވިދާޅުވެފައެވެ. ޝަހީދު ވިދާޅުވީ ކޮވިޑްގެ ތިންވަނަ ރާޅާއިއެކު ކޭސްތައް އިތުރުވާ މިންވަރުވަނީ ބޮޑުތަނުން އިތުރުވެފައި ކަމަށާއި، އެއާއިއެކު އެޗްއީއޯސީން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިއެކު ވެސް ބަލި އާންމުން ނަގަނީ އާދައިގެ ބައްޔެއްގެ ގޮތުގައި ކަމަށެވެ. އަދި އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވެސް ވިދާޅުވީ، އެޗްއީއޯސީ އަދި ސަރުކާރުގެ ވިސްނުމަކީވެސް ލޮކްޑައުނަކަށް ނުގޮސް ބަލި ކޮންޓްރޯލް ކުރުން ކަމަށާއި، ލޮކްޑައުން ކުރުމުން އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ވެސް ބޮޑެތި ގެއްލުންތައް ވަމުން އަންނަ ކަމަށެވެ.
މި ބަލީގައި މިހާތަނަށް 62 މީހަކު ވަނީ ރާއްޖޭގައި ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 55 ދިވެހިންނާއި، ބަންގްލަދޭޝަށް ނިސްބަތްވާ 5 މީހަކާއި ފިލިޕީންސްގެ މީހެއްގެ އިތުރުން އިޓަލީ މީހެކެވެ.