އަލަށް އެކުލަވާލި ޓޫއަރ އޮޕަރޭޓަރުންނާއި ޓުއަރ އެޖެންޓުންގެ ގަވާއިދުގައި، އެ މަސައްކަތަށް ވަކި އޮފީހެއް ހުންނަން ނުޖެހޭ ގޮތަށް ބަދަލު ގެނައީ، ޓެކްނޮލޮޖީގެ ރޮނގުން ކުރިއަރާފައިވާ އިރު، ވަކި އޮފީހެއް ނެތަސް އެ މަސައްކަތް އެކަށީގެންވާ ވަރަށް ކުރެވޭނެ ކަމަށް ގަބޫލުކުރެވޭތީ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑައިރެކްޓަރ އިބްރާހިމް ފަރުހާދު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ފަރުހާދު ވިދާޅުވީ އަލަށް ނެރުނު ގަވާއިދުގައި ގެނައި އެންމެ ބޮޑު އަދި އެންމެ މުހިންމު ބަދަލަކީ އެއީ ކަމަށެވެ. ފަރުހާދު ވިދާޅުވީ ޓެކްނޮލޮޖީގެ ދާއިރާއިން ދުނިޔެ ތަރައްގީވަމުން އަންނައިރު، އެއާއެކު އެންމެ ކުރިއަރާ ތަރައްގީވަމުން އަންނަ އެއް ދާއިރާއަކީ ފަތުރުވެރިކަމުގެ ދާއިރާ ކަމަށެވެ. އެގޮތުން ދާއިރާގެ އެންމެ މުހިންމު އެއް ތަނބުކަމުގައިވާ ޓްރެވަލް އެޖެންޓުންނަށް ބަލާއިރު އެމީހުންގެ މަސައްކަތް ވަރަށް ބޮޑަށް ޓެކްނޮލޮޖީއާ ގުޅިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން އާންމުކޮށް އެމީހުން ފެންނަނީ ހަމައެކަނި ފޯނު ނުވަތަ ލެޕްޓޮޕް ގެންގުޅޭތަން ކަމަށާއި އެގޮތަށް އެކަނި ވެސް އެމީހުންގެ މުއާސަލާތީ ގުޅުން ވަރަށް ވަރުގަދަ ކަމަށް ވިދާޅުވިއެވެ.
ފަރުހާދު ވިދާޅުވީ ގެނައި ބަދަލުތައް ތެރޭގައި ބޭރުގެ އެޖެންސީތަކަށް އައިސް ރާއްޖޭގައި އޮފީހެއް ނުހުޅުވޭ ގޮތަށް ވެސް އުސޫލުގައި ހިމަނާފައިވާނެ ކަމަށެވެ. އަދި އެގޮތަށް ކަނޑައެޅީ ދިވެހި އޮޕަރޭޓަރުންނާއި އެޖެންސީތަކަށް ރަނގަޅު ފުރުސަތު ފަހިކޮށްދޭން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން މިހާރު އޮންނަ އުސޫލަށް އަމަލުކުރާއިރު، ބޭރުގެ އެއްވެސް އެޖެންޓެއް ރާއްޖެ އައިސް މަސައްކަތްކުރާ ނަމަ ޖެހޭނީ ދިވެހި އޮޕަރޭޓަރަކާ ނުވަތަ އެޖެންސީއަކާ ބައިވެރިވާން ކަމަށް ވެސް ފަރުހާދު ވިދާޅުވިއެވެ.
ޓްރެވަލް އެޖެންސީތަކާއި އޮޕަރޭޓަރުން އަމަލުކުރަން ޖެހޭ އައު އުސޫލުގައި ބޮޑެތި ލުއިތަކެއް ދީފައިވާއިރު، ކުރީގައި އަމަލުކުރި އުސޫލުގައިވާގޮތުން ޓްރެވަލް ހުޅުވޭނީ އޮފީހެއް ހުރެގެންނެވެ. އޮފީހެއް ހުންނަން ޖެހޭ އިރު އެތަނެއްގެ ކަންކަން ބަލާނެ ވަރަށް ހަރުކަށި އުސޫލެއް ވެސް އޭރު އޮވެއެވެ. އެގޮތުން އެ އޮފީހެއްގައި ޖާގައިގެ ގޮތުންނާއި، ޓެކްނޮލޮޖީގެ ގޮތުން ފުރިހަމަވާ ވަކި ޝަރުތުތަކަކަށް ވެސް ބަލާއިރު ފެކްސް ކުރެވޭނެ އިންތިޒާމު ފަދަ ކުދި ކުދި ކަންކަމަށް ވެސް ބަލައެވެ.
އެކަމަކު އަލަށް ގެނައި އުސޫލުގައިވާގޮތުން ވަކި އޮފީހެއް ނެތަސް ހިދުމަތްދޭ ފަރަތާއި ގުޅޭނެ ނަންބަރެއް އަދި އީމެއިލް އެޑްރެހެއް ހުށަހަޅައި، ކަންކަމުގައި ޒިންމާވެ ކުންފުންޏަށް ޖަވާބު ދާރީ ވާނެ ފަރާތެއް އައްޔަނުކޮށް އެފަރާތަކާ ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހެއް އޮވެއްޖެ ނަމަ ޓްރެވަލް އެޖެންސީ ހިންގޭނެއެވެ. އިހު އޮތް ގޮތާ ހިލާފަށް ވަކި ޖާގައަކާއި އެފަދަ ހަރުކަށި ކަންކަމަށް ނުބެލި ނަމަވެސް ލިޔެކިޔުންތައް ރަސްމީކޮށް ބަލަހައްޓާނެ ވަކި ތަނެއް ހުރުން މުހިންމު ކަމަށާއި އެކަމަކު އެ ތަނެއް އިންސްޕެކްޓްކޮށް އެވަރަށް ނުބަލާނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.