ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް އަބަދުމެ ފުރުސަތު އޮންނަންވާނެކަމަށް ހޯމް މިނިސްޓަރ އައްޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީން އަންނަނީ ސިލްސިލާކޮށް މާލޭގައި މުޒާހަރާތައް ކުރިޔަށް ގެންދަމުންނެވެ. ކޮވިޑްގެ ހާލަތު މާލެ ސަރަހައްދުގައި ގޯސްވެފައިވާތީ އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކާއި ޚިލާފަށް އެއްވެސް ހަރަކާތެއް ހިންގުމުގެ ފުރުސަތު ނުދޭނެކަމަށް ހޯމް މިނިސްޓްރީން ހުކުރު ދުވަހު ނެރުނު ނޫސްބަޔާނެއްގައި ވަނީ ބުނެފައެވެ. އަދި ހުކުރު ދުވަހު ޕީޕީއެމް/ޕީއެންސީން ބާއްވަން އުޅުނު މުޒާހަރާ ކުރިޔަށް ގެންދިޔުމުގެ ފުރުސަތު ފުލުހުން ދީފައެއްނުވެއެވެ. މުޒާހަރާގެ ތެރެއިން 33 މީހަކު ހައްޔަރު ކުރިއެވެ. އަދި 3 މީހަކު ފިޔަވައި ބާކީ ތިބި މީހުން ވަނީ ޖޫރިމަނާކޮށް ދޫކޮށްލާފައެވެ.
ހޯމް މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް އަބަދުމެ ފުރުސަތު އޮންނަންވާނެ ކަމަށެވެ. އަދި ރައްޔިތުންނަށް ފަހިވާނީ އޭރުން ކަމަށާއި އެމަގަށް އެންމެ ފަހިވާނެހެން މިސަރުކާރުން ފުރުސަތުދޭނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ މިމޭރުމުން ޓްވީޓްކުރައްވާފައިވާއިރު މުޒާހަރާތައް ކުރިއަށް ގެންދިޔުމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެކްޓިން ލީޑަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެންގުޅުއްވާނެ ސްޓްރެޓަޖީ ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ވެސް އިމްރާން ވަނީ ވިދާޅުވެ ޓްވީޓްކުރައްވާފައެވެ.