2019 ވަނަ އަހަރުގެ ކަންގަތި އެވޯޑްގެ އެންމެ ގިނަ އެވޯޑްތައް ފ. ނިލަންދޫ ރަށު ކައުންސިލުން ހޯދައިފިއެވެ.
މި އަހަރުގެ ލާމަރުކަޒީ ދުވަހާއި ގުޅުވައިގެން ލޯކަލް ގަވަމެންޓް އޮތޯރިޓީ، އެލްޖީއޭއިން ވަނީ މިދިޔަ އަހަރު ކޮވިޑްގެ ސަބަބުން އިއުލާންނުކޮށް ފަސްކުރި 2019 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ ޕާފޯމެންސް އިންޑެކްސްގެ ނަތީޖާވަނީ އިއުލާންކޮށްފައެވެ. އެގޮތުން މިއަހަރުވެސް 4 ދާއިރާއަކުން ވަނީ އެވޯޑްތައް ދީފައެވެ. މީގެ ތެރޭގައި ހިމެނެނީ، އަތޮޅު ކައުންސިލްތަކުން އެންމެ ރަނގަޅަށް މަސައްކަތްކުރި 3 ކައުންސިލަށް ދޭ ގަދަ ހަމާންތި ދަރަޖައިގެ އެވޯޑާއި، އެންމެ މޮޅު 3 ރަށު ކައުންސިލަކަށް ދޭ މަލަ ހަމާންތި ދަރަޖަ އެވޯޑާއި، ވަކި ވަކި އިންޑެކްސް ތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ރަށު އަދި އަތޮޅު ކައުންސިލަށްދޭ މާރާދަ ހަދާނީ ފިލާ އަދި ފާއިތުވި އަހަރާ އަޅާބަލާއިރު މަސައްކަތް އެންމެ ރަނގަޅުކުރި ރަށު އަދި އަތޮޅު ކައުންސިލަށް ދޭ ކާންނާ ހަނދާނީ ފިލާ ވަނީ ދީފައެވެ.
2019 ވަނަ އަހަރުގެ ގަދަ ހަމާންތި ދަރަޖަ އެވޯޑްގެ އެއްވަނަ ފާދިއްޕޮޅު އަތޮޅު ކައުސިލުން ހޯދިއިރު، ދެވަނަ ކޮޅުމަޑުލު ކައުންސިލް އަދި 3 ވަނަ ނިލަންދި އަތޮޅު އުތުރު ބުރީ ކައުންސިލުން ވަނީ ހޯދާފައެވެ. 2019 ވަނަ އަހަރުގެ މަލަ ހަމާންތި ދަރަޖަ އެވޯޑްގެ އެއްވަނަ ނިލަންދެ އަތޮޅު އުތުރުބުރީ ނިލަންދޫއިން ހޯދިއިރު، ދެ ވަނަ ކ. ހުރާ ކައުންސިލް އަދި ތިން ވަނަ އއ. މަތިވެރި ކައުންސިލުން ވަނީ ހޯދާފައެވެ. މިއަހަރުގެ އެވޯޑްގައި މާރާދަ ހަދާނީ ފިލާ ދިނުމުގައި ގާނޫނަށް އަމަލުކުރާ މިންވަރާއި، އިފެކްޓިވްނެސް، ޕާޓިސިޕޭޝަން، އެކައުންޓެބިލިޓީ އަދި ސެކިޔުރިޓީ އިންޑެކްސްއިން ވަނީ އެވޯޑް ދީފައެވެ. މި އިންޑެކްސްތަކުގެ ތެރެއިން ގާނޫނަށް އަމަލުކުރާ މިންވަރާއި، އިފެކްޓިވްނެސް، ޕާޓިސިޕޭޝަން، އެކައުންޓެބިލިޓީ އިންޑެކްސްއިން އެންމެ މޮޅު ކައުންސިލްގެ އެވޯޑް ފ. ނިލަންދޫ ރަށު ކައުންސިލުން ހޯދުމާއެކު އެ ކައުންސިލް ވެގެންގޮސްފައިވަނީ މި އެވޯޑްގައި އެންމެ ކާމިޔާބު ރަށު ކައުންސިލަށެވެ. ފާއިތުވި އަހަރާއި އަޅާބަލާއިރު މަސައްކަތް އެންމެ ރަނގަޅުކުރި ރަށު ކައުންސިލަކަށް އއ. ބޮފުޑުފޮޅުދޫ ކައުންސިލް، އަދި އަތޮޅު ކައުންސިލްއަކީ ނިލަންދި އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްކަމުން މި ދެ ކައުންސިލަށް ކާންނާ ހަނދާނީ ފިލާ ވަނީ ދީފައެވެ.
މި އެވޯޑާ ގުޅޭގޮތުން ރާއްޖެ އެމްވީއާއި ވާހަކަދައްކަވަމުން އެލްޖީއޭގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފް ވަނީ މި އެވޯޑްތައް ރަސްމީކޮށް ކައުންސިލްތަކާ ހަވާލުކުރުމަށް ކޮވިޑްގެ ހާލަތު ހަމައަކަށް އެޅުމުން ޚާއްސަ ޖަލްސާއެއް ބާއްވާނެކަމަށް ވިދާޅުވެފައެވެ. އަދި 2020 ވަނަ އަހަރުގެ ކަންގަތި އެވޯޑްގެ ރޭންކިންގެ މަސައްކަތް އަންނަ ހަފްތާގައި ފަށާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.