މާޔޫސްނުވުމަށާއި، އިހްލާސްތެރިކަމާއެކު ގިނަގިނައިން ތައުބާވުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.
''ﷲގެ ތަނަވަސް ރަޙުމަތްފުޅު'' މިމައުޟޫގެ މައްޗަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ އިންސާނާއަށް މާތް ﷲ ދެއްވާފައިވާ ނިއުމަތްތައް ގިނަކަމަށާއި، ސިއްރާއި ފާޅުގައި އޭނާއަށް ލައްވާ ރަޙުމަތުގެ ބޮޑުކަމުން، އެކަން ބަލައި ޙިސާބު ކުރުމަކީ އިންސާނަކަށް ކުޅަދާނަ ކަމެއް ނޫން ކަމަށެވެ.
ޚުތުބާގައި ބުނީ މައިމީހާ، އޭނާގެ ތުއްތު ދަރިފުޅަށް ރަޙުމްކުރާވަރަށް ވުރެމާ ބޮޑަށް، ﷲ ތަޢާލާ އެކަލާނގެ އަޅުތަކުންގެ މައްޗަށް އޯގާވެރިވެ ވޮޑިގަންނަވާ ކަމަށެވެ. މިދުނިޔޭގައި ﷲ ގެ ރަޙުމަތްފުޅު ވަނީ އެންމެހައި އަޅުތަކުންގެ މައްޗަށް އާއްމުވެ، ޝާމިލްވެގެންކަން ފާހަގަކޮށް ޚުތުބާގައި ބުނީ އުޑުތަކާއި ބިމުގައި ވާހާ އެއްޗެއް، ﷲ އުފައްދަވާފައި ވަނީ އެތަކެތީން އިންސާނުން ފައިދާ ލިބިގަތުމަށްޓަކައި ކަމަށެވެ. ޚުތުބާގައި ބުނީ ﷲ ގެ ރަޙުމަތްފުޅު ނުވާނަމަ މިދުނިޔެމަތީގައި އެއްވެސް މީހަކަށް ނޭވާ ވެސް ނުލެވޭނެ ކަމަށާއި، އެއްވެސް މީހަކަށް ބޯނޭ ފެންފޮދެއް ވެސް ނުލިބޭނެ ކަމަށެވެ. އަދި ބަލިވެއްޖެ ނަމަ، އެއްވެސް މީހަކަށް ޝިފާއެއް ވެސް ނުލިބޭނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވަނީ، "ތިޔަބައިމީހުން ﷲ ގެ ނިޢުމަތް ހިމަނައި، ޢަދަދުކުރަން އުޅުނަސް، ތިޔަބައި މީހުންނަކަށް އެ ނިޢުމަތެއް ނުހިމެނޭނެއެވެ. ހަމަކަށަވަރުން ﷲއީ، ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަރަސްކަލާނގެއެވެ."ހުކުރު ޚުތުބާ
ޚުތުބާގައި ބުނީ ކުރެވިފައިވާ ފާފަތަކުގެ ގިނަކަމުން އެއްގޮތަކަށް ވެސް މާޔޫސްވާކަށް ނުޖެހޭ ކަމަށާއި، ކިތަންމެ ގިނަ ފާފަތަކެއްކުރެވިފައި ވީނަމަވެސް އިޚްލާސްތެރިކަމާ އެކު ތައުބާވެ، ހެޔޮ އަމަލު ކުރުމުންއެންމެހައި ފާފަތައް ﷲ ފުއްސަވައިދެއްވާނެކަން އަންގަވާފައިވާ ކަމަށެވެ. އަދި ހެޔޮ އަމަލު ގިނަކުރުމަކީ ފާފަތައް ފުހެވިގެންދާނެ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައި ބުނީ ނުބައިކަމެއް ކޮށްފި މީހަކަށް، އެ ނުބައިކަމާ އެއްފަދަ ޖަޒާއެއް މެނުވީ ލިބިގެނެއް ނުވާ ކަމަށާއި، މީހަކު ހެޔޮ އަމަލެއްކޮށްފިނަމަ، އެ އަމަލެއްގެ ޘަވާބު ދިހަގުނައިން ފެށިގެން ހަތްސަތޭކަ ގުނައަށް އިތުރުކޮށްދެއްވާ ކަމަށެވެ. އެހެންކަމުން އިހްލާސްތެރިކަމާއެކު ގިނަގިނައިން ތައުބާ ވުމަށް ޚުތުބާގައި ގޮވާލާފައިވެއެވެ.