ކޮވިޑް-19 އަށް ވެކްސިން އުފައްދާފައިވާ މޮޑާނާއަށް މިއަހަރު ތެރޭ ވެކްސިން ވިއްކައިގެން 18.4 ބިލިއަން ޑޮލަރު ލިބޭނެކަމަށް އެކުންފުނިން އަންދާޒާކޮށްފިއެވެ.
މިއީ ކޮވިޑަށް ވެކްސިން އުފައްދާފައިވާ ފައިޒަރ އިން ލިބޭނެކަމަށް އަންދާޒާކުރި އަދަދަށްވުރެ 15 ބިލިއަން ޑޮލަރު އިތުރު އަދަދެކެވެ. ފައިޒަރ އާއި މޮޑާނާ ވެކްސިން އަކީ އެމެރިކާގައި ޖަހަމުން އަންނަ ދެ ވެކްސިނެވެ.
މިދެވެކްސިންވެސް އުފައްދާފައިވަނީ އާރުއެންއޭ ބޭނުންކޮށްގެންނެވެ. އަދި ކޮވިޑްގެ ހާލަތު އެންމެ ގޯސް އެމެރިކާގައި ދެވެކްސިންވެސް އަންނަނީ ހަލުވި މިނެއްގައި ފޯރުކޮށްދެމުންނެވެ.
މޮޑާނާއިން ކޮވިޑަށް އުފެއްދި ވެކްސިންގެ އިތުރު ޑޯޒްތަކެއް އުފައްދާނެކަން ހާމަކުރުމާއެކު އެކުންފުނީގެ ޝެއަރ މާކެޓްގައި ވަނީ 4 އިންސައްތަ އިތުރުވެފައެވެ. އެއީ 150.7 ޑޮލަރެވެ. ކޮވިޑް ވެކްސިނަކީ މޮޑާނާއަށް އާމްދަނީ ލިބޭ ފުރަތަމަ އަދި ހަމައެކަނި އެކުންފުނީގެ އުފެއްދުމެވެ.
މޮޑާނާއިން މިހާރު މަސައްކަތްކުރަމުން އަންނަނީ މިއަހަރު ތެރޭގައި 700 މިލިއަން ޑޯޒް އުފެއްދުމަށެވެ. އަދި ވީއެންމެ އަވަހަކަށް 1 ބިލިއަން ޑޯޒް އުފެއްދުމުގެ ގާބިލްކަން ހޯދުމަށް އެކުންފުނިން އަންނަނީ މަސައްކަތްކުރަމުންނެވެ.
އެކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ސްޓެފަން ބެންސަލް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ މިދިޔަ އަހަރު އެކުންފުނިން މަސައްކަތްކުރީ އެމްއާރުއެންއޭ ބޭނުންކޮށްގެން ބޭސް އުފައްދާ އެކަން ކުރެވޭނެ ގޮތް ހާމަކޮށްދިނުމަށެވެ. އަދި މިއަހަރު ވެގެންދާނީ މޮޑާނާގެ އަހަރަކަށް ކަމަށް ސްޓެފަން ވިދާޅުވިއެވެ.
މޮޑާނާއިން އަންދާޒާކުރަނީ އެކުންފުނީގެ ސޭލްސް މިއަހަރުތެރޭ 20 އިންސައްތަ އިތުރުވާނެ ކަމަށެވެ. މިދިޔަ އަހަރު އެކުންފުނީގެ ސޭލްސް އިތުރުވެފައިވަނީ 4 އިންސައްތައަށެވެ.
މޮޑާނާއިން ބުނެފައިވަނީ ކޮވިޑް ވެކްސިނުން އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ މީހުންނަށް ކުރާ އަސަރު ދެނެގަތުމަށް އެމީހުން ގަޔަށް ވެކްސިން ޖަހައިގެން އެމަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި އުމުރުން ހަ މަހާއި އެގާރަ އަހަރާ ދެމެދުގެ ކުދިންގެ ގަޔަށް ވެކްސިން ޖަހައިގެން ދިރާސާކުރުމުގެ ކަންކަން ފަށާނެކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.