އިންގްލެންޑުގެ ބަދަލުގައި ޖަރުމަނުގެ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅެން ބަޔާން މިއުނިކުގެ ޒުވާން ތަރި ޖަމާލް މުސިއާލާ ނިންމައިފިއެވެ.
މުސިއާލާއަށް އަންގާރަ ދުވަހު 18 އަހަރު ފުރޭނެއެވެ. މީޑިއާގައި އޭނާގެ ނަން ގަދަވެގެންދިޔައީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި އަންގާރަ ދުވަހުގެރޭ ލާޒިއޯ އަތުން 4-1 ގެ ނަތީޖާއަކުން ބަޔާން މޮޅުވި މެޗުގައި ލަނޑު ޖެހި ހިސާބުންނެވެ. އެ މެޗުގައި ޖެހި ލަނޑާއެކު އުމުރުން 17 އަހަރުގެ މުސިއާލާ ވެފައި ވަނީ ޗެމްޕިއަންސް ލީގުގައި ލަނޑު ޖެހި ބަޔާނުގެ އެންމެ ހަގު ކުޅުންތެރިޔާއަށެވެ.
ޖަރުމަނަށް އުފަންވި ނަމަވެސް، އިނގިރޭސި އާއިލާއަކަށް ނިސްބަތްވާ މުސިއާލާ ވަނީ އުމުރުން ހަތް އަހަރުގައި އިންގްލެންޑަށް ދިރިއުޅުން ބަދަލުކޮށްފައެވެ. އެއަށްފަހު ޗެލްސީ ޔޫތު ޓީމުތަކަށް ކުޅުމަށްފަހު އޭނާ ބަޔާނަށް ބަދަލުވީ 2019 ވަނަ އަހަރުގެ ޖުލައި މަހުގައެވެ. ޔޫތު ފެންވަރުގައި އިންގްލެންޑާއި ޖަރުމަނަށްވެސް މީގެ ކުރިން މުސިއާލާ ކުޅުނުއިރު، އެންމެ ފުރަތަމަ އޭނާ ކުޅެފައިވަނީ އިންގްލެންޑުގެ 15 އަހަރުން ދަށާއި 16 އަހަރުން ދަށުގެ ޓީމަށެވެ. އަދި އޭގެ ފަހުން ޖަރުމަނުގެ 16 އަހަރުން ދަށުގެ ޓީމަށް ކުޅުނު ނަމަވެސް، ފަހުން އަނެއްކާވެސް ވަނީ އިންގްލެންޑްގެ 17 އަހަރުން ދަށާއި 21 އަހަރުން ދަށުގެ ޓީމަށް ކުޅެފައެވެ.
އިންގްލެންޑާއި ޖަރުމަނުގެ އިތުރުން ސްކޮޓްލެންޑުގެ ގައުމީ ޓީމާ ގުޅުމުގެ ފުރުސަތުވެސް މުސިއާލާއަށް އޮތްއިރު، ބުދަ ދުވަހު އޭނާ ވަނީ ޖަރުމަނަށް ކުޅެން ނިންމިކަން އިޢުލާން ކޮށްފައެވެ. ޖަރުމަނުގެ ޓީވީއަކަށް ދިން އިންޓަވިއުއެއްގައި މުސިއާލާ ބުނީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ވިސްނުމަށްފަހު ޖަރުމަނުގެ ގައުމީ ޓީމަށް ކުޅެން ނިންމީ ޖަރުމަނު ގައުމީ ޓީމުގެ ކޯޗު ޔޮއަހިމް ލޯއާ މަޝްވަރާކުރުމަށްފަހު ކަމަށެވެ. އަދި މިއީ އުނދަގޫ ނިންމުމެއް ކަމަށާއި، އިންގްލެންޑާއެކު ވަރަށް ހާއްސަ ހަދާންތަކެއްވާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
މީގެ ކުރިން އިންގްލެންޑުގެ ޔޫތު ޓީމުތަކަށް 10 ލަނޑު ޖަހާދީފައިވާ މުސިއާލާ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، އޭނާ ވަނީ ބަޔާނުގެ ސީނިއާ ޓީމަށް މިހާތަނަށް 26 މެޗު ކުޅެދީ ހަތަރު ލަނޑު ޖަހާފައެވެ. އަދި ވަނީ ބަޔާނާއެކު ޖަރުމަން ކަޕާއި، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.