ސްޕެނިޝް ލީގުގައި ބުދަ ދުވަހުގެރޭ ރެލިގޭޝަން ޒޯނުގައި އޮތް އެލްޗޭ އަތުން ބާސެލޯނާ މުހިންމު މޮޅެއް ހޯދައިފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބާސާ މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައިނުވި ނަމަވެސް، މި ހާފުގައި ބާސާގެ ފްރަންސިސްކޯ ޓްރިންކާއޯއަށް ވަނީ ލީޑު ނެގުމަށް ރަނގަޅު ފުރުސަތެއް ލިބިފައެވެ. އެކަމަކު އޭރިއާ ތެރެއިން އޭނާ ފޮނުވާލި ނުރައްކާތެރި ހަމަލާ، އެލްޗޭގެ ގޯލްކީޕަރު އެޑްގާ ބާޑިއާ ވަނީ ދިފާއުކޮށްފައެވެ.
ފުރަތަމަ ހާފާ ޚިލާފަށް ދެވަނަ ހާފުގައި ބާސާއިން މޮޅު ކުޅުމެއް ދެއްކިއިރު، މި ހާފު ފަށައިގެން ތިންވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މާޓިން ބްރެތުވެއިޓުގެ އެހީއާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ލިއޮނެލް މެސީއެވެ. އަދި މެޗުގެ 69 ވަނަ މިނެޓުގައި ފްރެންކީ ޑި ޔޮން ދިން ޕާހަކުން މެސީ ވަނީ އިތުރު ލަނޑެއް ޖަހައި، ބާސާއަށް ލީޑު ފުޅާކޮށްދީފައެވެ. ދެން މި މެޗުގައި ބާސާއިން ކާމިޔާބުކުރި އަނެއް ލަނޑު، 73 ވަނަ މިނެޓުގައި ބްރެތުވެއިޓުގެ އެހީއާއެކު ކާމިޔާބުކޮށްދިނީ ޖޯޑީ އަލްބާއެވެ.
މި މެޗުގައި ޖެހި ދެ ލަނޑާއެކު މި ސީޒަނުގެ ސްޕެނިޝް ލީގުގައި މިހާތަނަށް މެސީ 18 ލަނޑު ހަމަކުރިއިރު، އޭނާ ވަނީ ލަނޑު ލިސްޓުގެ އެއްވަނައަށް ޖެހިލާފައެވެ. ލަނޑު ލިސްޓުގެ ދެވަނައިގައި އޮތީ 16 ލަނޑާއެކު އެތުލެޓިކޯ މެޑްރިޑުގެ ފޯވާޑް ލުއިސް ސުއަރޭޒެވެ.
ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ބާސާ މޮޅުވިއިރު، މި މޮޅާއެކު އެ ޓީމު އޮތީ ތާވަލުގެ ތިންވަނައިގައި ކުޅުނު 24 މެޗުން ލިބުނު 50 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް އެތުލެޓިކޯއަށް 23 މެޗުން 55 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް 24 މެޗުން ލިބިފައިވަނީ 52 ޕޮއިންޓެވެ. އަދި ބާސާ އަތުން ބަލިވި އެލްޗޭ އޮތީ ތާވަލުގެ ފުލުން ދެވަނައިގައި 23 މެޗުން 21 ޕޮއިންޓާއެކުއެވެ.