ކ. މާލެ
|
24 ފެބްރުއަރީ 2021 | ބުދަ 23:48
ކޮވިޑް ވެކްސިން ޖެހުމަށް ތައްޔާރުވަނީ
ކޮވިޑް ވެކްސިން ޖެހުމަށް ތައްޔާރުވަނީ
އަލްޖަޒީރާ
ހަރޑް އިމިޔުނިޓީ ލިބުން
އެމެރިކާ އާއި އިނގިރޭސިވިލާތަށް މިއަހަރު ތެރޭ ހަރޑް އިމިޔުނިޓީ ލިބޭނެ: ދިރާސާ
އެމެރިކާގައި ދުވާލެއްގެ މައްޗަށް 1.6 މިލިއަން ޑޯޒް އަންނަނީ ޖަހަމުން
އިނގިރޭސިވިލާތުގައި އާންމު ގޮތެއްގައި ދުވާލެއްގެ މައްޗަށް 434،444 ޑޯޒް އަންނަނީ ޖަހަމުން
ބައެއް ސައިންޓިސްޓުން ގަބޫލުކުރާ ގޮތުގައި ހަރޑް އިމިޔުނިޓީ ހޯދުމަށް އާބާދީގެ 70 އިންސައްތަ ނުވަތަ އެއަށްވުރެ ގިނަ މީހުންނަށް ވެކްސިން ދޭންޖެހޭ

އެމެރިކާ އާއި އިނގިރޭސިވިލާތުގައި ދުވާލެއްގެ މައްޗަށް ވެކްސިން ޖަހަމުންދާ އަދަދުތަކަށް ބަލާއިރު މިއަހަރު ނިމުމުގެ ކުރިން އެގައުމުތަކަށް ހަރޑް އިމިޔުނިޓީ ލިބޭނެކަމަށާއި ނަމަވެސް ޔޫރަޕްގެ މައި ގައުމުތަކަށް އެކަން ނުވާނެކަމަށް ދިރާސާ ރިޕޯޓެއްގައި ބުނެފިއެވެ.

ޖަރުމަނުވިލާތުގެ ޑާޓާބޭސް ފަރމެއް ކަމުގައިވާ ސްޓަޓިސްޓާ އިން ގައުމުތަކުގައި ދުވާލެއްގެ މައްޗަށް ވެކްސިން ދެމުންދާ އަދަދުތަކަށް ބަލައިގެން ވަނީ ދިރާސާއެއްކޮށްފައެވެ. އަންގާރަ ދުވަހު މިދިރާސާ ޝާއިއުކޮށްފައިވާއިރު ފެބްރުއަރީ މަހުގެ އަދަދުތަކަށް ބަލާއިރު އެމެރިކާގައި ދުވާލެއްގެ މައްޗަށް 1.6 މިލިއަން ޑޯޒް އަންނަނީ ޖަހަމުންނެވެ. އިނގިރޭސިވިލާތުގައި އާންމު ގޮތެއްގައި ދުވާލެއްގެ މައްޗަށް 434،444 ޑޯޒް އަންނަނީ ޖަހަމުންނެވެ. ޖަރުމަނުގައި ދުވާލެއްގެ މައްޗަށް ޖަހަނީ 110،714 ޑޯޒް ކަމަށާއި ފްރާންސްގައި ޖަހަމުންދަނީ ދުވާލެއްގެ މައްޗަށް 96،706 ޑޯޒް އަދި އިޓަލީގައި ޖަހަމުން އަންނަނީ ދުވާލެއްގެ މައްޗަށް 67،887 ޑޯޒް ކަމަށް މިރިޕޯޓްގައި ބުނެފައިވެއެވެ.

އެމެރިކާ އާއި އިނގިރޭސިވިލާތުގައި ދުވާލަކު ވެކްސިން ދެމުން އަންނަނީ މިއަހަރު ނިމެންވާއިރު ހަރޑް އިމިޔުނިޓީ ލިބޭވަރަށް. އެހެންނަމަވެސް ޔޫރަޕްގެ ބައެއް ގައުމުތަކުގައި މިހާރު ދުވާލަކު ވެކްސިން ޖަހަމުން އަންނަ އަދަދުގެ ތިން ގުނަ އަށް ވެކްސިން ޖަހައިގެން ނޫނީ މިއަހަރު ނިމެންވާއިރު ހަރޑް އިމިޔުނިޓީއެއް ނުލިބޭނެ.
ސްޓަޓިސްޓާ ރިޕޯޓް

އެމެރިކާ އާއި އިނގިރޭސިވިލާތަކީ ކޮވިޑްގެ ހާލަތަށް ބަލާއިރުވެސް ހާލަތު ގޯސް ދެ ގައުމެވެ. އެމެރިކާ އަކީ މިބަލީގައި އެންމެ ގިނަ އަދަދެއްގެ މީހުން މަރުވަމުން އަންނަ ގައުމެވެ. އިނގިރޭސިވިލާތަކީ ފަސް ވަނައަށް އެންމެ ގިނަ އަދަދެއްގެ މީހުން މަރުވެގެން ރިޕޯޓްކުރަމުން އަންނަ ގައުމެވެ.

ރިޕޯޓް ބުނާގޮތުން އެމެރިކާ ވެގެންދަނީ ޖީ20ގެ ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ހަރޑް އިމިޔުނިޓީ ލިބޭނެ ގައުމަށެވެ. އަދި އިނގިރޭސިވިލާތް ވެގެންދަނީ ޔޫރަޕްގެ ބޮޑެތި ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ހަރޑް އިމިޔުނިޓީ ލިބޭނެ ގައުމަށެވެ.

އިނގިރޭސިވިލާތުގައި އުމުރުން ދޮށީ މީހުންގެ ތެރެއިން ތިން ބައިކުޅަ އެއް ބަޔަށްވުރެ ގިނަ މީހުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.

ޔޫރަޕްގައި ވެކްސިން ފޯރުކޮށްދޭ ސްޕީޑްގައި ލަސްކަމެއް:

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ބުނާ ގޮތުން ކޮވިޑަށް ހަރޑް އިމިޔުނިޓީ ލިބޭނީ އާބާދީގެ ކިހާ އިންސައްތައަކަށް ވެކްސިން ދީގެން ކަމެއް އަދި ސާފެއް ނޫނެވެ.

ސައިންޓިސްޓުން އަންދާޒާކުރާ ގޮތުގައި ހަރޑް އިމިޔުނިޓީ އެކި އާބާދީ ތަކުގައި ލިބޭނީ އާބާދީގެ އެކި މިންވަރަށް ވެކްސިން ދީގެންނެވެ. ބައެއް ސައިންޓިސްޓުން ގަބޫލުކުރާ ގޮތުގައި ހަރޑް އިމިޔުނިޓީ ހޯދުމަށް އާބާދީގެ 70 އިންސައްތަ ނުވަތަ އެއަށްވުރެ ގިނަ މީހުންނަށް ވެކްސިން ދޭންޖެހޭނެއެވެ. ސްޓަޓިސްޓާގެ މޮޑަލުން ދައްކަނީ އާބާދީގެ 70 އިންސައްތަ އަށް ވެކްސިން ދީގެން ނޫނީ ހަރޑް އިމިޔުނިޓީ ނުލިބޭނެކަމުގައެވެ.

އެހެންކަމުން މިއަދަދަށް ބަލާނަމަ ފްރާންސް، ޖަރމަނީ އަދި އިޓަލީގައި ދުވަލެއްގެ މައްޗަށް ވެކްސިން ދޭ މިންވަރު އިތުރުކޮށްގެން ނޫނީ މިއަހަރު ތެރޭގައި އެގައުމުތަކަށް ހަރޑް އިމިޔުނިޓީއާ ހިސާބަށް ނުދެވޭނެއެވެ.

ޖަރުމަނުގައި ދުވާލެއްގެ މައްޗަށް 315،200 މީހުންނަށް ވެކްސިން ދީގެން ނޫނީ އާބާދީގެ 70 އިންސައްތައަށް މިއަހަރު ނިމެންވާއިރަށް ވެކްސިންދީ ނުނިމޭނެއެވެ. ފްރާންސްގައި ދުވާލަކު 246،500 މީހުންނަށް ވެކްސިން ދޭންޖެހޭނެއެވެ. އިޓަލީގައި 229،900 މީހުންނަށް ދުވާލަކު ވެކްސިން ދޭންޖެހޭނެއެވެ.

ޔޫރަޕްގެ މިގައުމުތަކުގައި އެކަށީގެންވާ މިންވަރަށް ވެކްސިން ޖަހަމުން ނުދަނީ ސިޔާސީ ގޮތުން ހުރި ތަފާތުކުރުންތަކާއި އެއްބަސްވެފައިވާ ތާރީޚުތަކުގައި ވެކްސިން ލިބެމުން ނުދާތީއެވެ. ވެކްސިން އުފައްދާ ކުންފުނިތަކަށް ދުނިޔެ ބޭނުންވާ މިންވަރަށް ވެކްސިން އުފެއްދެމުންނެއް ނުދެއެވެ. އެހެންކަމުން ކުރިން އެއްބަސްވެފައިވާ ގޮތަށް ވެކްސިން ލިބެމުންނެއްނުދެއެވެ.

އަނެއްކޮޅުން ޔޫރަޕިއަން ކޮމިޝަނުން ވެކްސިނަށް ހުއްދަ ދިނުމުގައި މާ ގިނަ ދުވަސްތަކެއް ނެގުމަކީވެސް ޔޫރަޕްގެ ބޮޑެތި ގައުމުތަކަށް ވެކްސިން ހަލުވި މިނެއްގައި ނުލިބޭ ސަބަބެކެވެ. ހޫނު މޫސުން ނިމެންވާއިރު ޔޫރަޕްގެ އުމުރުން ދޮށީ މީހުންގެ އާބާދީގެ 70 އިންސައްތައަށް ވެކްސިން ދިނުމަކީ އަމާޒެކެވެ. އެއަމާޒު ހާސިލްކުރުމަށް ޔޫރަޕުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

- ކޮމެންޓް