ސާފު، ދުޅަހެޔޮ އަދި ދެމެހެއްޓެނިވި ތިމާވެއްޓެއް ނެތި، އިންސާނީ ހައްގުތަށް ރައްކާތެރި ނުކުރެވޭނެކަަމަށް ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ފޮރިން ސެކްރެޓަރީ މިހެން ވިދާޅުވީ "ދަ ކޭސް ފޮރ ދި ޔުނިވަރސަލް ރިކޮގްނިޝަން އޮފް ދަ ރައިޓް ޓު އަ ސޭފް، ކްލީން، ހެލްތީ އެންޑް ސަސްޓެއިނަބަލް އެންވާރަމެންޓް" މިނަމުގައި އދ.ގެ އިންސާނީ ހައްޤުތަކާ ބެހޭ ކައުންސިލްގެ 46 ވަނަ ބައްދަލުވުމުގެ ހަވާސާގައި ޔުނިވަރސަލް ރައިޓްސް ގްރޫޕްއިން އިންތިޒާމްކޮށްގެން ބޭއްވި ވަރޗުއަލް ބައްދަލުވުމުގައި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދުގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން ސެކްރެޓެރީ ވަނީ އިންސާނީ ހައްގުތަކާއި ތިމާވެއްޓާ ހުރި ގުޅުމާ ބެހޭގޮތުން ދިގު މުއްދަތަކަށް ކުރެވެމުންދާ މަޝްވަރާތަކަށް އަލިއަޅުވާލާފައެވެ. އަދި ބައިނަލްއަގްވާމީ މައިދާނުގައި ކުރެވޭ ބަހުސްތަކުގައި މޫސުމަށް އަންނަ ބަދަލުތަކާއި އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގެ މުހިންމުކަން އަންގައިދިނުމުގައި ދިވެހިރާއްޖެއިން އަދާކޮށްފައިވާ ދައުރުގެ މުހިންމުކަމަށް ވެސް އަލިއަޅުވާލެއްވިއެވެ. މިގޮތުން ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އިންސާނީ ހައްގުތަކާއި ތިމާވެއްޓަށް ޚާއްސަ ރެޕެޓުއަރއެއް 2012 އަހަރު އައްޔަން ކުރެވުނުކަން ފޮރިން ސެކްރެޓަރީ ވަނީ ފާހަގަކޮށްފައެވެ.
ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ދިމާވާ ގެއްލުންތަކުގެ ސަބަބުން ރައްޔިތުންގެ، އަދި ޚާއްސަކޮށް ދިވެހިންގެ، ސަލާމަތާއި ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ކަނޑުގެ ލޮނުގަނޑު އުސްވުމުން ދިވެހިރާއްޖެ ފަދަ ނާޒުކު ގައުމަކަށް ނޭދެވޭ އަސަރުކުރާނެކަން ފޮރިން ސެކްރެޓަރީ ޣަފޫރުވަނީ ފާހަގަކުރައްވާފައެވެ. އަދި ދިވެހި ސަރުކާރުން ތިމާވެށި ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ވެސް ޣަފޫރު އަލިއަޅުއްވާލައްވާފައިވެއެވެ. ވާހަކަފުޅު ނިންމަވާލަމުން ފޮރިން ސެކްރެޓަރީ ޣަފޫރު ވަނީ އިންސާނީ ހައްގުތަކާއި ތިމާވެއްޓާ ބެހޭ އދ.ގެ ކޯރ ގްރޫޕުން ކުރަމުންދާ މަސައްކަތަށް މެމްބަރު ގައުމުތަކުގެ އެއްބާރުލުންދެއްވުމަށް އެދިވަޑައިގެންފައެވެ.
ތިމާވެށި ރައްކާތެރިކުރުމާއި ހިމާޔަތްކުރުމަށް ކުރެވޭނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވުނު މި ބައްދަލުވުމުގައި އިންސާނީ ހައްގުތަކާއި ތިމާވެށީގެ މިހާރުގެ ޚާއްސަ ރެޕެޓުއަރ ޑޭވިޑް ބޯއިޑް، އަދި ކުރީގެ ރެޕެޓުއަރ ޖޯން ނޮކްސްގެ އިތުރުން ޔުނިވަރސަލް ރައިޓްސް ގްރޫޕްގެ އެގްޒެކެޓިވް ޑިރެކްޓަރ މާކް ލިމަންގެ ޕްރެޒެންޓޭޝަނެއް ވަނީ ހުށަހަޅާފައެވެ. މި ބައްދަލުވުމުގައި އިންސާނީ ހައްގުތަކާއި ތިމާވެއްޓާއި ބެހޭ ކޯ ގްރޫޕްގެ މެމްބަރު ގައުމުތަކުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަތެވެ.