ސްޕެނިޝް ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ކަޑިޒްއާ އެއްވަރުވެ، ތާވަލުގެ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ ދެމެދު އޮތް ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު ބާސެލޯނާއިން ނަގާލައިފިއެވެ.
ބާސާގެ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މި މެޗަކީ ބާސާއަށް ލީގުގައި މެސީ ކުޅެދިން 506 ވަނަ މެޗެވެ. އެއާއެކު އޭނާ ވަނީ ލީގުގައި އެންމެ ގިނަ މެޗު ކުޅެދީގެން ބާސާގެ ކުރީގެ މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް ހަދާފައިވާ ރިކޯޑު މުގުރާލާފައެވެ.
އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގައި ބާސާއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލިޑު ނެގީވެސް އެ ޓީމުންނެވެ. އެގޮތުން މެޗުގެ 32 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ލިއޮނެލް މެސީއެވެ. މިއީ އޭރިއާ ތެރެއިން ބާސާގެ ޕެޑްރީއަށް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. މި މެޗުގައި ލަނޑު ޖެހުމާއެކު މެސީ މިހާރު ވަނީ ސްޕެނިޝް ލީގުގައި ތަފާތު 38 ކުލަބާ ދެކޮޅަށް ލަނޑު ޖަހާފައެވެ.
މި މެޗުގައި ބާސާއިން ގިނަ ހަމަލާތަކެއް އުފެއްދިއިރު، ދެވަނަ ހާފުގައި ލީޑު ފުޅާކުރަން އެ ޓީމުގެ އޮސްމާނޭ ޑެމްބެލޭ އާއި މެސީއަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެއާއެކު ކަޑިޒްއިން ނަތީޖާ އެއްވަރުކުރީ މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެލެކްސް ފެނާންޑޭޒްއެވެ. މިއީ އޭރިއާ ތެރެއިން ކަޑިޒްގެ ރުބެން ސޮބްރީނޯއަށް ބާސާގެ ޑިފެންޑަރު ކްލެމެންޓް ލޯންގްލޭ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.
މި ނަތީޖާއާއެކު ބާސާ އޮތީ ތާވަލުގެ ތިންވަނައިގައި ކުޅުނު 23 މެޗުން ލިބުނު 47 ޕޮއިންޓާއެކުއެވެ. މި ހަފުތާގައި ކުޅުނު މެޗުން ބަލިވި އެތުލެޓިކޯ އެއްވަނައިގައި އޮތީ 23 މެޗުން 55 ޕޮއިންޓާއެކުއެވެ. އަދި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް އޮތީ ތާވަލުގެ ދެވަނައިގައި 24 މެޗުން 52 ޕޮއިންޓާއެކުއެވެ.