ކޮވިޑް-19ށް ވެކްސިން ޖެހުމަށް ފަހު ގދ. ގައްދޫން މަރުވި އުމުރުން 93 އަހަރުގެ ފިރިހެން މީހާގެ އަނބިމީހާ ވެސް ވެކްސިން ޖެހި ފަހުން މަރުވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޑިރެކްޓަރ އަހުމަދު ނާޞިރު ވިދާޅުވީ އެ އަންހެން މީހާ މަރުވީ ހޮނިހިރު ދުވަހުގެ ރޭ ކަމަށެވެ. އުމުރުން 81 އަހަރުގެ އެ އަންހެން މީހާ މަރުވީ ގދ. ތިނަދޫގައި ޑރ. އަބްދުއްސަމަދު މެމޮރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނާޞިރު ވިދާޅުވީ އެ ދެ ކޭސް ވެސް މިހާރު ބަލަމުން އަންނަ ކަމަށެވެ.
އުމުރުން 93 އަހަރުގެ އެ ފިރިހެން މީހާ މަރުވީ ހުކުރު ދުވަހުއެވެ. އޭނާގެ އަނބިމީހާ ހޮނިހިރު ދުވަހުގެ ރޭ މަރުވި އިރު އެ ދެމީހުން ވެސް ވެކްސިން ޖެހީ މި މަހުގެ 17 ވަނަ ދުވަހުއެވެ. އެޗްޕީއޭއިން މައުލޫމާތު ދިން ގޮތުގައި އެ ފިރިހެން މީހާ އަކީ ބަލި ހާލަތުގެ ސަބަބުން އެނދުމަތިކޮށްގެން ފަރުވާދެމުން ދިޔަތާ 10 އަހަރުވެފައިވާ މީހެކެވެ. އެހެންވެ އޭނާގެ އެކި ކަހަލަ ސިއްހީ މައްސަލަތައް ހުރި ކަމަށް ވެސް ބުންޏެވެ.
އެ އަންހެން މީހާ އަކީ ވެސް ސިއްހީ މައްސަލަތަކެއް ހުރެ ފަރުވާދެމުން ދިޔަ މީހެއް ކަމަށް އެޗްޕީއޭއިން ބުނި ނަމަވެސް އެމީހާގެ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ. އެނގިފައިވާ ގޮތުގައި އެ ދެމަފިރިން ވެސް ވެކްސިން ޖެހުމަށް ފަހު އޭގެ ސައިޑް އެފެކްޓްގެ ގޮތުން ހުން އައިސް ބަލިވެފައިވެއެވެ.