މުޅި ރާއްޖެއިން ކޮވިޑް-19ށް ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު 70،000ށް އަރައިފިއެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން ހޮނިހިރު ދުވަހު ވެކްސިން ޖެހި 5،283 މީހުންނާ އެކު ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 70،009ށް އަރާފައެވެ. ތަފާސްހިސާބުތައްދައްކާ ގޮތުން 3،755 މީހުން ވެކްސިން ޖެހީ މާލެ ސަރަހައްދުންނެވެ. އަދި އަތޮޅުތެރެއިން ވެކްސިން ޖެހީ 1،528 މީހުންނެވެ.
ޖުމްލަ 70،009 މީހުން ވެކްސިން ޖަހާފައިވާއިރު، އޭގެ ތެރެއިން 53،669 މީހުން ވެކްސިން ޖެހީ މާލެ ސަރަހައްދުންނެވެ. އަދި އަތޮޅުތެރެއިން ވެކްސިން ޖެހީ 16،340 މީހުންނެވެ.
އެޗްއީއޯސީން ހޮނިހިހު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ވެކްސިން ޖެހި މީހުންގެ ތެރެއިން މިހާތަނަށް 60 އަހަރާއު 69 އަހަރާ ދެމެދުގެ 3،000އެއްހާ މީހުންނަށް ވެކްސިން ޖަހާފައިވާ ކަމަށެވެ. އަދި 70 އަހަރާއި 79 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން 1،600 މީހުންނަށް އަދި 80 އަހަރާއު 80 އަހަރުން މަތީގެ 759 މީހުންނަށް ވެކްސިން ޖަހާފައިވާ ކަމަށެވެ.
"ދިފާޢު" ގެ ނަމުގައި ވެކްސިން ޖެހުމުގެ ޤައުމީ ކެމްޕޭން ރާއްޖޭގައި ފަށާފައިވަނީ ފެބްރުއަރީ 1 ވަނަ ދުވަހުއެވެ. އޭގެފަހުން ރާއްޖޭގައި ކޮންމެ ދުވަހަކު ވެސް ވެކްސިން ޖަހަމުން އައިސް ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު އެޗްޕީއޭއިން ބުނެފައިވަނީ މީގެ ފަހުން ހުކުރު ދަވަސްތަކުގައި ވެކްސިން ނުޖަހާނެކަމަށާއި ދެން ވެކްސިން ޖަހާނީ ކޮންމެ ހަފްތާއެއްގެވެސް ހޮނިހިރުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް ކަމަށެވެ.
ރާއްޖޭގައި މިހާރު ވަނީ އުމުރުން 35 އަހަރުން މަތީގެ އެންމެނަށް ވެސް ވެކްސިން ޖެހޭ ގޮތަށް ފުރުސަތު ހުޅުވާލާފައެވެ. އަދި އަމިއްލަ ކުންފުނިތަކާއި، މަސައްކަތުގައި އުޅޭ މުވައްޒަފުންނަށް ވެސް މިހާރު ވަނީ ވެކްސިން ޖަހަން ހުޅުވާލާފައެވެ.
މުޅި ރާއްޖޭގައި ވެކްސިން ޖަހަން ފަށާފައިވާއިރު އަދި ރާއްޖޭގައި ބޭނުން ކުރަނީ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން ތައްޔާރުކުރި ކޮވިޝީލްޑް ވެކްސިންއެވެ. މި ވެކްސިނަށް މިހާރު ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިމަޖެންސީކޮށް ބޭނުންކުރުމުގެ ހުއްދަވެސް ލިބިފައެވެ. ރާއްޖެއަށް ޗައިނާގެ ސިނޮފާމް ވެކްސިން ލިބިފައިވީ ނަމަވެސް އަދި ބޭނުންކުރާކަށް ނުފަށައެވެ.