ރާއްޖެއިން އިތުރު 145 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ ޖުމްލަ އަދަދު 18،612ށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެ ފަހުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވި 24 ގަޑިއިރު މާލެ ސަރަހައްދުން 89 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި އަތޮޅުތެރެއިން 22 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ރިސޯޓްތަކުން 32 މީހުން ޕޮޒިޓިވްވެފައިވާއިރު ލައިވްއެބޯރޑްތަކުން 2 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ފާއިތުވި 24 ގަޑިއިރު ވަނީ 3883 ސާމްޕަލެއް ޓެސްޓްކޮށްފައެވެ. ރާއްޖޭގައި މިވަގުތު 2484 މީހުން އަންނަނީ ކޮވިޑަށް ފަރުވާ ހޯދަމުންނެވެ. މީގެތެރެއިން 162 މީހުންނަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ. މިބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދަކީ 16،061 މީހުންނެވެ.
ހޮނިހިރު ދުވަހު ރާއްޖޭގައި ކޮވިޑް ޖެހިގެން ދެ މީހަކު ނިޔާވެފައިވާއިރު މިބަލީގައި ނިޔާވި މީހުންގެ ޖުމްލަ އަދަދު ވަނީ މިހާރު 60ށް އަރާފައެވެ. ނިމިގެންދިޔަ 24 ގަޑި އިރު ތެރޭގައި ވެސް ދެ މީހަކު ވަނީ ނިޔާވެފައެވެ.
ރާއްޖޭގައި ޖެނުއަރީ މަހުގެ 24ން ފެށިގެން ދުވާލެއްގެ މައްޗަށް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އަންނަނީ 100ން މަތިން ރިޕޯޓްކުރަމުންނެވެ. ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހިގެން ރިކޯޑް ކުރާ އަދަދުތައް ސަތޭކައިން ތިރި ނުވެ ހުންނަތާ މަހެއްވާން އަންނައިރު ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުން ބަދަލެއް އަންނަ މަންޒަރެއް ނުފެނެއެވެ.
ހޮނިހިރު ދުވަހުގެ ރޭ ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިމިޔުނިޒޭޝަން ކޮމިޓީގެ ޗެއަރޕާސަން ޑރ ނަޒްލާ މުސްތަފާ ވިދާޅުވީ ކޭސްތައް އިތުރުވަމުން ދިޔަނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަންދޭ މިންވަރު އިތުރުނުވާކަމަށެވެ. އަދި ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުން ބަދަލެއް ފެންނަމުންނުދާކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.
އަނެއްކޮޅުން ކޮވިޑްގެ އައު ވޭރިއަންޓް ރާއްޖޭގައި އުޅޭކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ވަނީ ހާމަކޮށްފައެވެ. މިއާއެކުވެސް ރާއްޖޭގައި ކޭސްތައް ކޮންޓްރޯލްކުރުމަށް ދަތިތައް ދިމާވަމުން އަންނަ ކަމަށް ވަނީ ބެލެވިފައެވެ.
ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން މާލެ ސަރަހައްދުގައި މިފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުން ފެށިގެން އިރުއޮއްސި 6ން ފަތިހު 6ށް ވަނީ ވެހިކަލް ދުއްވުން މަނާކޮށްފައެވެ. އަދި ރޭގަނޑު 11ން ފެށިގެން 4:30ށް އަންނަނީ ކާފިއު ހިންގަމުންނެވެ.