ކ. މާލެ
|
20 ފެބްރުއަރީ 2021 | ހޮނިހިރު 16:08
އޮސްޓްރޭލިއަން އޯޕަންގެ ތައްޓާއެކު ޖަޕާނުގެ ނައޯމީ އޮސާކާ
އޮސްޓްރޭލިއަން އޯޕަންގެ ތައްޓާއެކު ޖަޕާނުގެ ނައޯމީ އޮސާކާ
އޭއެފްޕީ
އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް
އޮސްޓްރޭލިއަން އޯޕަން: އަންހެން ސިންގަލްސް ޗެމްޕިއަންކަން އޮސާކާއަށް
އޮސާކާ ޗެމްޕިއަންކަން ހޯދީ ޖެނިފާ ބްރޭޑީ އަތުން މޮޅުވެގެން
މިއީ އޮސާކާ ކާމިޔާބުކުރި ހަތަރުވަނަ ގްރޭންޑް ސްލޭމް މުބާރާތް

މިހާރު ކުރިއަށްދާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ޖަޕާނުގެ ނައޯމީ އޮސާކާ ހޯދައިފިއެވެ.

މިއީ އޮސާކާ ކާމިޔާބުކުރި ހަތަރުވަނަ ގްރޭންޑް ސްލޭމް މުބާރާތެވެ. އަދި މިހާތަނަށް ގްރޭންޑް ސްލޭމް މުބާރާތެއްގެ ފައިނަލުން އޮސާކާ ބަލިވެފައި ނުވާއިރު، މިއީ އޭނާ އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން އޭނާ މި މުބާރާތް ކާމިޔާބުކުރީ 2019 ވަނަ އަހަރެވެ.

މި އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން އޮސާކާ ހޯދީ ހޮނިހިރު ދުވަހު ކުޅުނު ފައިނަލް މެޗުގައި އެމެރިކާގެ ޖެނިފާ ބްރޭޑީ އަތުން ސީދާ ދެ ސެޓުން ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ ސެޓުތައް އޮސާކާ ގެންދިޔައީ 6-4 އަދި 6-3 ންނެވެ.

ބްރޭޑީ ބަލިކޮށް އޮސާކާ އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކުރިއިރު، މި ދެ ކުޅުންތެރިން ވަނީ 2020 ވަނަ އަހަރުގެ ޔޫއެސް އޯޕަންގެ ސެމީ ފައިނަލުގައި ވާދަކޮށްފައެވެ. އެ މެޗުން މޮޅުވީ އޮސާކާއެއެވެ. އަދި ހޮނިހިރު ދުވަހު ކުޅުނު ފައިނަލް މެޗުން އޮސާކާ މޮޅުވިއިރު، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އަދި މިހާތަނަށް މެޗަކުން އޭނާ ބަލިވެފައެއް ނުވެއެވެ. އެގޮތުން އެންމެ ފަހުން ކުޅުނު 20 މެޗުންވެސް އޮސާކާ ވަނީ މޮޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް