ހިޔާ މަޝްރޫއުގައި ސަރުކާރުގެ ކުންފުނިތަކުން އަޅާ އެއްކޮޓަރީގެ ފުލެޓުތައް ވިޔަފާރި އުސޫލުން ވިއްކަމުން ނުދާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.
ބައެއް މީޑިއާތަކުގައި އެމްޕީއެލްގެ އޮފިޝަލަކާ ހަވާދީ ރިޕޯޓުކޮށްފައިވަނީ ހިޔާ މަޝްރޫއުގައި ސަރުކާރުގެ ކުންފުނިތަކުން އަޅާ އެއްކޮޓަރީގެ ފުލެޓުތަކުގެ ތެރެއިން އެމްޕީއެލްއިން އެޅުމަށް ހަމަޖެހިފައިވާ 534 ފްލެޓްތަކުގެ ތެރެއިން އެ ކުންފުނިން އަޅާ ހިޔާގެ އެއްކޮޓަރީގެ 204 ފުލެޓު ވިޔަފާރި އުސޫލުން ވިއްކާލާފައިވާ ކަމަށެވެ.
މިމައްސަލައާ ގުޅިގެން ރާއްޖެއެމްވީއަށް އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު، ޝާހިދު އަލީ ވިދާޅުވީ ވިޔަފާރި އުސޫލުން ފެލެޓް ނުވިއްކާ ކަމަށާއި، ފަތުރަމުންދަނީ ހަގީގަތާއި ހިލާފުވާހަކަތަކެއް ކަމަށެވެ.
ޝާހިދު ވިދާޅުވީ އެ ކުންފުނިން އަޅާ ހިޔާގެ އެއްކޮޓަރީގެ 204 ފުލެޓު ދިނުމަށް ހަމަޖެހިފައިވަނީ އެމްޕީއެލްގެ މުއައްޒަފުންނަށް ކަމަށެވެ.
ޝާހިދު ވިދާޅުވީ މިހާރު ފްލެޓް ލިބޭ ދާއިމީ ލިސްޓް އާއްމުކޮށްފައިވާ ކަމަށާއި، މުއައްޒަފުން ބުކިން ފީ ދައްކަމުންދާ ކަމަށެވެ. އަދި މިހާރު ޝެޑިއުލްކޮށްފައިވާ ގޮތަށް މަސައްކަތްތައް ކުރިއަށްދާނަމަ ސެޕްޓެންބަރު މަހުގެ ތެރޭގައި ނިމޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ހިޔާ މަޝްރޫއުގެ ތެރެއިން ފްލެޓްތައް ދޫކުރުމާއި ބެހޭ ގޮތުން ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށާއި، އެއްކޮޓަރީގެ އެޕަރޓްމެންޓުން އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށް ނުދެވޭ ކަމަށެވެ. އަދި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަގުސަދު ހާސިލްނުވާކަން އަކްރަމް ފާހަގަކުރެއްވިއެވެ.
އަކްރަމް ވިދާޅުވީ ހިޔާ މަޝްރޫއުގެ ތެރެއިން އެއްކޮޓަރީގެ އެޕަރޓްމެންޓްތައް އިމާރާތް ކުރުމުގެ މަސައްކަތްތައް ކުރަނީ ކުންފުނިތަކުން ކަމަށްވާތީ، އެފްލެޓްތަކަށް ހަދާނެ ގޮތް ނިންމަން ވެސް ކުންފުނިތަކަށް ދޫކޮށްލާފައިވާ ކަމަށެވެ.
މީގެ އިތުރުން އަކްރަމް ވިދާޅުވީ އަލަތު ކައިވެނި ކުރާ ފަރާތްތަކަށް ޚާއްސަކުރި ކެޓަގަރީއަކީ އޭރުގެ ސަރުކާރުން ސިޔާސީ ގޮތުން ކުރި ކެންޕޭނެއް ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހިޔާ މަޝްރޫއުގެ ދަށުން ކުރީ ސަރުކާރުން އެއްކޮޓަރީގެ އެޕަރޓްމަންޓް އިމާރާތްކޮށްފައި ނުވެއެވެ.
އާންމުންނަށް ދޫކުރަން އެކަށީގެންވާ ވަރަށް ފެލްޓު ގަންނަން ލިބެން ނެތް ކަމަށް ބުނެ ހިޔާ މަޝްރޫގެ ތިން ކެޓެގަރީއަކަށް ހުށަހަޅާފައިވާ ފޯމުތައް ބާތިލްކޮށްފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. މިނިސްޓްރީން ބުނީ ހިޔާ މަޝްރޫއުގައި ދޫކުރަން ނިންމާފައިވާ އެއް ކޮޓަރީގެ ފްލެޓުތަކަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސަރުކާރު ބައެއް ކުންފުނިތަކުން އަޅާ ޓަވަރުތަކުން ސަރުކާރަށް ދޫކުރުމަށް ކަނޑައަޅާފައިވާ ބައިން ހަމަޖައްސާފައިވާ ފްލެޓުތަކެއް ކަމަށެވެ.
އެގޮތުން ބައެއް ކުންފުނިތަކުން ޓަވަރުތައް އެޅުން ހުއްޓާލާފައިވުމާއެކު އެއް ކޮޓަރީގެ ފްލެޓް ކެޓަގަރީން ދޭނެ ފްލެޓް އެކަށީގެންވާ ވަރަށް ނެތުމުން އެތިން ކެޓެގަރީއެއް ފޯމުތައް ބާތިލްކުރަން ނިންމީ ކަމަށެވެ.
އެއީ 18 އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ މީހުންނަށް ހާއްސަ (1 ކޮޓަރީގެ އެޕާޓްމަންޓް) (H11)، މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޚާއްސަ (1 ކޮޓަރީގެ އެޕާޓްމަންޓް) (H13) އަދި އަލަތު ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް ޚާއްސަ (1 ކޮޓަރީގެ އެޕާޓްމަންޓް) (H15) އެވެ.
ހިޔާ މަޝްރޫއު ފްލެޓުތަކުގެ ލިސްޓު އާންމުކުރުމުންވެސް އެ ލިސްޓާ މެދު އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރި އިރު ސަރުކާރުން ބުނީ އެ ކަންބޮޑުވުންތަކަށް ވެސް ބަލައި ޝަކުވާ ހުރި ނަމަ ހައްލުކޮށްދޭނެ ކަމަށެވެ. އަދި މިހާރު ފްލެޓު ލިބިފައިވާ މީހުންނަށް މި އަހަރު މެދު ތެރޭގައި ފްލެޓަށް ވަދެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.