ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަން މެޗުތައް އަނެއްކާވެސް ފަސްކޮށްފިއެވެ.
މިއީ ކޮވިޑް-19 އާ ގުޅިގެން ކޮލިފައިންގ މެޗުތައް ފަސްކުރި ތިންވަނަ ފަހަރެވެ. އެގޮތުން މިދިޔަ އަހަރު މާޗް މަހު ކުޅެން އޮތް މެޗުތައް އެންމެ ފުރަތަމަ ފަސްކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާއި ނޮވެމްބަރު މަހު މެޗުތައް ކުޅުމަށެވެ. އެކަމަކު ފަހުން ވަނީ މި އަހަރުގެ މާޗު މަހާއި ޖޫން މަހުގައި މެޗުތައް ކުޅުމަށް ތާވަލުކޮށްފައެވެ.
އޭއެފްސީން ހުކުރު ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ އަންނަ މާޗު މަހު ކުޅެން ހަމަޖެހިފައިވާ މެޗުތަކުގެ ތެރެއިން ހަތަރު މެޗެއް ފިޔަވައި ދެން ހުރި ހުރިހާ މެޗެއް ކުޅޭނީ ޖޫން މަހު ކަމަށެވެ. އެހެންކަމުން މާޗު މަހު ރާއްޖޭން ކުޅެން އޮތް ދެ މެޗުވެސް ވަނީ ޖޫން މަހަށް ފަސްވެފައެވެ.
އެއީ މާޗު މަހުގެ 25 ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް އެ ގައުމުގައި ކުޅެން އޮތް މެޗާއި، މާލޭގައި އަމާޗު މަހު 30 ވަނަ ދުވަހު ސީރިއާއާ ބައްދަލުކުރަން އޮތް މެޗެވެ. ދެން ކޮލިފައިންގައި ރާއްޖެއަށް އޮތީ ޖޫން މަހު ރަށުން ބޭރުގައި ފިލިޕީންސާ ދެކޮޅަށް ކުޅެން އޮތް މެޗެވެ.
ކޮލިފިކޭޝަން މެޗުތައް ޖޫން މަހަށް ފަސްކުރިއިރު، ރާއްޖެ ހިމެނޭ ގްރޫޕް އޭގެ ބާކީ ހުރި މެޗުތައް ޗައިނާގައި އަންނަ ޖޫން މަހު ކުޅެން އެ ގައުމުން ވަނީ ހުށަހަޅާފައެވެ. އެގޮތުން ޗައިނާއިން އޭއެފްސީއަށް ހުށަހަޅާފައިވާ ހުށަހަޅާފައިވާ ޝެޑިއުލްގައިވާ ގޮތުން ބާކީ ހުރި މެޗުތައް ސެންޓްރަލައިޒް ކޮށްގެން، ޝަންހާއީގައި ކުރިއަށްގެންދާނީ ޖޫން މަހުގެ ތިންވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
މީގެ ކުރިން އޭއެފްސީގެ ކޮމްޕެޓިޝަން ޑިޕާޓްމަންޓުން ނިންމާފައިވަނީ ކޮލިފައިންގެ ދެވަނަ ބުރުގައި ބާކީ ހުރި މެޗުތައް ޖޫން މަހުގެ 15 ވަނަ ދުވަހުގެ ކުރިން ނިންމާލައި، ސެޕްޓެމްބަރު މަހުގެ ތެރޭގައި ފައިނަލް ބުރުގެ ކުޅުން ފެށުމަށެވެ.
އޭޝިއާ ސަރަހައްދުން ހަތަރު ގައުމެއް 2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވާއިރު، ކޮލިފައިންގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނައިގައެވެ. ގްރޫޕުގެ އެއްވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާއެކު ސީރިއާއެވެ. ޗައިނާ ހަތަރު މެޗުން ހަތް ޕޮއިންޓާއެކު ދެވަނައިގައި އޮތްއިރު، ތިންވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓު ހޯދާފައިވާ ފިލިޕީންސެވެ. ރާއްޖޭގެ ފަހަތުން ފަސްވަނައިގައި އޮތީ ފަސް މެޗު ކުޅެ ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.