މާލެ ސަރަހައްދުން ކަރަންޓު ކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ހޮނިހިރު ދުވަހު (ރޭގެ) ފަތިހު 05:40 އެހާކަންހާއިރު މާލެއިން ކަރަންޓު ކެނޑިފައިވާއިރު ސްޓެލްކޯއިން ވަނީ މައްސަލަ ހައްލު ކުރުމަށްފަހު ހެނދުނު 07:00 އެހާކަންހާއިރު އަލުން ކަރަންޓު ފޯރު ކޮށްދިނުމުގެ މަސައްކަތް ފަށާފައެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބޭ ގޮތުގައި ކަރަންޓު ކެނޑުނީ ޖެނެރޭޓަރަށް ތެޔޮ ފޯރުކޮށްދޭ ހޮޅިއެއް ފަޅައިގެން ދިއުމުގެ ސަބަބުންނެވެ.
މާލެ ސަރަހައްދުން ކަރަންޓު ދިއުމާއި ގުޅިގެން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ކަރަންޓު ނެތުމުގެ ސަބަބުން ލިބެމުންދާ އުނދަގޫތައް ހިއްސާ ކޮށްފައިވާއިރު ސްޓެލްކޯއިން ވަނީ ކަރަންޓު ނެތުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ.