ކ. މާލެ
|
19 ފެބްރުއަރީ 2021 | ހުކުރު 12:07
ސޮސިއެޑާޑާއި ޔުނައިޓެދް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުނައިޓެޑް މޮޅުވީ 4-0 ން
ސޮސިއެޑާޑާއި ޔުނައިޓެދް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ޔުނައިޓެޑް މޮޅުވީ 4-0 ން
ގެޓީ އިމޭޖަސް
ޔުއެފާ ޔޫރޮޕާ ލީގު
ޔުނައިޓެޑް މޮޅުވިއިރު، އާސެނަލް އެއްވަރު
ޔުނައިޓެޑް މޮޅުވީ ސޮސިއެޑާޑް އަތުން 4-0 ގެ ނަތީޖާއަކުން
ބެންފީކާ އާއި އާސެނަލް ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ން

ޔުއެފާ ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުން މެންޗެސްޓާ ޔުނައިޓެޑް މޮޅުވިއިރު، ފުރަތަމަ ލެގުން އާސެނަލް އެއްވަރުވެއްޖެއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ޔުނައިޓެޑް މޮޅުވީ ސޮސިއެޑާޑް އަތުން 4-0 ގެ ނަތީޖާއަކުންނެވެ. ކޮވިޑް-19 އާ ގުޅިގެން މި މެޗު ސްޕެއިނުގައި ހުންނަ ސޮސިއެޑާޑުގެ ދަނޑުގައި ކުޅެވޭ ގޮތް ނުވުމުން، މެޗު ކުޅެފައިވަނީ އިޓަލީގައި ހުންނަ ޔުވެންޓަސްގެ ދަނޑުގައެވެ.

މި މެޗުގައި ޔުނައިޓެޑުން މޮޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗުގެ 27 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލީޑު ނަގައިދިނީ ބްރޫނޯ ފެނާންޑޭސްއެވެ. އަދި ދެވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި ފެނާންޑޭސް ވަނީ އިތުރު ލަނޑެއް ޖަހައި ޔުނައިޓެޑަށް ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގައި ޔުނައިޓެޑުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، 65 ވަނަ މިނެޓުގައި މާކަސް ރަޝްފޯޑް ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހާފައެވެ. އަދި އޭގެ ފަހުން މެޗުގެ ފަހު މިނެޓުގައި ޔުނައިޓެޑުގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ޑެނިއަލް ޖޭމްސްއެވެ.

ބެންފީކާ އާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން

ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ބުރާސްފަތި ދުވަހުގެރޭ ބެންފީކާ އާއި އާސެނަލް ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މި މެޗު ޕޯޗުގަލުގައި ހުންނަ ބެންފީކާގެ ދަނޑުގައި ކުޅެން ހަމަޖެހިފައި އޮތް ނަމަވެސް، ކޮވިޑް-19 ގެ އުސޫލުތަކާ ގުޅިގެން މެޗު ކުޅެފައިވަނީ އިޓަލީގެ ރޯމުގައެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވާއިރު، ދެވަނަ ހާފުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބެންފީކާއިންނެވެ. މެޗުގެ 55 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަފޮންސޯ ފެނާންޑޭސްއެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން ބުކާޔޯ ސަކާ ވަނީ އާސެނަލަށް އެއްވަރުކޮށްދީފައެވެ.

މީގެ އިތުރުން ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ޓޮޓެންހަމް ހޮޓްސްޕާ ވަނީ ރަށުން ބޭރުގައި ވޮލްފްސްބާގާ އަތުން 4-1 ން މޮޅުވެފައެވެ. އަދި ސްލާވިއާ ޕްރާގުގެ ދަނޑުގައި ލެސްޓާ ސިޓީ ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އޭސީ މިލާނާއި ރެޑް ސްޓާ ބެލްގްރޭޑް ބައްދަލުކުރި މެޗު 2-2 ން އެއްވަރުވިއިރު، ގްރަނާޑާ ވަނީ އަމިއްލަ ދަނޑުގައި ނާޕޮލީ 2-0 ން ބަލިކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް