ވެކްސިން ޖެހުމުގެ ޤައުމީ ކެމްޕޭންގެ ދަށުން ދެން ވެކްސިން ޖަހާނީ ކޮންމެ ހަފްތާއެއްގެވެސް ހޮނިހިރުން ފެށިގެން ބުރާސްފަތު ދުވަހާ ހަމައަށްކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ، އެޗްޕީއޭއިން ހާމަކޮށްފިއެވެ.
"ދިފާޢު" ގެ ނަމުގައި ވެކްސިން ޖެހުމުގެ ޤައުމީ ކެމްޕޭން ރާއްޖޭގައި ފަށާފައިވަނީ ފެބްރުއަރީ 1 ވަނަ ދުވަހުއެވެ. ހުއްޓުމެއްނެތި ވެކްސިން ޖަހާތާ 18 ދުވަހަށް ފަހު މީގެ ފަހުން ހުކުރު ދަވަސްތަކުގައި ވެކްސިން ނުޖަހާނެކަން، އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ. ވެކްސިން ޖެހުމުގެ ޕްރޮގްރާމް ފެށިތާ ދެ ހަފްތާއަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، މީގެ ކުރީ ދެ ހުކުރުވެސް ވެކްސިން ޖަހާފައިވާ މިންވަރު މަދުކަން ފާހަގަކުރެވެއެވެ. އަދި ވެކްސިން ޖެހުމަށް އޮންްނަ ދަންފަޅިވެސް މަދުކަން ފާހަގަވެއެވެ. މިފަދަ ނިންމުމެއް ނިންމި ސަބަބުގެ ތަފްސީލެއް އެޗްޕީއޭއިން މިކަން ހާމަކޮށް ކުރި ޓުވީޓްގައި ހާމަކޮށްފައެއް ނުވެއެވެ.
އެޗްޕީއޭއިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ބުރާސްފަތި ދުވަހު ކޮވިޑް-19ށް ވެކްސިން ޖެހި މީހުންގެ އަދަދު 7،818ށް އަރާފައިވާ ކަމަށް ދައްކައެވެ. ޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މާލެ ސަރަހައްދުން ބުރާސްފަތި ދުވަހު ވެކްސިން ޖެހީ 5،998 މީހުންނެވެ. އަދި އަތޮޅުތެރެއިން ވެކްސިން ޖެހީ 1،820 މީހުންނެވެ.
މިއާއެކު ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 64،048ށް އަރާފައެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުން ވެކްސިން ޖެހީ 49،836މީހުންނެވެ. އަދި އަތޮޅުތެރެއިން ވެކްސިން ޖެހީ 14،212 މީހުންނެވެ.
މި މަހުގެ އެއް ވަނަ ދުވަހު މުޅި ރާއްޖޭގައި ވެކްސިން ޖަހަން ފަށާފައިވާއިރު އަދި ރާއްޖޭގައި ބޭނުން ކުރަނީ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން ތައްޔާރުކުރި ކޮވިޝީލްޑް ވެކްސިންއެވެ. މި ވެކްސިނަށް މިހާރު ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިމަޖެންސީ ޔޫޒް ހުއްދަވެސް ލިބިފައެވެ. ރާއްޖެއަށް ޗައިނާގެ ސިނޮފާމް ވެކްސިން ލިބިފައިވީ ނަމަވެސް އަދި ބޭނުންކުރާކަށް ނުފަށައެވެ.
ރާއްޖޭގައި މިހާރު އުމުރުން 18 އަހަރު ފުރިފައިވާ އެންމެނަށް ވެސް ވަނީ ވެކްސިން ޖަހަން ފަށާފައެވެ. އެގޮތުން އެންމެ ފުރަތަމަ ފްރަންޓްލައިން މުވައްޒަފުންނަށް ވެކްސިން ޖަހަން ފެށުމަށް ފަހު އެކި އުމުރު ފުރާތަކަށް ހުޅުވައި އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖަހަން ފަށާފައިވާތާ މިހާރު ވަނީ ހަފްތާއެއް ވެފައެވެ. އެޗްޕީއޭއިން ނެރުނު ބަޔާނުގައިވެސް ވަނީ އުމުރުން 65 އަހަރުން މަތީގެ މީހުން ވީ އެންމެ އަވަހަކަށް ވެކްސިން ޖަހަން ދިއުމަށް ގޮވާލާފައެވެ.
މާލެ ސަރަހައްދުގައި މިހާރު ވެކްސިން ޖަހަނީ ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރުން ހެނދުނު 9ން ހަވީރު 5ށެވެ. އަދި ވިލިމާލެ ޔޫތު ސެންޓަރުގައި ހެނދުނު 9ން މެންދުރު 1ށެވެ. އަދި ސެނެހިޔާގައި އެޕޮއިންޓްމަންޓް ހައްދައިގެން ވެސް ވެކްސިން ޖެހުމުގެ ހިދުމަތް ދެއެވެ.