ބުރާސްފަތި ދުވަހު ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 116ށް އަރާފައިވާކަމަށް އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24ގަޑިއިރުގެތެރޭ ނެގި 3،963 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 116 ސާމްޕަލްއެވެ.
އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 108 މީހުންނާއި، އަތޮޅުތެރެއިން ޕޮޒިޓިވްވި ތިން މީހެއްގެ އިތުރަށް ރިސޯޓުތަކުން ޕޮޒިޓިވްވި ހަތަރު މީހެކެވެ.
މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 18،340ށް އަރާފައެވެ. އަދި މި ބަލިން ރަނގަޅުވި މީހުންގެ އަދަދު 15،863ށް އަރާފައިވާއިރު ބުރާސްފަތި ދުވަހު އެކަނިވެސް ރާއްޖޭގައި މި ބަލިން 95 މީހުން ރަނގަޅުވެފައިވެއެވެ.
މިހާރު މި ބައްޔަށް ފަރުވާދެމުން އަންނަނީ 2،412 މީހުންނަށެވެ. އޭގެ ތެރެއިން 168 މީހުންނަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ. ރާއްޖޭގައި މިހާތަނަށް މި ބަލީގައި 58 މީހަކު ވަނީ މަރުވެފައެވެ.
މުޅި ރާއްޖެއަށް ބަލާއިރު މިވަގުތު އަތޮޅުތެރެއިން މި ބަލި އެންމެ ބޮޑަށް ފެތުރިފައި ވަނީ އައްޑޫ ސިޓީގައެވެ. އެ ސިޓީގައި ޖުމްލަ ދެ ކްލަސްޓާއެއް އޮތް އިރު ފަންސާހަށް ވުރެ ގިނަ މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި އެ ރަށް މޮނިޓަރިންގައި އޮންނަތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސްވެފައިވާއިރު ހަރުކަށި ފިޔަވަޅުތަކެއް ވެސް ވަނީ އަޅާފައެވެ.
މުޅި މާލެ ސަހަރައްދުގައިވެސް މި ބަލީގެ ތިން ވަނަ ރާޅެއް ހަލުވިކަމާއެކު ފެތުރެމުންދާތާ މިހާރު މަހަކާ ގާތްކުރާއިރު ކޭސްތަކުގެ އަދަދުވެސް 100ން މަތީގައި ހުންނަތާ މިހާރު ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ. އެޗްޕީއޭއިން ބުނިގޮތުގައި މާލެ ސަރަހައްދުގައި މި ބަލި ހަލުވިކަމާއެކު ފެތުރުމުގެ މައިގަނޑު ސަބަބަކީ ރާއްޖެއިން ކޮވިޑް-19ގެ އައު ވޭރިއަންޓެއް ފެނިފައިވުމެވެ. އެގޮތުން މިހާރު ބެލެވޭ ގޮތުގައި ރާއްޖޭގައި ފެތުރެމުންދަނީ ޔޫކޭގެ ވޭރިއަންޓެއް ކަމަށާއި އެހެން ވޭރިއަންޓުތައް ވެސް އުޅުން ގާތް ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
އެޗްޕީއޭއިން ބުނީ މިވަގުތު ތިން ވަނަ ރާޅު ކޮންޓްރޯލްކުރުމަށް މަސައްކަތްކުރަމުން އަންނަނީ ލޮކްޑައުންއަކަށް ނުގޮސް ކަމަށެވެ. އެގޮތުން ބަލިން ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅުތައް ވަރުގަދަކޮށްފައިވާއިރު، މާލޭގައި ކާފިއު އިއުލާންކޮށް ވަކި ގަޑިއަކުން އެއްގަމު އުޅަނދުފަހަރު ދުއްވުން ވެސް ވަނީ މަނާކޮށްފައެވެ.