އިންތިޚާބަކާއި ނުލައި ގޮނޑިތަކަކަށް މެންބަރުން އިންތިޚާބުކުރުމަކީ ގާނޫންއަސާސީއާ ޚިލާފުކަމެއް ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޟީ އަހުމަދު ހައިލަމް ވިދާޅުވި ވިދާޅުވުމަށް މަޝްހޫރު ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހީމް ރައްދު ދެއްވައިފިއެވެ.
ރައްޔިތުންގެ ސިއްރު ވޯޓަކުން އިންތިޚާބުކުރުން ގާނޫނުއަސާސީން ލާޒިމްކުރާ މަގާމުތަކަށް ކުރިމަތިލާ ކެންޑިޑޭޓުންގެ ތެރެއިން ބަޔަކު ނަން އަނބުރާ ގެންދިޔުމަކީ، އެނޫން މީހުންނާމެދު ދާއިރާގެ ރައްޔިތުންގެ ވޯޓު ހޯދުމަކާއި ނުލައި އިންތިޚާބުވާން ޖެހޭ ސަބަބެއް ނޫންކަމަށް އަހުމަދު ހައިލަމް ވަނީ ވިދާޅުވެފައެވެ.
މިކަމަށް ރައްދު ދެއްވަމުން ނިޝާން ބުރާސްފަތި ދުވަހު ކުރައްވާފައިވާ ޓްވީޓުގައި އަދި ފޭސްބުކްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ ވޯޓަކާއި ނުލައި އިންތިޚާބުކުރުން ގާނޫންއަސާސީއާ ޚިލާފުކަމަށް ބަޔާންކޮށްފައި ނޯންނަކަމަށެވެ.
ގާނޫންއަސާސީގެ 231 ވަނަ މާއްދާގެ (ރ) އާއި ލޯކަލް ކައުންސިލްތަކުގެ ގާނޫން (10/2010) ގެ 24 ވަނަ މާއްދާ ހައިލަމް ވިދާޅުވިންތޯ ވެސް ނިޝާން ވަނީ ސުވާލު ކުރައްވައިފައެވެ. ގާނޫންއަސާސީގެ އެއްތަންކޮޅުން މާނަ ނެގުމަކީ އުސޫލެއް ނޫންކަމަށްވެސް ނިޝާން ވަނީ ވިދާޅުވެފައެވެ. ގާނޫން އަސާސީގެ 231 ވަނަ މާއްދާގެ (ރ) ގައި ބަޔާންވެގެންވަނީ، އިދާރީ ދާއިރާތައް ހިންގުމަށްޓަކައި އުފައްދާ ކައުންސިލްތައް އިންތިޚާބުކުރުމާއި ބެހޭ ގާނޫނެއް ރައްޔިތުން މަޖިލީހުން ފާސްކުރަން ވާނެކަމަށެވެ. އަދި ލޯކަލް ކައުންސިލްތަކުގެ ގާނޫން (10/2010) ގެ 24 ވަނަ މާއްދާގައި ބަޔާންވެގެންވަނީ ކައުންސިލެއްގެ އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުންނަކީ އިންތިޚާބަށް ކުރިމަތިލުމުގެ ޝަރުތު ފުރިހަމަވާ ކެންޑިޑޭޓުން ކަމަށްވެފައި، އިންތިޚާބަށް ކުރިމަތިލީ ކެންޑިޑޭޓުންގެ އަދަދު އިންތިޚާބުކުރަންޖެހޭ މެންބަރުންގެ އަދަދާއި އެއްވަރުނަމަ ނުވަތަ އެއަށްވުރެ މަދުނަމަ، އެ އިންތިޚާބުގައި ވޯޓުލުމެއްނެތި އެ ކެންޑިޑޭޓުން މަގާމުތަކަށް އިންތިޚާބުވީ ކަމަށް އިއުލާން ކުރަންވާނެކަމަށެވެ.
މިމައްސަލައިގައި ގާނޫނީ ގޮތުން ޚާއްސަވެފައިވާ ދެ ވަކީލެއްގެ މެދުގައި ޚިޔާލު ތަފާތުވެފައިވާއިރު ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން ތިރީސް ބޭފުޅަކަށް ވޯޓަކާ ނުލައި ގޮނޑިތައް ވަނީ ކަށަވަރުވެފައެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ވައްދާނެކަމަށް މާލޭގެ މޭޔަރުކަމަށް އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓް އަލްހާން ފަހުމީ ވަނީ ވިދާޅުވެފައެވެ.