ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕުގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގެ ބާކީ ހުރި މެޗުތައް ޗައިނާގައި އަންނަ ޖޫން މަހު ކުޅެން އެ ގައުމުން ހުށަހަޅައިފިއެވެ.
މީގެ ކުރިން އޭއެފްސީން ވަނީ ކޮވިޑް-19 އާ ގުޅިގެން ކޮލިފައިންގ މެޗުތައް ދެ ފަހަރެއްގެ މަތިން ފަސްކޮށްފައެވެ. އެގޮތުން އެންމެ ފުރަތަމަ އޮކްޓޯބަރު މަހާއި ނޮވެމްބަރު މަހު މެޗުތައް ކުޅުމަށް ތާވަލުކުރުމަށްފަހު، ފަހުން ނިންމީ މި އަހަރުގެ މާޗު މަހާއި ޖޫން މަހުގައި މެޗުތައް ކުޅުމަށެވެ.
އެގޮތުން އެންމެ ފަހުން އެކުލަވާލި ޝެޑިއުލްގައިވާ ގޮތުން ރާއްޖެއަށް ބާކީ އޮތް ތިން މެޗުގެ ތެރެއިން ދެ މެޗު މާޗު މަހުގައި ކުޅޭނެއެވެ. އެއީ ރަށުންބޭރުގައި ޗައިނާއާ ދެކޮޅަށް ކުޅޭ މެޗާއި، އަމިއްލަ ދަނޑުގައި ސީރިއާއާ ދެކޮޅަށް ކުޅޭ މެޗެވެ. އަދި ޖޫން މަހު އޮންނާނީ ރަށުން ބޭރުގައި ފިލިޕީންސާ ދެކޮޅަށް ކުޅެން އޮތް މެޗެވެ.
އެކަމަކު ކޮވިޑުގެ މިހާލަތުގައި ޗައިނާއިން ބޭނުންވަނީ ބާކީ ހުރި މެޗުތައް ސެންޓްރަލައިޒްކޮށްގެން، އެއް ދަނޑެއްގައި ކުޅެން ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ޗައިނާއިން އޭއެފްސީއަށް ހުށަހަޅާފައިވާ ހުށަހަޅާފައިވާ ޝެޑިއުލްގައިވާ ގޮތުން ބާކީ ހުރި މެޗުތައް ޝަންހާއީގައި ކުރިއަށްގެންދާނީ ޖޫން މަހުގެ ތިންވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެކަމަކު ބާކީ ހުރިހާ މެޗެއް ޗައިނާގައި ކުޅެން ރާއްޖެއިން ބޭނުން ނުވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ސަބަބަކީ މާޗު މަހު މާލޭގައި ރާއްޖެއިން ސީރިއާއާ ދެކޮޅަށް މެޗެއް ކުޅެން އޮތުމުންނެވެ.
ކޮލިފައިންގ މެޗުތައް ޖޫން މަހު ޗައިނާގައި ކުޅެން ހުށަހަޅާފައިވާއިރު، މީގެ ކުރިން އޭއެފްސީގެ ކޮމްޕެޓިޝަން ޑިޕާޓްމަންޓުން ނިންމާފައިވަނީ ކޮލިފައިންގެ ދެވަނަ ބުރުގައި ބާކީ ހުރި މެޗުތައް ޖޫން މަހުގެ 15 ވަނަ ދުވަހުގެ ކުރިން ނިންމާލައި، ސެޕްޓެމްބަރު މަހުގެ ތެރޭގައި ފައިނަލް ބުރުގެ ކުޅުން ފެށުމަށެވެ.
އޭޝިއާ ސަރަހައްދުން ހަތަރު ގައުމެއް 2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވާއިރު، ކޮލިފައިންގައި ރާއްޖެ އޮތީ ހަތަރު މެޗުން ހަ ޕޮއިންޓާއެކު ގްރޫޕުގެ ހަތަރުވަނައިގައެވެ. ގްރޫޕުގެ އެއްވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާއެކު ސީރިއާއެވެ. ޗައިނާ ހަތަރު މެޗުން ހަތް ޕޮއިންޓާއެކު ދެވަނައިގައި އޮތްއިރު، ތިންވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓު ހޯދާފައިވާ ފިލިޕީންސެވެ. ރާއްޖޭގެ ފަހަތުން ފަސްވަނައިގައި އޮތީ ފަސް މެޗު ކުޅެ ޕޮއިންޓެއް ލިބިފައިނުވާ ގުއާމެވެ.