ކުލަބު އީގަލްސްއަށް ކުޅެމުން އަންނަ ޤައުމީ ފުޓްބޯޅަ ޓީމުގެ ހުނަރުވެރި ފޯވާޑް އަޙްމަދު ރިޒުވާން (ރިޒޭ) ގެ ކަކުލު ހުޅަށް ލިބިފައިވާ ސީރިއަސް އަނިޔާއިން ރަނގަޅުވުމަށް، ކަކުލުގެ އޮޕަރޭޝަނެއް ކޮށްފިއެވެ.
ރިޒޭގެ ކަކުލަށް އަނިޔާވީ މިދިޔަ ޖެނުއަރީ މަހުގެ ހަތަރުވަނަ ދުވަހު ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުލަބު ވެލެންސިއާ އަތުން 2-0 ން އީގަލްސް ބަލިވި މެޗުގައެވެ. އެ މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ރިޒޭއަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނެވެ. އެ މެޗުގައި ރިޒޭގެ ކަކުލަށް ސީރިއަސް އަނިޔާއެއް ލިބުނުއިރު، މީގެ ކުރިންވެސް އޭނާގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން، ލީގުގެ ކުރީކޮޅުގައި އީގަލްސްއިން ކުޅުނު ބައެއް މެޗުތައް ރިޒޭއަށް ގެއްލުނެވެ.
އެ ފަހަރު ލިބުނު އަނިޔާއިން ރިޒޭ އެއްކޮށް ރަނގަޅު ނުވަނީސް، ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ރިޒޭގެ ކަކުލަށް ވަނީ ސީރިއަސް އަނިޔާއެއް ވެފައެވެ. އެހެންކަމުން އެ އަނިޔާއިން ރަނގަޅުވުމަށް ރިޒޭ ވަނީ ބުރާސްފަތި ދުވަހު އޭޑީކޭ ހޮސްޕިޓަލުގައި ކަކުލުގެ އޮޕަރޭޝަނެއް ކޮށްފައެވެ.
ރިޒޭގެ އޮޕަރޭޝަނާ ގުޅިގެން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ރިޒޭ ކުރި ކަކުލުގެ އޮޕަރޭޝަން ކާމިޔާބު ކަމަށާއި، އުންމީދަކީ ވީ އެންމެ އަވަހަކަށް ރިޒޭ އެއްކޮށް ފިޓްވެ، އޭނާ ދަނޑުން ފެނިގެންދިޔުން ކަމަށެވެ.
ކަކުލަށް ލިބުނު ސީރިއަސް އަނިޔާއާ ގުޅިގެން ރިޒޭއަށް މި ސީޒަނުގައި ދެން ނުކުޅެވިދާނެ ކަމުގެ ބިރު އެބައޮތެވެ. އެހެންކަމުން އަންނަ މާޗު މަހުގެ ތެރޭގައި 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި 2023 ވަނަ އަހަރުގެ އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަން މެޗުތައް ފެށުމަށް ނިންމާފާއިވާއިރު، ރިޒޭއަށް އަނިޔާވުމަކީ ޤައުމީ ފުޓްބޯޅަ ޓީމަށްވެސް ލިބިގެންދާނެ ބޮޑު ގެއްލުމެކެވެ.
އެކަމަކު ކޮވިޑް-19 އާ ގުޅިގެން ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލާފައި އޮތުމާއި، ޤައުމީ ޓީމުގެ ކޮލިފިކޭޝަން މެޗުތައް ޖޫން މަހަށް ފަސްކުރަން މަޝްވަރާކުރަމުން އަންނާތީ، މި ސީޒަނުގެ ވަކި ހިސާބަކުން ރިޒޭ ފެނުން އެކަށީގެންވެއެވެ.