ކ. މާލެ
|
18 ފެބްރުއަރީ 2021 | ބުރާސްފަތި 11:14
ލެވަންޓޭ އާއި އެތުލެޓިކޯ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން
ލެވަންޓޭ އާއި އެތުލެޓިކޯ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 1-1 ން
ގެޓީ އިމޭޖަސް
ސްޕެނިޝް ލީގު
ލެވަންޓޭ އާއި އެތުލެޓިކޯ އެއްވަރު
ލެވަންޓޭ އާއި އެތުލެޓިކޯ ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ން
ތާވަލުގެ އެއްވަނައިގައި އެތުލެޓިކޯ އޮތީ 55 ޕޮއިންޓާއެކު

ސްޕެނިޝް ލީގުގައި ބުދަ ދުވަހުގެރޭ ލެވަންޓޭ އާއި ތާވަލުގެ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

ލެވަންޓޭގެ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މި މެޗުން އެތުލެޓިކޯ އެއްވަރުވުމާއެކު، ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުންވެސް އެ ޓީމު ވަނީ އެއްވަރުވެފައެވެ. އެހެންކަމުން ތާވަލުގެ ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި، ތިންވަނައިގައި އޮތް ބާސެލޯނާއަށް މިހާރު ވަނީ އުންމީދު އާވެފައެވެ.

ބުދަ ދުވަހުގެރޭ ލެވަންޓޭގެ ދަނޑުގައި ކުޅުނު މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް އެ ޓީމުންނެވެ. އެގޮތުން މެޗުގެ 17 ވަނަ މިނެޓުގައި ހޯގޭ ދެ ފްރޫތޯސް ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެނިސް ބާދީއެވެ.

އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން އެތުލެޓިކޯއިން ވަނީ މެޗުގައި ނަތީޖާ އެއްވަރުކޮށްފައެވެ. މެޗުގެ 37 ވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މާކޮސް ޔޮރެންޓޭއެވެ.

މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އެތުލެޓިކޯ އޮތީ ހަ ޕޮއިންޓުގެ ލީޑަކާއެކުއެވެ. އެގޮތުން ކުޅުނު 22 މެޗުން އެ ޓީމަށް 55 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ރެއާލަށް 23 މެޗުން ވަނީ 49 ޕޮއިންޓް ލިބިފައެވެ. އަދި ތިންވަނައިގައި އޮތް ބާސާއަށް 22 މެޗުން ލިބިފައިވަނީ 46 ޕޮއިންޓެވެ. މީގެ އިތުރުން ބުދަ ދުވަހުގެރޭ އެތުލެޓިކޯއާ އެއްވަރުކުރި ލެވަންޓޭ އޮތީ ތާވަލުގެ 11 ވަނައިގައި 23 މެޗުން 28 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް