ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ، ހާޒިރުކުރެވިފައިނުވާ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ، ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި މި އަމުރާ ގުޅިގެން ހޯދަމުންދަނީ، ކ. މާލެ/ މ. ސަލްޖަމްއާގެ، 40 އަހަރުގެ އަހުމަދު ޢާތިފް ކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.
ފުލުހުން ބުނީ އާތިފް ހޯދަމުންދަނީ ސިވިލް ކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން މިމަހުގެ 21 ވަނަ ދުވަހުގެ 10:00ށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށެވެ.
މީގެ އިތުރުން އާތިފް އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442ށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން އެދިފައިވެއެވެ.