މަތީ ތަޢުލީމު ޙާސިލުކުރުމަށް މިފަހަރު ސްޓޫޑެންޓް ލޯން ދޭނީ، ވަގުތީ ލިސްޓެއް އިއުލާންކޮށް ޝަކުވާ ހުށަހެޅުމަށް ފުރުސަތު ހުޅުވާލުމަށް ފަހުގައިކަން ހާމަކޮށްފިއެވެ.
ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، މަތީ ތަޢުލީމީ ދާއިރާއަށް ދެއްވާ އިސްކަން ހާމަވެގެންދަނީ ކޮވިޑްގެ ސަބަބުން ޤައުމުގެ އިޤްތިޞާދު އިނދަޖެހިގެން ދިޔަ މި ދަނޑިވަޅުގައިވެސް، ލޯން ސްކީމަށް އެއްވެސް ބަދަލެއް ނުގެނެސް ދަރިވަރުންނަށް ފުރުސަތު ހުޅުވާލަން ނިންމުމުންކަމަށެވެ. ކޮވިޑްގެ ޙާލަތުގެ ސަބަބުން ޤައުމުގެ ތަޢުލީމީ ޚިދުމަތްތެރިންގެ މުހިންމުކަން ހާމަވެއްޖެކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ، މިފަހަރުގެ ސްކީމްގައި މިހާރުވެސް ކިޔަވަމުންދާ މީހުންނަށް އިސްކަން ދީފައިވާނެކަމަށް ވިދާޅުވެފައެވެ.
މިފަދަ ދަރިވަރުންނަކީ ކޮވިޑްގެ ސަބަބުން ކިޔެވުން ހުއްޓި ޤައުމުން ބޭރުގައި ތިބި ދަރިވަރުންނަށް ވާއިރު، މިފަދަ ދަރިވަރުންނަށް ތަޢުލީމު ފުރިހަމަކުރުމަށް ފުރުސަތު ދިނުމާއި، ވީހާވެސް އަވަހަށް ތަޢުލީމީ ޚިދުމަތްތެރިން މިފަހަރުގެ ލޯން ސްކީމުން ލޯންދީގެން ނެރުމަކީ އަމާޒަކަށް ހަދާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ޤައުމުގެ ޙާލަތާއި ޓްރެއިނިން ނީޓް އެސެސްމަންޓްއަށް ބަލާ މިފަހަރު ފުރުސަތު ހުޅުވާލީ އެދާއިރާތަކަށް އެކަނިކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.
މިފަހަރު އަޅުގަނޑުމެން ވާނީ އޯޕަން ކެޓަގަރީ އުނިކޮށްފައި. ޤައުމަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ޙާލަތު އަޅުގަނޑުމެން އެންމެނަށްވެސް އެބަ އެނގޭ. އަޅުގަނޑުމެން ހަދާފައިވާ ޓްރެއިނިންގް ނީޑްސް އެސެސްމަންޓާއި މިފަހުން ހެދި އެކި ދިރާސާތަކަށް ބަލާފައި މިފަހަރު ފުރުސަތު ހުޅުވާލަނީ ވަކި ދާއިރާތަކުން. މީގެ އިތުުރުން ޓުއަރިޒަމް، ކޮންސްޓްރަކްޝަން އަދި އައިސީޓީވެސް މިފަހަރު ހިމަނާފައިވާނެހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން
ކޮންމެ އަހަރަކުވެސް ކުރީ އަހަރުގެ ތަޖުރިބާއަށް ބަލާ ރަނގަޅުކުރަންޖެހޭކަންކަމަށް މުހިންމު އިސްކަމެއް ދެއްވާކަން ފާހަގަކުރައްވާ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވަނީ މިކަންކަން ހައްލުކޮށްފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ޕޯޓަލްގައި ހުރި މައްސަލަތަކާއި، އުސޫލުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ބަދަލުގެނެސްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އަދި ހަމަ މިއާއެކު، މި ލޯން ދޭ ނިޒާމަކީ ދެފުށް ފެންނަ ރައްޔިތުންގެ އިތުބާރު ހިފޭ ނިޒާމަކަށް ހެދުމަށް މިފަހަރު ސްޓޫޑެންޓް ލޯން ދޭނީ، ވަގުތީ ލިސްޓެއް އިއުލާންކޮށް ޝަކުވާ ހުށަހެޅުމަށް ފުރުސަތު ހުޅުވާލުމަށް ފަހުގައިކަމަށް މިނިސްޓަރ ހާމަކުރެއްވިއެވެ. އެގޮތުން އެންމެ ފުރަތަމަ ލޯން އެޕްލިކޭޝަންތައް އެނަލައިޒްކުރުމަށްފަހު ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް 1 ހަފްތާގެ މުޙުލަތެއް ދިނުމަށްފަހު ދާއިމީ ލިސްޓް އާންމުކުރާނީ ވަގުތީ ލިސްޓް އާންމުކުރާތާ 14 ދުވަސްތެރޭގައިކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.
އެޕްލިކޭޝަންތައް އެނަލައިޒްކުރުމަށްފަހު ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް 1 ހަފްތާގެ މުޙުލަތެއް ދިނުމަށް މިވަނީ ނިންމާފައި. މިފުރުސަތަކީ ހަމައެކަނި ޝަކުވާ ހުށަހަޅަން ލިބޭ ފުރުސަތެއް. މިފުރުސަތުގައި އިތުރު ޑޮކިއުމެންޓެއް ހުށަނޭޅޭނެ އަދި އެޕްލިކޭޝަންއަކަށްވެސް ބަދަލެއް ނުގެނެވޭނެ. މިދިޔަ ފަހަރުވެސް 1300 އެޕްލިކޭޝަން ހުށަހެޅި 14 މިސްޓޭކެއް ފެނިފައިވަނީ. މީހަކު ބުނެދާނެ އެންމެ 14 އެއްނޫންހޭ މީ. އެކަމު މިއީ 14 ދަރިވަރެއްގެ ސްކޮލަޝިޕްގެ ވާހަކަ. މިފަދަ ކަމެއް ވިޔަނުދޭން އަޅުގަނޑުމެން ބޭނުންވަނީހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން
މިސަރުކާރުގެ ފުރަތަމަ އަހަރު ތަޢާރަފު ކުރި ޑިގްރީ ފެންވަރަށް ހިލޭ ކިޔެވުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 7,800 އަށް ވުރެ ގިނަ ކުދިންނަށް ހިލޭ ކިޔެވޭނެ މަގު ވަނީ ފަހިކޮށްދީފައެވެ. އަދި 2021 ވަނަ އަހަރު މަތީ ތަޢުލީމު ހާސިލް ކުރުމަށް ދަރިވަރުންނަށް ދެމުންގެންދާ ހަޔަރ އެޑިއުކޭޝަން ލޯން ސްކީމަށާއި، ހިލޭ ފަސްޓް ޑިގްރީއާ ހަމައަށް ކިޔެވުމުގެ ޕްރޮގްރާމަށާއި، ސްކޮލަރޝިޕްތަކަށް 551 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ބަޖެޓުވަނީ ކުރެވިފައެވެ.
މަތީ ތަޢުލީމުގެ ފުރުޞަތު ފަހިކޮށްދިނުމަށްޓަކައި ސަރުކާރުން ދެމުން އަންނަ ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުޞަތު ހުޅުވާލުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ދަނީ ތައްޔާރުވަމުންނެވެ. ސްޓޫޑެންޓް ލޯން އެންމެ ފަހުން ދޫކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އެފަހަރު އެކި ދާއިރާތަކުން ކިޔެވުމަށްޓަކައި ޖުމްލަ 514 ދަރިވަރަކަށް ލޯން ދޫކޮށްފައިވާއިރު އެއީ 151 މިލިޔަން ރުފިޔާއެވެ. މިއަހަރު 770 ދަރިވަރަކަށް ދޫކުރުމަށް ހަމަޖެހިފައިވާއިރު، ލޯންގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަ ޖާގަތަކެއް ދޭން ވަނީ ނިންމާފައެވެ.