ރަށެއްގެ ބޯހިޔާ ވަހިކަމުގެ މަޝްރޫއު ކުރިއަށް ގެންދިއުމުގައި ކައުންސިލްގެ ދައުރެއް އޮންނަން ޖެހޭކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާ ސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ބޯހިޔާ ވަހިކަމުގެ މަޝްރޫއުތަކަށް އެރަށަކުން ޖެނެރޭޓް ކުރެވޭ ރުފިޔާ ބޭނުން ކުރެވެން ޖެހޭނެ ކަަމަށާއި އަދި އެ ގޯތީގެ ވެރި ފަރާތަކަށް ވެސް އެކަން ހަރުދަނާ ނިޒާމަކުން ގެންދިއުމަށް ޒިންމާތަކެއް އަންނަން ޖެހޭ ކަމަށެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުގެ ދަށުން ރަށްރަށުގައި ހުރި އަމިއްލަ ގޯތީގައި ހައުސިންގ ޔުނިޓް ޢިމާރާތްކުރުމަށް އެދޭ ފަރާތްތައް ދެނެގަތުމަށް 2019 ވަނަ އަހަރު ހައުސިންގ މިނިސްޓްރީގެ އެންގުމަށް ރަށު ކައުންސިލްތަކުން ހުޅުވާލި ފުރުޞަތުގައި ގިނަ ބަޔަކު އެކަމަށް އެދި ސިޓީ ހުށަހެޅި ނަމަވެސް، އެ މަސައްކަތާ ގުޅޭ އިތުރު މަޢުލޫމާތެއް ރައްޔިތުންނަށް ނުލިބި ލަސްވަނީ ކީއްވެތޯ މި ޖަލްސާގައި ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤް މިނިސްޓަރާ ސުވާލު ކުރެއްވިއެވެ.
އެ ސުވާލުގެ ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ 2019 ވަނަ އަހަރު ހައުސިންގ މިނިސްޓްރީން ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި އަމިއްލަ ގޯތީގައި ގެދޮރު ނޭޅި ހުރި ފަރާތްތަކުގެ ތެރެއިން ގެ އަޅަން ބޭނުންވެފައި ތިބީ ކިތައް މީހުންތޯ ބެލުމަށް މަސައްކަތްތަކެއް ކުރެވިގެން ދިޔަ ކަމަށެވެ.
އަދި އޭގެ ތެރެއިން މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަ ހާހެއް މީހުން ގެދޮރު އަޅަން ބޭނުންވާ ކަމަށް ފާހަގަކުރެވުނު ކަމަށާއި އޭރު އެ މަސައްކަތް ކުރަން 2019 ވަނަ އަހަރުގައި ޕްރޮޕޯޒަލްތަކަށް ހުޅުވާލެވުނު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެގޮތުން ހަ ފަރާތަކުން އެ މަސައްކަތް ކުރަން ބޭނުންވާ ކަމަށް ޝައުގުވެރިކަން ފާޅުކޮށް ސަރުކާރުން ނެގޯޝިއޭޓްކޮށް އެ މަސައްކަތް ކުރިއަށް ގެންދެވުނު ނަމަވެސް 2020 ވަނަ އަހަރު ފެށިގެން އައި ދުވަސްކޮޅު މީގެން އެއްވެސް ޕްރޮޕޯޒަލްއަކާ އެކީގައި ކުރިއަށް ދެވޭ ގޮތެއް ނުވިކަަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އަސްލަމް ވިދާޅުވީ މިކަން ދިމާވި މައިގަނޑު ސަބަބަކީ އެއްވެސް ފަރާތަކުން ހުށަހަޅާފައިވާ ފައިނޭންޝަލް ޓަރމްސް އަކީ ސަރުކާރަށް އެ މަސައްކަތް އެގޮތަށް ކުރެވޭނެ އަގެއް ކަމުގައި ނުވާތީ ކަމަށެވެ.
މި މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ގުޅޭ ގޮތުން ވާހަަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ހައުސިންގ މިނިސްޓްރީގެ ވިސްނުމާއި ސަރުކާރުގެ ޕޮލިސީ އަކީ އެންމެ ފުރަތަމަ ކަމަކަށް ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގެދޮރު އެޅުމަށް ކުރިއަށް ގެންދާ ޕްރޮގްރާމަކީ ސަސްޓެއިނަބަލް ޕްރޮގްރާމަކަށް ހެދުން ކަމަށެވެ.
އޭގެ މާނައަކީ ސަރުކާރުން ލޯނެއް ނަގައިގެން ގެއެއް އެޅިކަމުގައި ވީނަމަވެސް އެ ލޯނު ނަގައިގެން ކުރި ޚަރަދެއް އަނބުރާ ލިބެން ޖެހުން ކަމަށާއި އެ ގޭގެ ވެރިފަރާތުން އާޚިރުގައި އެ ޖުމްލަ މުއްދަތުގެ ތެރޭގައި ދައްކާ ލާރި އަނބުރާ ލިބެން ޖެހޭނެކަން ކަމުގައި މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އަދި ޑިވެލޮޕަރަކު އެކަން ކުރާ ކަމުގައި ވީނަމަވެސް އެ ޑިވެލޮޕަރަކަށް ވެސް އެ ރުފިޔާ އަނބުރާ ލިބުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އަސްލަމް ވިދާޅުވީ މިކަން ސާފުކޮށް ރައްޔިތުންނަށް އެނގުން ވަރަށް މުހިއްމު ކަމަށެވެ. އެގޮތުން ގެއެއް އަޅާފައި ދެވޭނީ އޭގެ ހަމަ އަގުގައި ކަން އެނގުމާއި، އެ ހަމަ އަގަކީ ވަކި ވަރަކަށް ވުރެ ދަށް ނުވާނެ އަގެއްކަން އެނގުމަކީ މުހިއްމު ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.