ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް މާލޭސިޓީގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް 3 ފެބްރުއަރީގައި އެންގި އެންގުން އިތުރު 14 ދުވަހަށް އިތުރު ކޮށްފިއެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ އަންގާރަ ދުވަހު ނެރުއްވި އިއުލާނުގައި ބުނެފައިވަނީ ކޮވިޑުން ރައްކާތެރިވުމަށް ފިޔަވަޅުތައް ހަރުކަށިކޮށް 3 ފެބްރުއަރީގައި އެންގި އެންގުން 17 ފެބްރުއަރީއިން ފެށިގެން އިތުރު 14 ދުވަހުގެ މުއްދަތައް އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ކޮވިޑުން ރައްކާތެރިވުމަށް 3 ފެބްރުއަރީގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރޭނގަޑު 12:00ން ފެށިގެން ފަތިހު 04:00އާ ހަމައަށް މާލެ ސަރަހައްދުގައި ކާފިއު ހިންގުމަށް ނިންމުމާއި، ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމާއި، ކުޅިވަރު ހަރަކާތްތައް ހުއްޓާލުން ހިމެނެއެވެ. މީގެ އިތުރުން ޔުނިވަރސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ގޮސްގެން ކްލާސްތައް ކުރިއަށް ގެންދިއުން ހުއްޓާލުމަށް ވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ. އަދި އޭގެ ފަހުން އެޗްޕީއޭއިން ވަނީ ކޭސްތަކުގެ އަދަދު އިތުރުވަމުންދާތީ ހަވީރު 06:00ން ފެށިގެން ހެނދުނު 06:00އާ ހަމައަށް ދުއްވާ އެއްޗެހި ދުއްވުން މަނާ ކޮށްފައެވެ.
އެހެން ނަމަވެސް، ފްރަންޓްލައިންގެ އޮފިޝަލުންނާއި، އެޗްއީއޯސީގެ ފާސް ލިބިފައިވާ ފަރާތްތަކުގެ އިތުރުން، ފަތިސް ނަމާދަށް މިސްކިތަށްދާ ފަރާތްތަކާއި، އިމަރޖެންސީކޮށް ޚިދުމަތްތައް ހޯދަންދާ ފަރާތްތައް އިސްތިސްނާވާނެކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.