ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕެރޯލް ބޯޑުގައި ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖަރ (އެސްއޯޕީ)އެއް ނެތް ކަމަށާއި، އަދި އެކަަށީގެންވާ ގޮތެއްގައި ބައްދަލުވުންތައް ނުބޭއްވޭކަމަށް ޕެރޯލް ބޯޑުން ބުނެފިއެވެ.
ކ. ހިންމަފުށި އައްސޭރި ޖަލުގައި ތިބި ގައިދީންގެ ކަންބޮޑުވުންތައް ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީއަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅިގެން، ޕެރޯލް ބޯޑާއި ކްލެމެންސީ ބޯޑުގެ މެމްބަރުން ހާޒިރުކޮށް ބޭއްވި ބައްދަލުވުމުގައި ޕެރޯލް ބޯޑުން ބުނީ، އެ ބޯޑުގައި ތިއްބަވަނީ ކަމާގުޅުން ހުރި އިދާރާތައް ތަމްސީލްކުރައްވާ 9 މެމްބަރުން ކަމަށެވެ. އެހެންކަމުން، އެ މެމްބަރުންގެ އޮފީހުގެ މަސައްކަތްތައް ހުންނަގޮތުން ޕެރޯލް ބޯޑުގެ ބައްދަލުވުން ބޭއްވުމަށް ގޮންޖެހުންތަކާ ކުރިމަތިވާކަމަށް ވެސް ޕެރޯލް ބޯޑުގެ މެމްބަރުން ވަނީ ފާހަގަކުރައްވާފައެވެ.
މި ބައްދަލުވުމުގައި ޕެރޯލް ބޯޑުގައި ހިމެނި ވަޑައިގަންނަވާ އެޓަރނީ ޖެނެރަލް އޮފީހުގެ ގާނޫނީ ވަކީލު މާޒިޔާ އަބްދުއްސައްތާރު ވިދާޅުވީ، ކްލެމެންސީ ބޯޑުގައި ދާއިމީ މެމްބަރުން އައްޔަންކުރައްވާފައިވީ ނަމަވެސް ޕެރޯލް ބޯޑުގައި ތިއްބަވަނީ ކަމާ ގުޅުންހުރި އިދާރާތަކުގެ އިސް މަގާމުތަކުގައި ތިއްވާ ބޭފުޅުންކަމަށްވާތީ، ޕެރޯލް ބޯޑުގެ ބައްދަލުވުންތަކުގައި ބަރާބަރަށް ބައިވެރިވުމުގައި ގޮންޖެހުންތަކެއް އެބަހުރިކަމަށެވެ. އެހެންކަމުން ޕެރޯލް ބޯޑުން ބަލަންޖެހޭ ބެލުންތައް ބެލުމަށާއި ގައިދީންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ވެސް ގޮންޖެހުންތަކާ ކުރިމަތިވަމުންދާކަމަށެވެ.
ކްލެމެންސީން ބޯޑާއި ޕެރޯލް ބޯޑާއި ހުރި މައިގަނޑު ތަފާތަކީ، ކްލެމެންސީ ބޯޑުގައި ދާއިމީ މެމްބަރުން އައްޔަން ކުރައްވާފައި ތިއްބަވާ، އެކަމަކު ޕެރޯލް ބޯޑަކީ ވަޒީފާގެ މަސްއޫލިއްޔަތުގެ ގޮތުން އައްޔަންކުރައްވާފައި ތިއްބަވާ މެމްބަރުން. މީގައި މިވާގޮތަކީ ޕެރޯލް ބޯޑުގައި ތިއްބަވާ ހުރިހާ ބޭފުޅުންނަކީ ވެސް އެ ބޭފުޅުންގެ އޮފީހުގައި ވަރަށް އިސް މަގާމުތަކެއް އަދާކުރައްވާ ބޭފުޅުން. މިސާލަކަށް ޕެރޯލް ބޯޑުގެ ބައްދަލުވުމެއް އޮންނަވަގުތު އޮފީހުގެ ރަސްމީ ޒިންމާގެ މަސައްކަތެއްގައި ވެސް އުޅެންޖެހޭ ފަހަރު އެބައާދޭ، އެއީ ޕެރޯލް ބޯޑުގެ ކޯރަމް ހަމަނުވާ މައިގަނޑު ސަބަބަކީ. ނަމަވެސް ޕެރޯލް ބޯޑުގެ ހިންގާ ގައިވާދުގައި މިހާރު ވާނެ އިސްލާހުކޮށްފައި ކޯރަމް ކަމަށްވާ 5 މެމްބަރުން ހަމަނުވިނަމަވެސް، މަދުވެގެން ތިން މެމްބަރުން ހަމަވާނަމަ، އިންޓަރވިއުތައް ކުރިއަށް ގެންދެވޭގޮތަށް. ގައިދީއަކާ އިންޓަވިއުކުރާއިރު އެއީ ވަރަށް ވަގުތުވެސް ބޭނުންވާ ކަމެއް، އެހެންވީމާ އެގޮތަށް ބޯޑުންވަނީ ގަވާއިދު އިސްލާހުކޮށްފައި،އެޓަރނީ ޖެނެރަލް އޮފީހުގެ ގާނޫނީ ވަކީލު މާޒިޔާ އަބްދުއްސައްތާރު
މާޒިޔާ ވިދާޅުވީ، ޕެރޯލް ބޯޑުގެ ބައްދަލުވުންތައް ނުބޭއްވޭތީ، އެކަން ހައްލު ކުރުމަށް ކުރެވިދާނެ ކަންކަން އެބަހުރިކަމަށެވެ. އެގޮތުން، ގާނޫނު އިސްލާހުކޮށްގެން ޕެރޯލް ބޯޑަށް ދާއިމީ މެމްބަރުން އައްޔަން ކުރުމަކީ ވެސް ކުރެވިދާނެ ކަމެއް ކަމަށެވެ. އަދި މިހާރު މިއޮތް ޕެރޯލް ބޯޑުގެ ބަދަލުގައި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ދަށުން ވަކި ޑިޕާޓްމަންޓެއް އުފައްދައި، އެ ޑިޕާޓްމަންޓްގެ ދަށުން ޕެރޯލްގެ ނިޒާމުގެ ކަންކަން ހިންގުމަކީ ވެސް ކުރެވިދާނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް މާޒިޔާ ވިދާޅުވިއެވެ.
މާޒިޔާ ވިދާޅުވީ، ޕެރޯލްގެ ބޯޑު ބިނާވަނީ، ޕެރޯލްގެ މުޅި ނިޒާމަށްކަމަށާއި އަދި ކަރެކްޝަނަލް ސަރވިސްގެ މުޅި ނިޒާމުގެ ވަރަށް ބައިވަރު ކަންތައްތަކެއްގެ އެކުލެވިގެންވާ ކަމަށެވެ. އަދި ގާނޫނުގައި ޕެރޯލްގެ ނިޒާމު ހިނގާކަން ކަށަވަރުކުރުމުގެ ޒިންމާ މަތި ކޮށްފައިވަނީ ވެސް ހޯމް މިނިސްޓަރަށާއި ކޮމިޝަނަރ އޮފް ޕްރިޒަންސްއަށް ކަމަށް ވެސް މާޒިޔާ ވިދާޅުވިއެވެ.
ޕެރޯލް ނިޒާމު ނުހިނގާކަން ދައުލަތުގެ ކަމާބެހޭ އިސްފަރާތްތަކުގެ ސަމާލުކަމަށް ގެންނަވާފައިވާނެތޯ ކޮމެޓީގެ މެމްބަރަކު ކުރެއްވި ސުވާލަކާ ގުޅިގެން މާޒިޔާ ވިދާޅުވީ، ޕެރޯލްގެ ނިޒާމު ނުހިނގާކަމަށެވެ. އަދި ޕެރޯލް ސިމްޓަމް ނުހިނގާކަން އެކިއެކި ފޯރަމްތަކުގައި މިނިސްޓަރަށް ދަންނަވާފައިވާނެ ކަމަށާއި ކުރީގެ ކޮމިޝަނަރ އޮފް ޕްރިޒަންސްއަށް ވެސް ދަންނަވާފައިވާނެ ކަމަށެވެ. އަދި މިހާރު ހުންނެވި ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅަށް ވެސް ލިޔުމުންނާއި އެކި ބައްދަލުވުންތަކުގައި ވެސް ދަންނަވާފައިވާނެ ކަމަށެވެ.
މީގެއިތުރުން މާޒިޔާ ވިދާޅުވީ، ޕެރޯލް ބޯޑު ހިންގުމުގައި އެސްއޯޕީއެއް އެކުލަވާލަން ވެސް އެކަށީގެންވާ ވަސީލަތްތަކާއި މުވައްޒަފުން ވެސް ނެތްކަމަށެވެ. މާޒިޔާ ވިދާޅުވީ އަހަރެއްގެ މައްޗަށް ޕެރޯލަށް އެދި 400އަށްވުރެ ގިނަ ފޯމް އަންނައިރު، ޕެރޯލް އޮފީހުގައި މަސައްކަތް ކުރަން ތިބެނީ އެންމެ 11 މުވައްޒަފުން ކަމަށެވެ. މާޒިޔާ ވިދާޅުވީ، ޕެރޯލް އޮފީހަށް ބޭނުންވާ ރިސޯސްތައް ލިބޭނެގޮތް ހައްދަވައި ދެއްވުމަށް އެތައް ފަހަރަކު ކޮމިޝަނަރ އޮފް ޕްރިޒަންސްސަށް ދަންނަވައިފައިވާނެ ކަމަށެވެ.