ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން، ދޫކުރަން އެދޭ ގައިދީންގެ ތެރެއިން 43 ޕަސެންޓް މީހުން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވާ ކަމަށް ޕެރޯލް ބޯޑުން ބުނެފިއެވެ.
ކ. ހިންމަފުށި އައްސޭރި ޖަލުގައި ތިބި ގައިދީންގެ ކަންބޮޑުވުންތައް ބަޔާންކޮށް ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީއަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅިގެން، ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ޕެރޯލް ބޯޑާއި މަޢާފްދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ކްލެމެންސީން ބޯޑުގެ މެމްބަރުން، ހާޒިރުކޮށް އަންގާރަ ދުވަހުގެ ބޭއްވި ބައްދަލުވުމުގައި، ޕެރޯލް ބޯޑުގައި އެޓާރނީ ޖެނެރަލްގެ އޮފީސް ތަމްސީލް ކުރައްވާ މެމްބަރު، މާޒިޔާ އަބްދުއްސައްތާރު ވިދާޅުވީ، ޖަލަށް މަސްތުވާތަކެތި ވަންނަ މައްސަލައަކީ ބޮޑުވެފައިވާ މައްސަލައެއް ކަމަށާއި އެ މައްސަލަ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައިވީނަމަވެސް އެއީ މިހާތަނަށް ހައްލުނުވެ އޮތް މައްސަލައެއް ކަމަށެވެ.
މާޒިޔާ އިތުރަށް ވިދާޅުވީ، ޕެރޯލްގެ ދަށުން ގައިދީން ދޫކުރުމަށް އެދޭއިރު، 43 ޕަސެންޓް ގައިދީން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވާކަމަށެވެ. އަދި މަސްތވާތަކެއްޗަށް ޕޮޒިޓިވް ވަނީ ހަމައެކަނި މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ ނުވަތަ ރިހިބިލިޓޭޝަން ސެންޓަރުން ފަރުވާ ދެމުންދާ ގައިދީން ނޫންކަމަށާއި އެހެނިހެން ކުށްތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންވެސް ޕެރޯލްގެ ދަށުން ދޫކުރަން އެދޭއިރު ޕޮޒިޓިވްވާ ކަމަށެވެ. އެހެންކަމުން ޖަލަށް މަސްތުވާތަކެތި ވަންނަކަން ހާމަކަން ބޮޑުގޮތެއްގައި އެނގޭއިރު، އެކަމުގެ ސަމާލުކަން ވަރަށް ގިނަ ފަހަރު ހޯމް މިނިސްޓްރީއަށާއި އަދި ކޮމިޝަނަރ އޮފް ޕްރިޒަންސްގެ ސަމާލުކަމަށް ގެނެވިފައިވާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް މިހާތަނަށް އެކަމަށް އެދެވޭ އެއްވެސް ހައްލެއް އައިސްފައިނުވާކަމަށްވެސް މާޒިޔާ ވިދާޅުވިއެވެ.
ޑިސެމްބަރު 2020ގެ ނިޔަލަށް 399 ފޯމް (ޕެރޯލް ބޯޑަށް) ލިބިފައިވޭ. އޭގެތެރެއިން 185 އެލިޖަބަލް (ޕެރޯލްގައި ނުހިމެނޭ ކުށް/ އަދި ތަންފީޒު ކުރަންޖެހޭ މުއްދަތު ފުރިހަމަނުވާ) ނުވޭ. އަޅުގަނޑުމެންނަށް ގޮތެއް ކަނޑައަޅަން ލިބިފައި އޮތީ 214 ފޯމް. އެހެން މުއައްސަސާތަކުން ހޯދަންޖެހޭ ޑޮކިއުމަންޓްތައް ހޯދުމަށް މިދިއަ އަހރު ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިވި. އަޅުގަނޑުމެން މިއަހަރު ފެށީ 92 ކޭސްގެ ޕެންޑިންނަކާއެކު، މިހާރު ބޯޑުން ޑިޒިޝަން ނަގަން އޮތީ 61 ކޭސް. އެ 61 ކޭސްއަކީ މުއައްސަސާތަކުން ހޯދަންޖެހޭ ހުރިހާ ޑޮކިއުމަންޓްތަކެއް ލިބި، ގައިދީއާ އިންޓަރވިއު ކުރެވި، މިހާރު ދެން އޮތީ ބޯޑަށް ގައިދީ ހާޒިރުކޮށް، ގައިދީއާ ވާހަކަ ދެއްކުމަށްފަހު، ބޯޑުން ޑިޒިޝަން ނެގުމުގެ މަރުހަލާގައިވާ ކޭސްތަކެއް،އެޓަރނީ ޖެނެރަލް އޮފީހުގެ ގާނޫނީ ވަކީލު މާޒިޔާ އަބްދުއްސައްތާރު
މިހާރު ގާނޫނު އޮތްގޮތުން، ޕެރޯލްގެ ދަށުން ދޫކުރުމަށް އެދޭ ފަރާތްތަކަށް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރިކަމަށްވެސް މާޒިޔާ ވިދާޅުވިއެވެ. މިހާރު ގާނޫނު އޮތްގޮތުން، ފޯމު ހުށަހަޅަން ޖެހެނީ ގައިދީ އަމިއްލައަށް ކަމަށާއި އަދި ބައެއް ޑޮކިއުމަންޓްތައް ހޯދުމަކީވެސް ގާއިދީގެ ކަމެއް ކަމަށެވެ. ނަމަވެސް އެއީ ޖަލުގައި ބަންދުކޮށްފައިވާ ބައެއް ކަމަށްވާތީ، އެމީހުންނަށް ޕެރޯލް ފޯމު ފުރުމާއި ކޯޓުން އެމީހުންގެ މައްސަލަ ނިންމި ގޮތުގެ ގަޟިއްޔާ ހޯދުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އޭގެ ބަދަލުގައި ގައިދީންގެ ތެރެއިން ޕެރޯލަށް ޝަރުތު ފުރިހަމަވާ މީހުން ބަލައި، އެމީހުންގެ ފޯމް ހުށަހެޅުމުގެ ކަންކަން ކަރެކްޝަނަލް ސަރވިސްއަށް ލާޒިމްވާގޮތަށް، ގާނޫނަށް މިފަދަ ބައެއް އިސްލާހުތައް ގައުމަކީ މުހިއްމު ކަމެއް ކަމަށްވެސް މާޒިޔާ ވިދާޅުވިއެވެ.
ޖަލަށް މަސްތުވާތަކެއްޗާއި މޮބައިލް ފޯނު ފަދަ ތަކެތި ވައްދައި އެތަކެތި ޖަލުގައި ގެންގުޅުމަކީ ގައިދީން ކުރަމުންދާ ކަމެއްކަމަށްވާއިރު، އެތަކެތި އެމީހުންނަށް ފޯރުކޮށްދެނީ ކޮންބައެއްކަން ކަނޑައެޅިގެން އެއްވެސް އިދާރާއަކަށް ނޭނގެއެވެ. ކަރެކްޝަނުން ބުނެފައިވަނީ، އެފަދަ ކަމެއް ކަރެކްޝަންސްގެ މުވައްޒަފެއްގެ ފަރާތުން ފެނިފައިވާނަމަ އެމުވައްޒަފަކު އިތުރަށް ކަރެކްޝަންސް ސާރވިސްގެ ވަޒީފާގައި ނުބަހައްޓާނެ ކަމަށެވެ. އަދި އެފަދަ ކަމެއްގެ ތުހުމަތު މުވައްޒަފަކާމެދު ކުރެވުނަސް ފިޔަވަޅު އަޅަމުންދާ ކަމަށްވެސް ކަރެކްޝަނުން ބުނެއެވެ.