ހޭންޑްބޯލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ އިންޓަ ސްކޫލް ހޭންޑްބޯލް މުބާރާތުގެ 14 އަހަރުން ދަށުގެ ފައިނަލަށްދިޔަ ޓީމުތައް ކަށަވަރުވެއްޖެ އެވެ.
ހޮނިހިރު ދުވަހު ކުރިޔަށްދިޔަ 14 އަހަރުން ދަށުގެ ފިރިހެން ފުރަތަމަ ސެމީފައިނަލް މެޗުގައި ވާދަކުރީ ތާޖުއްދީން ސްކޫލް އަދި އިސްކަންދަރު ސްކޫލެވެ. މި މެޗު ހަތް ޕޮއިންޓް ހަތަރު ޕޮއިންޓުން ކާމިޔާބުކުރީ ތާޖުއްދީން ސްކޫލެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ތާޖުއްދީން ސްކޫލްގެ ޝިއުޒް ފަރީދް އެވެ.
ސާދަ އަހަރުން ދަށުގެ ފިރިހެން ދެވަނަ ސެމީގައި ވާދަކުރީ ކަލާފާނު ސްކޫލް އަދި ދަރުމަވަންތަ ސްކޫލެވެ. މި މެޗު 12 ޕޮއިންޓް ތިން ޕޮއިންޓުން ކާމިޔާބުކޮށްފައިވަނީ ދަރުމަވަންތަ ސްކޫލެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ދަރުމަވަންތަ ސްކޫލްގެ އަބާން އިމްރާން އެވެ.
މި ނަތީޖާއާއެކު ބުރާސްފަތި ދުވަހު ކުޅޭ 14 އަހަރުން ދަށުގެ ފިރިހެން ފައިނަލް މެޗުގައި ވާދަކުރާނީ ތާޖުއްދީން ސްކޫލް އަދި ދަރުމަވަންތަ ސްކޫލެވެ.
ހޮނިހިރު ދުވަހު ކުރިޔަށްދިޔަ 14 އަހަރުން ދަށުގެ އަންހެން ފުރަތަމަ ސެމީގައި ވާދަކުރީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް އަދި ތާޖުއްދީން ސްކޫލެވެ. މި މެޗު ނުވަ ޕޮއިންޓް ހަ ޕޮއިންޓުން ކާމިޔާބުކުރީ ޣިޔާސުއްދީން އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޣިޔާސުއްދީންގެ ޝައިނާ މުހައްމަދު ޝައިނީ އެވެ.
ސާދަ އަހަރުން ދަށުގެ އަންހެން ދެވަނަ ސެމީގައި ވާދަކުރީ މުހިއްޔުއްދީން ސްކޫލް އަދި މާފުށި ސްކޫލެވެ. މި މެޗު ދެ ޕޮއިންޓް އެއް ޕޮއިންޓުން ކާމިޔާބުކުރީ މުހިއްޔުއްދީން ސްކޫލެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އައިޝަތު ހަމްޒާ ނިޔާޒްއެވެ.
މި ނަތީޖާއާއެކު ބުދަ ދުވަހު ކުޅޭ 14 އަހަރުން ދަށުގެ އަންހެން ފައިނަލް މެޗުގައި ވާދަކުރީ ޢިޔާސުއްދީން ސްކޫލް އަދި މުހިއްދީން ސްކޫލެވެ.
މި މުބާރާތުގައި އަންގާރަ ދުވަހުވެސް މެޗުތައް ކުޅޭނެއެވެ. އަންގާރަ ދުވަހު ކުރިޔަށްދާނީ 16 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން ސެމީފައިނަލް މެޗުތަކެވެ.