ކ. މާލެ
|
16 ފެބްރުއަރީ 2021 | އަންގާރަ 11:34
ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ
ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ
މަޖިލިސް
ކަނޑު ދަތުރުކުރުމުގެ ރައްކާތެރިކަން
ކަނޑު ދަތުރުކުރުމުގެ ރައްކާތެރިކަމަށް ސަމާލުކަން ދިނުން އިތުރުކުރުމަށް ހުށަހަޅާފައިވާ ޤަރާރަށް ކޮމިޓީން އިސްލާހުތަކެއް ގެނެސްފި
 
މި ޤަރާރު ކޮމިޓީން ދިރާސާކުރުމަށްފަހު ނިންމި ގޮތުގެ ރިޕޯޓު އިއްވާފައިވަނީ ކޮމިޓީގެ މުގައްރިރު ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ
 
މި ޤަރާރަކީ މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅާފައިވާ ޤަރާރެއް

ކަނޑު ދަތުރުކުރުމުގެ ރައްކާތެރިކަމަށް ސަމާލުކަން ދިނުން އިތުރުކުރުމަށް މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅާފައިވާ ޤަރާރަށް ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން އިސްލާހުތަކެއް ގެނެސްފިއެވެ.

މި ޤަރާރަކީ، ކަނޑުދަތުރުކުރުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ކޮންމެހެން ދޭންޖެހޭ ސަމާލުކަން ނުދިނުމުގެ ސަބަބުން ދިވެހިރާއްޖޭގައި ހިނގަމުންދާ ހިތާމަވެރި ހާދިސާތައް މަދުކުރުމަށްޓަކައި، ކަނޑުދަތުރުކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަންކަމާއި ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް ހަރުދަނާކުރުމަށް އިލްތިމާސްކުރުމަށް ހުށަހަޅާފައިވާފައިވާ ޤަރާރެކެވެ.

މި ޤަރާރު ކޮމިޓީން ދިރާސާ ކުރުމަށްފަހު ނިންމި ގޮތުގެ ރިޕޯޓު އިއްވަމުން އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކޮމިޓީގެ މުގައްރިރު ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ ވިދާޅުވީ ޤަރާރުގެ އިބްތިދާއީ ބަހުސްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޤަރާރާމެދު މަޖިލީހުގެ ތަޅުމުގައި ފާޅުކުރައްވާފައިވާ ޚިޔާލުފުޅުތަކާއި، ޤަރާރުގައި ފާހަގަކޮށްފައިވާ ނުކުތާތަކާއި ޤަރާރުން ގޮވައިލާފައިވާ ކަންތައްތަކާމެދު ކޮމިޓީގެ މެންބަރުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވި ކަމަށެވެ.

ކޮމިޓީން ފާހަގަ ކޮށްފައިވާ ކަންތައްތައް

1. ދިވެހިރާއްޖޭގެ ވަށައިގެންވަނީ ކަނޑުކަމަށްވެފައި ޒަމާނުއްސުރެ ދިވެހިރާއްޖޭގައި ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ހިނގަމުން އަންނާތީ، ރާއްޖޭގެ ކަނޑުދަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިތުރު މަސައްކަތްތަކެއް ކުރަންޖެހޭކަން

އެގޮތުން، އެފަދަ ހާދިސާތައް ހިނގުމުގައި ދައުލަތާއި ރައްޔިތުންގެ އިހުމާލު ވެސް އޮންނަކަމާއި، ކަނޑު ދަތުރުފަތުރުގެ ސަލާމަތާ ގުޅޭގޮތުން ދައުލަތުގެ ފަރާތުން ހަރުދަނާ ގަވާއިދުތަކެއް ހަދައި، އެގަވާއިދުތަކަށް ތަންފީޒު ކުރެވެމުންދާކަން ކަށަވަރު ކުރަންޖެހޭކަން

2. އުޅަނދުފަހަރު ދުއްވުމުގެ ހުއްދައާއި ސީވަރދިނަސްފަދަ ހުއްދަތައް ދިނުމުގައި ޢަމަލުކުރެވޭ އުސޫލުތައް ހަރުދަނާކުރުމާއެކު އެ ހުއްދަތައް ދޫކުރާ ފަރާތްތަކުން އިތުރަށް ޒިންމާދާރުވުން މުހިންމުކަން

3. ކަނޑު ދަތުރުކުރާ އުޅަނދުފަހަރުގައި ބޭނުންކުރާ ވަސީލަތްތައް އެ އުޅަނދުފަހަރުގައި ހަމައަށް ހުރިކަން ކަށަވަރު ކުރުމާއެކު އެތަކެއްޗަކީ ޒަމާނަށް އެކަށީގެންވާގޮތަށް ތައްޔާރުކުރެވިފައިވާ ތަކެތިކަން ކަށަވަރުކުރަން ޖެހޭކަން

4. ކަނޑުމަތީގެ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންކުރާ ސާމާނުތައް އެ އުޅަނދުފަހަރުގައި ހަމައަށްހުރިކަން ކަށަވަރުކުރުމާއެކު، އެ ތަކެއްޗަކީ ދަތުރުވެރިންނަށް ފަސޭހައިން އަތުޖެހޭގޮތަށް ބެހެއްޓިފައި ހުންނަތަކެއްޗަށް ހެދުމާއި، އެތަކެތި ބޭނުންކުރާނެ ގޮތާމެދު އެ އުޅަނދުފަހަރުގައި ދަތުރުކުރާ އެންމެހައި ފަރާތްތަކުން އަހުލުވެރިވާން ޖެހޭކަން

5. ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރު ބަނދެވިފައި ހުންނަގޮތުން އުޅަނދު ބިންދައިގެން ދިއުންފަދަ ހާދިސާތައް ހިނގާފައި ހުރިކަން ފާހަގަކުރެވޭކަމާއި، އެގޮތުން ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ރަނގަޅު ފެންވަރަކަށް ކަނޑުމަތީގެ އުޅަނދުފަހަރު ފަރުމާކުރުމާއި އެ އުޅަނދުފަހަރު ބަނުން މުހިންމުކަމާއި އުޅަނދުފަހަރު ބަނުމުގައި ފެންވަރު ރަނގަޅު އާލާތްތަކާއި ވަސީލަތްތައް ބޭނުންކުރުން މުހިންމުކަން

6. ނެރުތަކާއި ކަނޑިއްމަތައް ހެދިފައި ހުންނަގޮތުން ނުވަތަ ނެރު ބައްތި ނެތުމުގެ ސަބަބުން ނުވަތަ ނެރު ބައްތި ވެއްޓިފައި ހުރުމުގެ ސަބަބުން، ނުވަތަ އެތަންތަނަށް ދޭންވާ ސަމާލުކަން ނުދެވުމުގެ ސަބަބުން ވެސް ބައެއްފަހަރު އުޅަނދުފަހަރު ވަންނަން އުޅުމުގެ ތެރޭގައި ނުރައްކާތެރި ހާދިސާތައް ހިނގާކަން ފާހަގަކުރެވޭކަމާއި، އެގޮތުން ނެރުތަކާއި ނެރު ބައްތިތަކާއި ކަނޑިއްމަތައް ރަނގަޅަށް މަރާމާތުކޮށްފައި ބެހެއްޓުމާއެކު، ދަތުރުކުރާ ފަރާތްތަކުން އެތަންތަނަށް ދޭންވާ ސަމާލުކަން ދިނުން މުހިއްމުކަން

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް