މޫސުން ގޯސްވެ ލ. އަތޮޅުން އައްޑޫ ސިޓީއަށް ނެރެފައިވާ ވައިޓް އެލަރޓްގެ މުއްދަތު އިތުރުކޮށްފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ހޯމަ ދުވަހުގެ ދަންވަރު 12:00ން އަންގާރަ ދުވަހުގެ ހެނދުނު 06:00ށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް ލ. އަތޮޅުން އައްޑޫ ސިޓީއަށް ނެރެފައިވާ ވައިޓް އެލަރޓްގެ މުއްދަތު އަންގާރަ ދުވަހުގެ މެންދުރު 12:00ށް އިތުރު ކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން އެ އިދާރާއިން ބުނީ ދެކުނުގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ.
އަދި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރުމާއެކު އުތުރުގެ މޫސުން އާއްމު ގޮތެއްގައި ރަނގަޅު ވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ދެކުނުގެ އަތޮޅުތަކަށް އުތުރާއި އިރުއުތުރުން އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 5 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ.
ރާއްޖޭގެ ކަނޑުތައް މަޑުވާނެ ކަމަށް ބުނެ މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ރާޅުގެ އުސްމިނުގައި 1 ފޫޓާއި ތިން ފޫޓު ހުންނާނެ ކަމަށް ބެލެވޭ ކަމަށެވެ.
މީގެ އިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.