ކ. މާލެ
|
15 ފެބްރުއަރީ 2021 | ހޯމަ 17:59
އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން
އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން
ރޮއިޓަރސް
ކޮވިޑް-19 އިނގިރޭސިވިލާތުގެ ހާލަތު
އިނގިރޭސިވިލާތުގެ ލޮކްޑައުން ނިމުމަކަށް ގެނައުމާމެދު މިހަފްތާތެރޭގައި ގޮތެއް ނިންމަނީ
 
އިނގިރޭސިވިލާތުގެ އާބާދީގެ ތިންބައިކުޅަ އެއް ބައި މީހުންނަށް މިހާރު ވެކްސިންގެ ދެ ޑޯޒްގެ ތެރެއިން ފުރަތަމަ ޑޯޒް ވަނީ ދީފައި
 
ހެލްތު މިނިސްޓަރ ވިދާޅުވީ ބަލިޖެހިގެން މަރުވާ މީހުންނާއި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު އަދިވެސް މާމަތިކަމަށް

އިނގިރޭސިވިލާތް ތިން ވަނަ ފަހަރަށް ލޮކްޑައުންކޮށްފައި އޮތްއިރު ލޮކްޑައުން އުވާލެވޭނެ ތާރީޚަކާ މެދު މިހަފްތާތެރޭ އެގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ގޮތެއް ނިންމަވާނެކަމަށް އެގައުމުގެ ހެލްތު މިނިސްޓަރ ވިދާޅުވެއްޖެއެވެ.

އެގައުމުގައި އެންމެ ފުރަތަމަ ވެކްސިންދޭންޖެހޭ ކެޓަގަރީގައި ހިމެނޭ 15 މިލިއަން މީހުންނަށް ވަނީ ވެކްސިން ދީފައެވެ. އެހެންނަމަވެސް އެގައުމުގެ ހެލްތު މިނިސްޓަރ ވިދާޅުވީ ބަލިޖެހިގެން މަރުވާ މީހުންނާއި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު އަދިވެސް މާމަތިކަމަށެވެ.

އިނގިރޭސިވިލާތުގެ އާބާދީގެ ތިންބައިކުޅަ އެއް ބައި މީހުންނަށް މިހާރު ވެކްސިންގެ ދެ ޑޯޒްގެ ތެރެއިން ފުރަތަމަ ޑޯޒް ވަނީ ދީފައެވެ. އެގައުމުގައި ވެކްސިންދޭން ފެށިތާ ވަނީ ދެ މަސްދުވަހަށްވުރެ އިތުރުވެފައެވެ. މިއާއެކު ތިން ވަނަ ލޮކްޑައުންއެއްގައި ގައުމު އޮތްއިރު އެކަމުގެ ސަބަބުން ގައުމުގެ އިގްތިޞާދަށް ވަމުންދާ ގެއްލުންތަކުގެ ސަބަބުން ލޮކްޑައުން އުވާލާ ގައުމު އަލުން ހުޅުވާލުމަށް ބޮޑުވަޒީރަށް ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި ވިޔަފާރިވެރިންގެ ފަރާތުން އަންނަނީ ފިއްތުންތައް ކުރިމަތިކުރަމުންނެވެ.

ހެލްތު ސެކެޓްރީ މެޓް ހެންކޮކް ސްކައިނިއުސް އާ ވާހަކަދައްކަވަމުން ވިދާޅުވީ ކޮވިޑްގެ ޑާޓާތަކަށް ބަލަންޖެހޭކަމަށެވެ. ހުރިހާ އެންމެންވެސް ބޭނުންވަނީ މިކަމުން ވީއެންމެ އަވަހަށް އަރައިގަންނަންކަމަށާއި ނަމަވެސް މިކަމުގައި މުހިންމީ އަވަހަށް ސަލާމަތްތެރިކަމާއެކު މިކަމުން އަރައިގަނެވުންކަމަށެވެ.

ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ބޮރިސްޖޯންސަން ދެން ކުރިޔަށް އަޅުއްވާނެ ފިޔަވަޅުތައް ހާމަކުރައްވާނެއެވެ.

ކޮވިޑް-19ގެ ޕެންޑަމިކްގައި މުޅި ދުނިޔެއިން 2.4 މިލިއަނަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު މުޅި ދުނިޔޭގައި ކުރިޔަށްދާ ވެކްސިންޖެހުމުގެ އެންމެ ބޮޑު ޕްރޮގްރާމް އަންނަނީ ކުރިޔަށް ގެންދަމުންނެވެ. އަނެއްކޮޅުން ގްރޭޓް ޑިޕްރެޝަންގެ ފަހުން ދުނިޔެ ދުށް އިގްތިޞާދީ އެންމެ ތަދު ދުވަސްތަކާއި ވަނީ މިޕެންޑަމިކާއި ގުޅިގެން ކުރިމަތިވެފައެވެ.

އިނގިރޭސިވިލާތުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް 15.062 މިލިއަން މީހުންނަށް ދީފައެވެ. އަދި ދެވަނަ ޑޯޒް 537،715 މީހުންނަށްދީފައެވެ. އިނގިރޭސިވިލާތަކީ ގައުމުގެ އާބާދީއަށް ބަލާއިރު އެންމެ އަވަހަށް ވެކްސިން ޖަހަމުން އަންނަ ގައުމެވެ. ހެންކޮކް ވިދާޅުވީ ވެކްސިން އުފައްދާ ފަރާތްތަކުން ވެކްސިން އުފައްދާ މިންވަރު އިތުރުކުރާނެކަމަށް އުންމީދުކުރާކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
20%
40%
0%
20%
0%
20%
ކޮމެންޓް