ކ. މާލެ
|
15 ފެބްރުއަރީ 2021 | ހޯމަ 14:09
ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރ ހަސަން ލަތީފު- ގަރާރު މަޖިލީހަށް ހުށަހެޅުއްވި މެމްބަރ
ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރ ހަސަން ލަތީފު- ގަރާރު މަޖިލީހަށް ހުށަހެޅުއްވި މެމްބަރ
މަޖިލިސް
މަޖިލީހަށް ހުށަހެޅި ގަރާރު
މާލޭގައި ޒުވާނުންނަށް އުފާވެރި މާހައުލެއްގައި އެއްވެތިބޭވޭނެ މަރުކަޒެއް ހެދުމަށް ގޮވައިލާ ހުށަހެޅި ގަރާރު އިތުރަށް ދިރާސާކުރަން ކޮމިޓީއަށް
 
މިގަރާރު މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރ ހަސަން ލަތީފު
 
ވަކިގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވި
 
ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 34 މެމްބަރުން ވަނީ ގަރާރު ބަލައިގަތުމަށް ވޯޓު ދެއްވާފައި

މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކު އަޑުއަހާލާއި، އެކުވެރިންނާ ބައްދަލުކޮށް ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީނ ސަމާސާކޮށް މަޖާކޮށްލައި އެއްވެ ތިބެވޭނެ ފަދަ މަރުކަޒެއް ގާއިމުކޮށްދިނުމަށް އެދި ހުށަހެޅި ގަރާރު ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް އިޖުތިމާޢީ ކޮމިޓީއަށް ފޮނުވައިފިއެވެ.

މިގަރާރު ބަލައިގަތުމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 34 މެމްބަރުން ވަނީ ގަރާރު ބަލައިގަތުމަށް ވޯޓު ދެއްވާފައެވެ. އަދި ވަކިގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވިއެވެ. މިގަރާރު މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރ ހަސަން ލަތީފުއެވެ.

މި ޤަރާރު ހުށަހަޅުއްވަމުން ހަސަން ލަތީފު ވިދާޅުވީ މިއީ މާލޭއަށް ދިމާވެފައިވާ އެންމެހައި މައްސަލަތަކުން އަރައިގަތުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކު އަޑުއަހާލައި އެކުވެރިންނާ ބައްދަލުކޮށް ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީނ ސަމާސާކޮށް މަޖާކޮށްލައި އެއްވެ ތިބެވޭނެ ފަދަ މަރުކަޒެއް މާލޭގައި ގާއިމުކޮށްދިނުމަށާއި އެމަރުކަޒަކީ ޒުވާނުންގެ މިޔުޒިކުގެ ފަންނު އިތުރަށް ތަރައްޤީކުރުމުގެ ވަސީލަތަކަށް ހެދުމަށް ސަރުކާރުން ކުރެވެން ހުރި ކަންކަން ކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ހުށަހަޅުއްވާ ގަރާރެއް ކަމަށެވެ.

ހަސަން ލަތީފު ވިދާޅުވީ ޒަމާނުއްސުރެ މާލެއަށް ދިމާވެފައިވާ އިޖުތިމާއީ މައްސަލަތަކަކީ އެމައްސަލަތަކުން މުޅިން އަރައިގަތުމަށް އިންތިހާއަށް ދަތިވެފައިވާ މައްސަލަަތައްކަމަށެވެ. އަދި މާލޭގައި މިއޮތް ތޮއްޖެހުމާއި ބޯހިޔާވަހިކަމުގެ ދަތިކަމާއި މަގުތަކުގެ ކާރޫބާރޫ ބޮޑުކަމާއި ވަޒީފާގެ ފުރުސަތުތަކުގެ މަދުކަމުގެ މައްސަލަތަކާއެކު އުޅެންޖެހިފައިވަނީ ހާސްކަމެއްގެ ތެރޭގައި ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.

ހަސަން ލަތީފު ވިދާޅުވީ ތަފާތު ވައްތަރުގެ މިޔުޒިކާއި ލަވަ އަޑުއަހާލަން ޒުވާނުންނަށް އެއްވެ އުޅެވޭނެ ތަނެއްގެ މުހިންމުކަން އިތުރުވެފައިވާ ކަމަށެވެ. އަދި ޒުވާނުންގެ ތެރޭގައި އާދަޔާ ޚިލާފު ކުޅަދާނަ ފަންނާނުން އެބަތިބި ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.

މިޔުޒިކް ހުނަރު ދަސްކުރަން ބޭނުން އެތައް ޒުވާނުންނެއް އެބަތިބިކަމަށާއި އެހެންކަމުން މިޔުޒިކް ރެކޯޑިން ސްޓޯޑިއޯތަކާއި ބޭންޑް ޕްރެކްޓިސް ރޫމް ފަދަ ވަސީލަތްތައް އެމަރުކަޒުގައި ހުންނަން ޖެހޭކަމަށް ގަރާރު ހުށަހަޅުއްވަމުން ހަސަން ލަތީފު ވިދާޅުވިއެވެ. މީގެއިތުރުން ރަނގަޅު އަދަދެއްގެ އޯޑިއެންސްއަކަށް ޝޯ ދެވޭނެ އިންތިޒާމު އެމަރުކަޒުގައި ހަމަޖެހުން މުހިންމު ކަމަށާއި ޒުވާނުންގެ ހުނަރު އާލާކޮށް އިތުރަށް ކުރިއެރުވުމުގައި ދައުލަތުގެ ޒިންމާ ބޮޑުކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.

އެޒުވާނުންގެ އާދަޔާ ޚިލާފު ހުނަރު ބޭނުންކުރުމުގެ ފުރުސަތު ހޯދައިދިނުމަކީ ދައުލަތުގެ މަސްއޫލިއްޔަތެއް ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ. ހަސަން ލަތީފު ވިދާޅުވީ އަންނަން އޮތް ޖީލަށް ދިވެހިންގެ ޘަގާފަތް އަމާނާތްތެރިކަމާއެކު ފޯރުކޮށްދެވުމާއި ފޯރުކޮށް ނެދުވުން ބިނާވެފައިވަނީ އަދުގެ ދައުލަތުން ޒުވާނުންނާމެދު އަމަލުކުރާ ގޮތެއްގެ މައްޗަށް ކަމަށެވެ. އަދި ޒުވާނުންގެ އެ މުހިންމު ބޭނުންތަކަކީ ސަރުކާރުން އިޖާބަދޭންވާނެ ކަންކަން ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.

މިގަރާރުގެ ބަހުސް މަރުހަލާގައި އެމްޑީޕީ މެމްބަރުން ވަނީ ގަރާރަށް ތާއީދުކުރައްވާ ވާހަކަދައްކަވާފައެވެ. ނަމަވެސް އިދިކޮޅު މެމްބަރުން ވަނީ މިގަރާރަށް ތާއީދުނުކުރާކަމަށް ވިދާޅުވެފައެވެ. އަދި ގަރާރުގެ ބަހުސް މަރުހަލާގައި އެމްޑީޕީގެ މެމްބަރުން ދެއްކެވި ވާހަކަތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އެމެމްބަރުންނަށް އަމާޒުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
25%
0%
75%
0%
0%
ކޮމެންޓް