ކ. މާލެ
|
15 ފެބްރުއަރީ 2021 | ހޯމަ 15:30
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން
ރައްޔިތުންގެ މަޖިލިސް
ޗީފް އޮމްބަޑްސްޕަރސަންގެ މުސާރައާއި ޢިނާޔަތް
ޗީފް އޮމްބަޑްސްޕަރސަންގެ މުސާރައާއި ޢިނާޔަތްތަކުގެ ގޮތުގައި 37،500 ރުފިޔާ ހަމަޖެއްސުމަށް މަޖިލީހުން ފާސްކޮށްފި
މާލިއްޔަތު ކޮމިޓީން މި މައްސަލަ ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު އިއްވާފައިވަނީ އެ ކޮމިޓީގެ މުގައްރިރު
އޮމްބަޑްސްޕަރސަނުންގެ މުސާރައާއި އިނާޔަތްތައް ކަނޑައެޅުމުގައި ފިނޭންސް މިނިސްޓްރީގެ ލަފާ ކޮމިޓީން ހޯދާފައިވޭ

ޗީފް އޮމްބަޑްސްޕަރސަންގެ މުސާރައާއި ޢިނާޔަތްތަކުގެ ގޮތުގައި 37،500 ރުފިޔާ ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ހޯމަ ދުވަހު ވޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޗީފް އޮމްބަޑްސްޕަރސަނާއި އޮމްބަޑްސްޕަރސަނުންގެ މުސާރައާއި ޢިނާޔަތްތައް ކަނޑައެޅުމުގެ މައްސަލަ ދިރާސާ ކުރުމަށްފަހު އެ މައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމާފައިވާ ގޮތާ މެދު ނެގުނު ވޯޓުން އެ މައްސަލަ މަޖިލީހުން ފާސް ކޮށްފައިވަނީ 40 މެންބަރުންގެ އިއްތިފާގުންނެވެ.

މާލިއްޔަތު ކޮމިޓީން މި މައްސަލަ ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހޯމަ ދުވަހުގެ ޖަލްސާގައި އިއްވާފައިވަނީ އެ ކޮމިޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މެމްބަރ މުހައްމަދު ނާޝިޒެވެ.

ނާޝިޒް ވިދާޅުވީ ޗީފް އޮމްބަޑްސްޕަރސަނާއި އޮމްބަޑްސްޕަރސަނުންގެ މުސާރައާއި އިނާޔަތްތައް ކަނޑައެޅުމުގައި ފިނޭންސް މިނިސްޓްރީގެ ލަފައަކަށް އެދުނު ކަމަށެވެ. އަދި އެކަމާ ގުޅިގެން ފިނޭންސްއިން ދެ ގޮތަކަށް ލަފާ ދީފައިވާ ކަމަށް ނާޝިޒް ވިދާޅުވިއެވެ.

އެގޮތުން ފުރަތަމަ ގޮތުގައި ޗީފް އޮމްބަޑްސްޕަރސަނުގެ މުސާރައާއި ޢިނާޔަތްތަކުގެ ގޮތުގައި 40،000 ރުފިޔާ އަދި އޮމްބަޑްސްޕަރސަނުންގެ މުސާރައާއި ޢިނާޔަތްތަކުގެ ގޮތުގައި 35،000 ރުފިޔާ ކަނޑައެޅުމަށް ލަފާ ދީފައިވާކަމަށް ނާޝިޒް ވިދާޅުވިއެވެ.

އަދި ދެވަނަ ގޮތުގައި ޗީފް އޮމްބަޑްސްޕަރސަނުގެ މުސާރައާއި ޢިނާޔަތްތަކުގެ ގޮތުގައި 37،500 ރުފިޔާ އަދި އޮމްބަޑްސްޕަރސަނުންގެ މުސާރައާއި ޢިނާޔަތްތަކުގެ ގޮތުގައި 33،500 ރުފިޔާ ކަނޑައެޅުމަށް ފިނޭންސއިން ލަފާ ދީފައިވާ ކަމަށް ނާޝިޒް ފާހަގަކުރެއްވިއެވެ.

ޗީފް އޮމްބަޑްސްޕަރސަން އާއި އޮމްބަޑްސްޕަރސަނުންގެ މުސާރަ އާއި އިނާޔަތްތައް މަޖިލީހުން މިކަނޑައެޅީ މިދިޔަ އަހަރުގެ ތިން ވަނަ ދައުރުގައި މަޖިލީހުން ފާސްކުރި އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުންނެވެ.

މިޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް، ޗީފް އޮމްބަޑްސްޕަރސަންގެ މަޤާމަށް އައްޔަން ކުރެއްވީ ނ. މާފަރު އީޓުޖެހިގެ ޢަބްދުއްސަލާމް ޢާރިފް، އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ގއ. ކަނޑުހުޅުދޫ ބްލޫރޯޒް އަލްއުސްތާޛާ ޖިހާދާ އަނީސްއާއި، ހ. ފެހިއާލާ މަރްޔަމް ލައިޒާ ވަނީ އައްޔަން ކުރައްވާފައެވެ.

އިންތިޤާލީ އިންސާފުގެ ޤާނޫނަކީ، 1953 ޖަނަވަރީ 1 އިން ފެށިގެން 2018 ނޮވެންބަރު 17 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބަލައި، ތަޙްޤީޤުކޮށް، ޙަޤީޤަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް މި ޤާނޫނުގެ ދަށުން ފޯރުކޮށްދޭ ޙައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައެޅުމުގެ ޤާނޫނެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހެއް އުފެދިގެންދާނެއެވެ. އަދި އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަކީ، އަމިއްލަ ނަމުގައި ދަޢުވާކުރުމާއި، ދަޢުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުޢާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މުސްތަޤިއްލު ޤާނޫނީ ޝަޚްޞެކެވެ.

- ކޮމެންޓް