ބޭރު ގައުމުތަކަށް ނޮން ރެޒިޑެންޓް ސަފީރުން އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ 8 ސަފީރުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ނިންމައިފިއެވެ.
ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މެންބަރު ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރ ޖަމްޝީދު މުހައްމަދު ވިދާޅުވީ ރާއްޖެއިން ނޮން ރެސިޑެންޓް ސަފީރުން ކަނޑައެޅުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ފަރާތްތައް ކޮމިޓީން ދިރާސާ ކޮށްފައިވާ ކަމަށެވެ.
އަދި އެ ބޭފުޅުންނަކީ މިހާރުވެސް ބޭރު ޤައުމުތަކަށް ދިވެހިރާއްޖޭން ކަނޑައަޅާފައި ހުންނަވާ ސަފީރުން ކަމަށްވެފައި، އަދި އެ ބޭފުޅުންނަކީ ބައިނަލްއަޤްވާމީ އެކިއެކި ރޮނގުރޮނގުން މަސައްކަތް ކުރައްވައި، އަދި ޑިޕްލޮމެޓިކް މިޝަންއާއި، ތަޢުލީމާއި ތަޖުރިބާގެގޮތުން ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުންކަމަށް ހަމަޖެއްސެވުމަށް އެކަށީގެންވާ ފަރާތްތަކެއް ކަމަށް ފާހަގަކޮށް، އިންޓަރވިއު ކުރުމަކާނުލައި ކޮމިޓީން ހުށަހަޅާގޮތް މަޖިލީހުގެ ތަޅުމަށް ފޮނުވުމާ މެދު ކޮމިޓީގައި މަޝްވަރާ ކުރެވިގެން ދިޔަ ކަމަށެވެ.
ކޮމިޓީން ހުށަހަޅާފައިވާ ގޮތް
1. ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ހ. ސީވީޑް، އަހުމަދު ލަތީފް، ޔޫކްރެއިންއަށް ދިވެހިރާއްޖެއިން ކަނޑައަޅައި ނޮން ރެޒިޑެންޓް ސަފީރު ކަމަށް ފެންނަކަމަށް ކަނޑައެޅުން
2. އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ހ. ނިޔާސާ، ޑރ. ހުސެއިން ނިޔާޒް، ރިޕްބަލިކް އޮފް އަޒަރްބައިޖާނަށް ދިވެހިރާއްޖެއިން ކަނޑައަޅައި ނޮން ރެޒިޑެންޓް ސަފީރު ކަމަށް ފެންނަ ކަމަށް ކަނޑައެޅުން
3. ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ހ. ހިކިފިނިފެންމާގެ، އުމަރު އަބްދުއް ރައްޒާގު، އޮސްޓްރޭލިއާ އަދި ރިޕަބްލިކް އޮފް ސައުތް އެފްރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅައި ނޮން ރެޒިޑެންޓް ސަފީރު ކަމަށް ފެންނަ ކަމަށް ކަނޑައެޅުން
4. ސައުދީ އަރައްބިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ގ. އުތުރުގެއާގެ، މުހައްމަދު ޚަލީލް، ސްޓޭޓް އޮފް ފަލަސްތީނަށް ދިވެހިރާއްޖެއިން ކަނޑައަޅައި ނޮން ރެޒިޑެންޓް ސަފީރު ކަމަށް ފެންނަ ކަމަށް ކަނޑައެޅުން
5. ތައިލެންޑަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު މއ. ތިބުރޯޒު، މުހައްމަދު ޖިނާހު، ކިންގްޑަމް އޮފް ކެމްބޯޑިއާ, ސޯޝިއަލިސްޓް ރިޕަބްލިކް އޮފް ވިއެޓްނާމް އަދި ލާއޯ ޕީޕަލްސް ޑިމޮކްރަޓިކް ރިޕަބްލިކަށް ދިވެހިރާއްޖެއިން ކަނޑައަޅައި ނޮން ރެޒިޑެންޓް ސަފީރު ކަމަށް ފެންނަ ކަމަށް ކަނޑައެޅުން
6. ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ގ. ފަރުކަނި ޑރ އާސިމް އަހްމަދު, އިޓަލީ، ޓަރކީ އަދި ރިޕަބްލިކް އޮފް އޮސްޓްރިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅައި ނޮން ރެޒިޑެންޓް ސަފީރު ކަމަށް ފެންނަ ކަމަށް ކަނޑައެޅުން
7. އެކުވެރި އަރަބި އިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ހ. މިސްޓީ ލޮޖް، އައިމިނަތު ޝަބީނާ، ރިޕަބްލިކް އޮފް އިޖިޕްޓަށް ދިވެހިރާއްޖެއިން ކަނޑައަޅައި ނޮން ރެޒިޑެންޓް ސަފީރު ކަމަށް ފެންނަ ކަމަށް ކަނޑައެޅުން
8. ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ހ. ޖެހޭވައި، އިބްރާހިމް ޝަހީބް، ނިއުޒިލެންޑަށް ދިވެހިރާއްޖެއިން ކަނޑައަޅައި ނޮން ރެޒިޑެންޓް ސަފީރު ކަމަށް ފެންނަ ކަމަށް ކަނޑައެޅުން