ކ. މާލެ
|
15 ފެބްރުއަރީ 2021 | ހޯމަ 11:30
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ގްރީން ސްޓްރީޓްސް އާއި ސަސް ބައްދަލުކުރި މެޗުގެ ތެރެއިން
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ގްރީން ސްޓްރީޓްސް އާއި ސަސް ބައްދަލުކުރި މެޗުގެ ތެރެއިން
އެފްއޭއެމް
ދިވެހި ޕްރިމިއާ ލީގު އަލުން ފެށުން
ދިވެހި ޕްރިމިއާ ލީގުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ވެކްސިން ޖަހަނީ
ކުއްލި ގޮތަކަށް ލީގު މެދުކަނޑާލަން ނިންމީ މި މަހުގެ ތިންވަނަ ދުވަހު
ކުޅުންތެރިންނާއި ޓެކްނިކަލް ސްޓާފުންނަށް ވެކްސިން ޖަހަން ފަށާނެ

ދިރާގު ދިވެހި ޕްރިމިއާ ލީގު އަލުން ފަށަން ކުރާ މަސައްކަތުގެ ތެރެއިން ލީގުގައި ވާދަކުރާ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ހޯމަ ދުވަހު ވެކްސިން ޖަހަން ފަށައިފިއެވެ.

ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލަން ނިންމީ ކޮވިޑް-19 ގެ ކޭސްތައް މާލެ ސިޓީގައި އިތުރުވުމާއެކު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރުނު އައު އުސޫލުތަކާ ގުޅިގެން މި މަހުގެ ތިންވަނަ ދުވަހުއެވެ. އެއާއެކު ފުރަތަމަ ޑިވިޝަނުގެ ހުރިހާ ކުލަބަކުން ވަނީ ލީގު މެދުކަނޑާލުމުން ކުލަބުތަކާއި ކުޅުންތެރިންނަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ ކަމަށާއި، އެހެންކަމުން އަލުން ފަރިތަކުންތައް ފަށައި، ލީގު ފެށުމުގެ ހުއްދަދިނުމަށް ގޮވާލާފައެވެ.

އެއާއެކު ލީގު އަލުން ފެށުމުގެ މަޝްވަރާތައް ފެށިއިރު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވަނީ ލީގު ފަށަން ކުރާ މަސައްކަތުގެ ތެރެއިން ކުލަބުތަކުގެ ކުޅުންތެރިންނާއި ޓެކްނިކަލް ސްޓާފުންނަށް ހޯމަ ދުވަހު ވެކްސިން ޖަހަން ފަށާނެ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ބަައްސާމް ވަނީ އެ ފުރުސަތު ތަނަވަސްކޮށްދެއްވީތީ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފާއި، ޞިއްޙަތާ ބެހޭ ވަޒީރު އަޙްމަދު ނަސީމަށް ޝުކުރުއަދާކުރައްވާފައެވެ.

ދިވެހި ޕްރިމިއާ ލީގުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ވެކްސިން ޖަހަން ފަށާއިރު، މީގެ ކުރިން ރާއްޖެޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ބައްސާމް ވިދާޅުވީ ލީގު މެދުކަނޑާލުމުން ކުލަބުތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ކުލަބުތަކާއި، އޮފިޝަލުން އަދި ކުޅުންތެރިންވެސް ތިބީ ވެކްސިން ޖަހައިގެންވިޔަސް ލީގުގެ ކުޅުން އަކުން ފެށުމަށް ކަމަށެވެ. އަދި ލީގު ކުރިއަށް ގެންދިޔުމަށްޓަކައި ސިއްހީ އިދާރާތަކަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ކުލަބުތަކުން ދޭނެ ކަމަށާއި، އުންމީދަކީ ވީއެންމެ އަވަހަކަށް ލީގުގެ ކުޅުން ފެށިގެން ދިޔުން ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

އެކަމަކު މިދިޔަ ހުކުރު ދުވަހުގެރޭ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕު (ޓެގް) ގެ ލީޑަރު ޑރ. އަލީ ލަތީފް ވިދާޅުވީ މި ހާލަތުގައި ލުއި ދެވޭނީ ޒަރޫރީ ކަންތައްތަކަށް އެކަނި ކަމަށާއި، އެކަމަކު ގައުމީ މުބާރާތްތަކަށް ހުއްދަދެވޭތޯ ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް މި ދަނޑިވަޅުގައި ހުއްދަދެވޭނެ ކަމެއް ސީދާ ދަންނަވަން ނޭނގޭ ކަމަށްވެސް ވިދާޅުވިއެވެ.

އެކަމަކު މުބާރާތްތަކަށް ގޮތެއް ނިންމާނީ ޓެކްނިކަލް ޓީމާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށާއި، ނަމަވެސް މިހާރު ކޭސްތައް ދާ ގޮތުން ކުޅިވަރު ހަރަކާތްތަކަށް ލުޔެއް ދެވޭނެހެން ހީނުވާ ކަމަށްވެސް ޑރ. އަލީ ލަތީފް ވިދާޅުވިއެވެ.

ދެވަނަ ބުރުގެ މެދުތެރެއިން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ވަގުތީ ގޮތުން މެދުކަނޑާލިއިރު، އެޗްޕީއޭގެ ހާއްސަ ހުއްދައެއްގެ ދަށުން މި ސީޒަން ފަށާފައިވަނީ މދިޔަ ޑިސެމްބަރު މަހުގެ އަށްވަނަ ދުވަހުއެވެ. އެގޮތުން ޗެރިޓީ ޝީލްޑް މެޗުން ސީޒަން ފެށިއިރު، ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފަށާފައިވަނީ އެ މަހުގެ 13 ވަނަ ދުވަހުއެވެ. އަދި ދެވަނަ ބުރުގެ މެދުތެރެއިން ލީގު މެދުކަނޑާލިއިރު، މިހާތަނަށް ލީގުގައި ވަނީ ޖުމްލަ 34 މެޗު ކުޅެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް