އެމް.އެ.މްޕީ.އާރު.ސީ.ގެ ޚިޔާނާތުގައި ހިމެނޭ، ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ކުއްޔަށް ދޫކުރި ރ. ފުއްގިރި މައްސަލައިގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކޮށްފައިވާ ދެ ދަޢުވާއާ ގުޅިގެން ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ތާވަލްކުރި އަޑުއެހުން ކެންސަލް ކޮށްދިނުމަށް ރައީސް ޔާމީން އެދިވަޑައިގެންނެވުމުން އެ އަޑުއެހުން ކެންސަލްކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ބުނީ، މާލެ ސަރަހައްދުގައި ކޮވިޑް-19ގެ ހާލަތު ގޯސްވެފައިވާތީއާ، ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުންތަކަކީ، ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ހާޒިރުކޮށްގެން ކުރިއަށް ގެންދާ އަޑުއެހުންތަކަކަށްވާތީއާއި ރައީސް ޔާމީނަކީ ހައިރިސްކް ބޭފުޅަކަށްވާތީއާއެކު ހޯމަ ދުވަހުގެ އަޑުއެހުން ކެންސަލް ކޮށްދިނުމަށް އެމަނިކުފާނުގެ ފަރާތުން އެދިވަޑައިގެންނެވުމުން ކެންސަލްކުރީ ކަމަށެވެ.
އެންމެފަހުން މި މައްސަލައިގައި އަޑުއެހުމެއް ބާއްވާފައިވަނީ، ނިމުނު ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުއެވެ. އެ ދުވަހުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ފަރާތުން ދައުވާއަށް ޖަވާބުދާރީވަމުން އެމަނިކުފާނުގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް ވިދާޅުވެފައިވަނީ އެ ދައުވާތަކަށް ރައީސް ޔާމީން އިންކާރު ކުރައްވާ ކަމަށެވެ. އަދި ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާއަކީ އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލަ ތަހުގީގުކުރުމުގެ ނަމުގައި އެމަނިކުފާނަށް އަމާޒުކޮށް ކުރާ ދައުވާއެއް ކަމަށާއި އެ ދައުވާގައިވަނީ އަސްލެއް ނެތް ތުހުމަތުތަކެއް ކަމަށް ޖަމީލް ވިދާޅުވެފައިވެއެވެ. އަދި މީގެ ކުރިން އެމަނިކުފާނުގެ މައްޗަށް މި ޚިޔާނާތުގެ މައްސަލާގައި ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައިވާކަމަށާއި އިތުރު ދައުވާތަކުގައި އާ އެއްވެސް ތުހުމަތެއް ނެތްކަމަށް ޖަމީލް ވިދާޅުވެފައިވެއެވެ.
ރ. ފުއްގިރި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، މަނީ ލޯންޑަރިންގ ކުށުގެ ދަޢުވާއަކާއި ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާއެކެވެ. މި ދެ ދައުވާ އުފުލާފައިވަނީ، ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުޢާމަލާތާ ގުޅިގެން ރައީސް ޔާމީން ރިޝްވަތުގެ ފައިސާގެ ގޮތުގައި ހޯއްދެވި، 1،117،000 (އެއްމިލިއަން އެއްލައްކަ ސަތާރަހާސް) ޑޮލަރު ކްރިކް ރިޒާ މެދުވެރިކޮށް އަދި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ މަނީލޯންޑަރ ކުރުމަށްޓަކައި ފައިސަލާކޮށްފައިވާ މައްސަލައިގައެވެ.
މި މައްސަލާގައި ދެން ކުރިއަށްދާނީ، ހެކި ހުށަހެޅުމާއި، ޝަރީއަތުގެ ކުރިން ދެ ފަރާތުން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމެވެ.
ރައީސް ޔާމީން މިހާރު ވެސް ގެންދަވަނީ، އެމް.އެމް.ޕީ.އާރު.ސީ.ގެ ޚިޔާނާތުގައި ހިމެނޭ، ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ކުއްޔަށްދިން ގއ. ވޮޑުމުލާގެ އެކިއުޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 1،000،000 (އެއް މިލިއަން) ޑޮލަރު އެ މަނިކުފާނުގެ އަމިއްލަފުޅު ބޭންކް އެކައުންޓަށް ޖަމާކޮށް، މަނީލޯންޑަރ ކުރުމުގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.