މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އޯލެވެލް އައި.ޖީ.ސީ.އެސް.އީ އިމްތިޙާނުގެ ހަޔަރ ލޭޓް އެންޓްރީ ގެ އެޕްލިކޭޝަން ދޫކުރަން ފަށައިފިއެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ބުނީ 2021 ވަނަ އަހަރުގެ މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އޯލެވެލް އައި.ޖީ.ސީ.އެސް.އީ އާއި އެސް.އެސް.ސީ އިމްތިޙާނުގެ ހަޔަރ ލޭޓް އެންޓްރީގެ އެޕްލިކޭޝަން ދޫކުރުމާއި ފައިސާބަލައިގަތުން މިމަހުގެ 15ން 17ށް ކުރިއަށްދާނެ ކަމަށެވެ.
އެޕްލިކޭޝަން ފޯމާއި ފީޝީޓު އެ ޑިޕާޓްމަންޓުގެ ކައުންޓަރުންނާއި (ހ. އަސްރަފީވިލާ، ދެވަނަ ފަންގިފިލާ/ މަޖީދީމަގު) ވެބްސައިޓުން ލިބޭނެއެވެ.
ޕަބްލިކް އެގްޒެމިނޭޝަނުން ބުނީ ފޯމު ދޫކުރުމާއި، ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30ން މެންދުރުފަހު 1:45 އަށެވެ. އަދި ފޯމު ހުށަހަޅާއިރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެނައުމަށް އިލްތިމާސްކޮށްފައިވެއެވެ.
މެއި/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އޯލެވެލް އައި.ޖީ.ސީ.އެސް.އީ އިމްތިޙާނުގެ ހަޔަރ ލޭޓް އެންޓްރީ ގެ އެޕްލިކޭޝަން ދޫކުރަން ފަށާފައިވާއިރު، ތާވަލުކުރެވިފައިވާ ގޮތަށް އިމްތިހާންގެ ހުރިހާ ކަމެއް ކުރިއަށްދާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.
މީގެ ކުރިން އެޑިޔުކޭޝަން މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި އިމްތިހާނުގައި ރާއްޖޭގެ 1529 ކުދިން ބައިވެރިވާނެއެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ކޮންމެ އަހަރަކު ބާއްވަމުން ގެންދާ އޮކްޓޯބަރު އަދި ނޮވެމްބަރު އޯލެވެލް އިމްތިހާނު ފަސްކުރިކަމުގައިވީ ނަމަވެސް މެދުނުކެނޑި ކިޔެވުން ކުރިޔަށް ގެންދިޔައެވެ. ޚާއްޞަ ގޮތެއްގައި އޯލެވެލްގައި ބައިވެރިވާ ދަރިވަރުންނަށް ޚާއްސަކޮށްގެން ސްކޫލުތަކުގައި އިތުރު ގަޑިތައް ކުރިއަށް ގެންދިއުމުގެ އިތުރުން އޮންލައިންކޮށް ވެސް ކްލާސްތައް ކުރިއަށް ގެންގޮސްފައިވެއެވެ.