އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ވެސްޓް ބްރޮމާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު އެއްވަރުވިއިރު، ލީޑްސް ޔުނައިޓެޑް އަތުން އާސެނަލް މޮޅުވެއްޖެއެވެ.
ވެސްޓް ބްރޮމާއި ޔުނައިޓެޑް ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މި މެޗުން ޔުނައިޓެޑް އެއްވަރުވިއިރު، ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ޔުނައިޓެޑަށް މޮޅުވެވިފައިވަނީ އެންމެ މެޗަކުންނެވެ.
ވެސްޓް ބްރޮމުގެ ދަނޑުގައި ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ދެވަނަ މިނެޓުގައި ކޯނޯ ގަލަގާ ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެމްބާޔޭ ޑިޔާންޏޭއެވެ. އެކަމަކު ފުރަތަމަ ހާފު ނިމު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ލޫކް ޝޯ ތަނަވަސްކޮށްދިން ފުރުސަތަކުން ބްރޫނޯ ފެނާންޑޭސް ވަނީ ލަނޑެއް ޖަހައި ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މި މެޗުން ޔުނައިޓެޑް އެއްވަރުވިއިރު، އެ ޓީމު އޮތީ ތާވަލުގެ ދެވަނައިގައި ކުޅުނު 24 މެޗުން ލިބުނު 46 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި އޮތް ލެސްޓާ ސިޓީއަށްވެސް ހަމަ އެ އަދަދަށް ޕޮއިންޓް ލިބިފައިވާއިރު، ޔުނައިޓެޑަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. އަދި ތާވަލުގެ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 23 މެޗުން ވަނީ 53 ޕޮއިންޓް ލިބިފައެވެ.
މީގެ އިތުރުން އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން އާސެނަލް މޮޅުވީ ލީޑްސް އަތުން 4-2 ގެ ނަތީޖާއަކުންނެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އާސެނަލުން ވަނީ ފުރަތަމަ ހާފުގައި ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ 13 ވަނަ މިނެޓުގައި އާސެނަލުގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން އެ ޓީމަށް ލީޑު ނަގައިދިންއިރު، މެޗުގެ 41 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އޮބާމަޔަން ވަނީ އާސެނަލަށް ލީޑު ފުޅާކޮށްދީފައެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން އާސެނަލުގެ ތިންވަނަ ލަނޑު ޖަހައިދިނީ ހެކްޓާ ބެލެރިންއެވެ.
މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅުވެސް އާސެނަލުން ރަނގަޅު ކުޅުމެއް ދެއްކިއިރު، މި ހާފު ފަށައިގެން ދެވަނަ މިނެޓުގައި އޮބާމަޔަން ވަނީ އާސެނަލުގެ ހަތަރުވަނަ ލަނޑު ޖަހައިދީ، މެޗުގައި ހެޓްރިކް ހަދާފައެވެ. މިއީ ޕްރިމިއާ ލީގުގައި އޮބާމަޔަން ހެދި ފުރަތަމަ ހެޓްރިކެވެ.
އާސެނަލުން މި މެޗުގައި ހަތަރު ލަނޑުގެ ލީޑެއް ނެގި ނަމަވެސް، އޭގެ ފަހުން ލީޑްސްއިން ވަނީ ކުޅުން ރަނގަޅުކޮށް ދެ ލަނޑު ޖަހާފައެވެ. އެގޮތުން މެޗުގެ 58 ވަނަ މިނެޓުގައި ޕަސްކާލް ސްޓްރައުކް ލީޑްސްއަށް ލަނޑެއް ޖަހައިދިންއިރު، އޭގެ 11 މިނެޓު ފަހުން ހެލްޑާ ކޯސްޓާ ވަނީ ލީޑްސްގެ ދެވަނަ ލަނޑު ޖަހައިދީފައެވެ.
މި ނަތީޖާއާއެކު އާސެނަލް އޮތީ ތާވަލުގެ 10 ވަނައިގައި 24 މެޗުން 34 ޕޮއިންޓާއެކުއެވެ. އަދި އާސެނަލް އަތުން ބަލިވި ލީޑްސް އޮތީ ތާވަލުގެ 11 ވަނައިގައި 23 މެޗުން 32 ޕޮއިންޓާއެކުއެވެ.