އާދިއްތަ ދުވަހު މުޅި ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވީ 112 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ހޮނިހިރު ދުވަހު އިރު އޮއްސި ހަޔަކުން އާދިއްތަ ދުވަހުގެ އިރު އޮއްސި ހަޔަކާ ދެމެދު ނެގި 3،497 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 112 މީހުންނެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުން ޕޮޒިޓިވްވީ 81 މީހުން ކަމަށާއި އަތޮޅުތެރެއިން 11 މީހުން އަދި ރިސޯޓުތަކުން 14 މީހެއްގެ އިތުރަށް ހަދަމުން އަންނަ ރިސޯޓަކުން އެކަކު ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.
މިއާއެކު މުޅި ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 17،828ށް އަރާފައެވެ. އަދި 15،448 މީހުން ބަލިން ރަނގަޅުވެފައިވާއިރު މިހާރު ފަރުވާދެމުން އަންނަނީ 2،315 މީހުންނަށެވެ. އޭގެ ތެރެއިން 193 މީހުންނަށް ފަރުވާދެނީ އެޑްމިޓްކޮށްގެންނެވެ.
މި ބަލީގައި މިހާތަނަށް ރާއްޖެއިން 58 މީހަކު ވަނީ މަރުވެފައެވެ.
ފާއިތުވި އެއް މަސް ދުވަސްތެރޭގައި ކުއްލި އަކަށް މުޅި ރާއްޖޭގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެން ފަށާފައިވާތީ އަތޮޅުތެރެއާއި މާލެ ސަރަހައްދުގައިވެސް އަޅާފައިވާ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ. އެގޮތުން އިރުއޮއްސި ހަޔަކުން ހެނދުނު ހަޔަކަށް އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފައިވާއިރު ރޭގަނޑު 11ން ފަތިހު 4ށް އަންނަނީ ކާފިއު ހިންގަމުންނެވެ.