ހައެއްކަ މީހުން މަގުމައްޗަށް ނިކުމެ ހަޅޭއް ލެވިޔަސް އެއީ މުޒާހަރާއަކަށް ނުވާނެ ކަމަށް ވިދާޅުވެ އިދިކޮޅު ކޯލިޝަނުން ކޮންމެ ދުވަހަކު ކުރަމުންދާ އިހުތިޖާޖަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އިދިކޮޅުން ކުރާ ކަންކަމުގެ ވާހަކަ ދެއްކުމަކީ ވެސް ބޭކާރު ކަމެއް ކަމަށެވެ. އެކަމަކު މަގުމަތީގައި ހައެއްކަ މީހަކު މުޒާހަރާއެއްގެ ނަމުގައި "ލާހޫރޭ" ކަމަށެވެ. އެކަމަކު އެއީ މުޒާހަރާ އަކަށްވެސް ނުވާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ކަމަކަށް ނުވާ ކަމެއްގައި ކޮންމެ ރެއަކު އެކަމުގެ ތެރޭގައި ފުލުހުން ތާށިވެ އެތަނުގައި ތިބެން ޖެހުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ހައެއްކަ މީހުން ބަލަހައްޓަން ފުލުހުން ނެރެން ނުވެސް ޖެހޭ ކަމަށެވެ.
މީގެ އިތުރަށް ރައީސް ނަޝީދު ވިދާޅުވީ އިދިކޮޅު ކޯލިޝަނުން ކޮންމެ މަސައްކަތެއް ކުރިޔަސް ގައުމުގެ ކަންކަން ހިންގައި ކުރިއަށް ގެންދެވެން އޮތީ އެމްޑީޕީއަށްކަން ރާއްޖޭގެ ރައްޔިތުންނަށް ސާފު ކަމަށެވެ.
ދެން މީ ބޭކާރު ވެސް ވާހަކައެއް. އެކަމަކު ވާދަވެރިންގެ ވާހަކަ ޕީޕީއެމްގެ ވާހަކަ ދަންނަވާލަން ޖެހޭނެ. މަގުމަތީގައި ހައެއްކަ މީހުން އެބަ ލާހޫރޭ. ބުނަނީ މުޒާހަރާއެކޭ. މުޒާހަރައާކަށް ވެސް ނުވެސް ވޭ. އަދި ހަގީގަތުގަ އެކައްޗަކަށް ވެސް ނުވޭ.ރައީސް ނަޝީދު
އިދިކޮޅު ކޯލިޝަނުން މިދިޔަ މަހު ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ސީދާ ހަރަކާތުގެ ނަމުގައި ކޮންމެ ދުވަހަކު ހެން މުޒާހަރާ ކުރަން ނިކުންނަން ފަށާފައެވެ. ނަމަވެސް އެ މުޒާހަރާތަކުން މާ ގިނަ ބަޔަކު ފެނި ބޮޑު ތަރުހީބެއް ލިބޭތަނެއް ނުފެނެއެވެ.
ކޮވިޑް-19އާއި ގުޅިގެން އެޗްޕީއޭއިން އުސޫލުތަކެއް އާންމުކޮށް 10 މީހުންނަށް ވުރެ ގިނައިން އެއް ނުވުމަށް އެންގުމުން ވެސް އެ ޕާޓީން ގެންދަނީ މާލޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން މީހުން ނެރެ އެއްވަމުންނެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ޕިޕީއެމް މެމްބަރުންނާއި ކުރީގެ ވަޒީރުންނާއި ދެ ޕާޓީގެ ލީޑަރުންވެސް ހިމެނޭއިރު މި އެއްވުންތަކުގައި އެއްވެސް ކަހަލަ ގައިދުރުކަމެއް ނެތުމާއި މާސްކު ނާޅާ އުޅޭ މައްސަލަވެސް ވަނީ ބޮޑުވެފައެވެ.
އިދިކޮޅުން މީގެ ކުރިންވެސް ރިޔާސީ އިންތިހާބު ނާކާމިޔާބުވުމާއި ގުޅިގެން އެ ޕާޓީގެ އޮފީސް ކުރިމަތީގައި ކޮންމެ ރެއަކު އެއްވުންތައް ބޭއްވިއިރު އެ އެއްވުންތަކަށް ވެސް ތަރުހީބެއް ލިބިފައެއް ނުވެއެވެ.