ގއ. ވިލިނގިލި މާމުޓާ ކަނޑުގައި އޮއިވާލި ކަނދުފައްޗެއް އަޅައިފިއެވެ.
މި ކަނދުފަތި އަޅާފައިވަނީ، ގއ. ވިލިނގިލި މާމުޓާގެ އިރުން 12 މޭލު ބޭރުގައިކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
ދިވެހިރާއްޖޭގައި ދޮށީގެ މަސްވެރިކަމަށް ޤާއިމްކޮށްފައިވާ ކަނދުފަތީގެ ވިއުގަޔަށް ކަނދުފަތި އިތުރުކޮށް އައު ކަދުފަތިތައް އަބަދުވެސް ފިޝަރީޒް މިނިސްޓްރީން އަންނަނީ އަޅަމުންނެވެ. ފިޝަރީޒް މިނިސްޓްރީން ރާއްޖޭގެ އެކި ހިސާބުތަކުގައި އޮއިވާލި ކަނދުފަތިތައް އަޅާފައިވާއިރު، ކަނދުފަތިތައް ކައިރިން ދޮށީގެ މަސްވެރިކަންކުރާ ފަރާތްތަކުން ބާނާ މަހުގެ ތަފާސް ހިސާބު ޤަވާއިދުން ފިޝަރީޒް މިނިސްޓްރީއަށް ފޮނުވަންޖެހެއެވެ.
ފިޝަރީޒް މިނިސްޓްރީން ވަނީ މިހާރަކަށް އައިސް ދޮށީގެ މަސްވެރިކަންކުރާ ފަރާތްތައް ނޫން އެހެން ފަރާތްތަކުން އޮއިވާލި ކަނދުފަތިތައް ކައިރީގައި މުނިފޫހިފިލުވުމަށްޓަކައި، ދިރޭ އެންޖަހައިގެން އަޑިއަށް ފައްތައިގެން އަދި ވަދު އަޅައިގެން މަސްވެރިކަންކުރާކަން ފާހަގަވެފައިވާކަމަށް ބުނެފައެވެ. މިއީ މަނާ ކަމެއްކަމަށާއި މިގޮތަށް އަމަލުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށްޓަކައި ކޯސްޓް ގާޑާއި ފުލުހުންނާއި ފިޝަރީޒް މިނިސްޓްރީން މަސައްކަތް ފަށާފައިވާކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
މަސްވެރިކަމުގެ ލާބަޔާއި މަންފާއަށް އެންމެ ފުރަތަމަ ސަރުކާރުން އޮއިވާލި ކަނދުފަތި ހަރުކުރީ 1980 ވަނަ އަހަރުއެވެ. މީގެސަބަބުން މަސްވެރިކަމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބުނެވެ. އަދި މަސްވެރިކަމަށް ކޮންމެ ދުވަހަކު ކުރަންޖެހޭ ހޭދަ ވެސް ކުޑަވެގެންދިޔައެވެ.