ކ. މާލެ
|
14 ފެބްރުއަރީ 2021 | އާދީއްތަ 18:25
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއެކު އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއެކު އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް
ރައީސް އޮފީސް
ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލުން
ހޯމަ ދުވަހު ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކާ ރައީސް ބައްދަލުކުރައްވަނީ
ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުން ރައީސްއާ ބައްދަލުކުރަން އެދި ސިޓީއެއް ފޮނުވާފައި
ކުޅުންތެރިންނަށްވާ ގެއްލުންތަކަށް ހައްލެއް ހޯދައިދިނުމަށްވެސް ކުލަބުތަކުން ވަނީ އެދިފައި

ހޯމަ ދުވަހުގެ ވަގުތެއްގައި ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކާ ބައްދަލުކުރައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކާ ބައްދަލުކުރައްވަން ރައީސް ނިންމެވީ ދިރާގު ދިވެހި ޕްރިމިއާ ލީގު އަލުން ފެށުމުގެ ހުއްދަދޭތޯ ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުން ރައީސްއާ ބައްދަލުކުރަން އެދި ސިޓީއެއް އާދިއްތަ ދުވަހު ފޮނުވުމާ ގުޅިގެންނެވެ.

ރާއްޖެޓީވީގެ "ކުޅިވަރުފައިލް" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ އަބްދުލް ވައްހާބު ވިދާޅުވީ ހޯމަ ދުވަހުގެ ވަގުތެއްގައި ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކާ ބައްދަލުކުރައްވަން ރައީސް މިހާރު ނިންމާފައިވާ ކަމަށެވެ.

ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުން ރައީސްއާ ބައްދަލުކުރަން އެދުނީ މި މަހުގެ ތިންވަނަ ދުވަހު ދިރާގު ދިވެހި ޕްރިމިއާ ލީގު މެދުކަނޑާލަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެންގިއިރު، ލީގު އަލުން ފެށުމަށް މިހާތަނަށްވެސް ކުލަބުތަކުން ކުރި މަސައްކަތުގައި އެކަށީގެންވާ ޖަވާބެއް ލިބިފައިނުވުމާ ގުޅިގެންނެވެ. އެގޮތުން ރައީސަށް ފޮނުވި ސިޓީގައި ފުޓްބޯޅަ ހުއްޓިފައި މި އޮތް މުއްދަތުގެ ސަބަބުން ކުޅުންތެރިންނަށްވާ ގެއްލުންތަކަށް ހައްލެއް ހޯދައިދިނުމަށް ކުލަބުތަކުން ވަނީ އެދިފައެވެ.

ދިވެހި ޕްރިމިއާ ލީގު އަލުން ފެށުމަށް ކުލަބުތަކުން މަސައްކަތް ކުރަމުންއައި ނަމަވެސް، މިދިޔަ ހުކުރު ދުވަހުގެރޭ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕު (ޓެގް) ގެ ލީޑަރު ޑރ. އަލީ ލަތީފް ވިދާޅުވީ މި ހާލަތުގައި ލުއި ދެވޭނީ ޒަރޫރީ ކަންތައްތަކަށް އެކަނި ކަމަށާއި، އެކަމަކު ގައުމީ މުބާރާތްތަކަށް ހުއްދަދެވޭތޯ ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް މި ދަނޑިވަޅުގައި ހުއްދަދެވޭނެ ކަމެއް ސީދާ ދަންނަވަން ނޭނގޭ ކަމަށްވެސް ވިދާޅުވިއެވެ.

އެކަމަކު މުބާރާތްތަކަށް ގޮތެއް ނިންމާނީ ޓެކްނިކަލް ޓީމާ މަޝްވަރާ ކުރުމަށްފަހުގައި ކަމަށާއި، ނަމަވެސް މިހާރު ކޭސްތައް ދާ ގޮތުން ކުޅިވަރު ހަރަކާތްތަކަށް ލުޔެއް ދެވޭނެހެން ހީނުވާ ކަމަށްވެސް ޑރ. އަލީ ލަތީފް ވިދާޅުވިއެވެ.

ލީގު މެދުކަނޑާލުމުން ކުލަބުތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ލީގު އަލުން ފެށުމުގެ މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ދާދި ފަހުން ވަނީ ވިދާޅުވެފައެވެ. އެކަމަކު މިހާތަނަށްވެސް ލީގު އަލުން ފެށޭނެ ކަމުގެ އިޝާރާތެއް ލިބިފައި ނުވާއިރު، ލީގު މެދުކަނޑާލުމުން ފުރަތަމަ ޑިވިޝަނުގެ ހުރިހާ ކުލަބަކުން ވަނީ ލީގު މެދުކަނޑާލުމުން ކުލަބުތަކާއި ކުޅުންތެރިންނަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ ކަމަށާއި، އެހެންކަމުން އަލުން ފަރިތަކުންތައް ފަށައި، ލީގު ފެށުމުގެ ހުއްދަދިނުމަށް ގޮވާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް