''އަމިއްލަ ސިއްހަތު ބްލޮގް'' މިނަމުގައި ކޮވިޑް-19ގެ ވެކްސިންއާއި ގުޅޭ ދޮގު މައުލޫމާތު ފަތުރަމުންދާތީ އެނަމުގައި ހިންގާ ހުރިހާ ސޯޝަލް މީޑިއާ ފްލެޓްފޯމެއް ބްލޮކް ކުރުމަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައެންސް އެންޑް ޓެކްނޮލޮޖީގައި އެދިއްޖެއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނީ ''އަމިއްލަ ސިއްހަތު ބްލޮގް'' މިނަމުގައި ކޮވިޑް-19ގެ ވެކްސިންއާއި އަދި މިނޫންވެސް އެހެން ވެކްސިންތަކާއި ގުޅޭގޮތުން އެއްވެސް އިލްމީ އަސާސެއްނެތި އިތުބާރު ނުހިފޭ އެކި މަސްދަރުތަކާއި ހަވާލާދީ، އާއްމުންގެ ހިތުގައި ސުވާލު އުފެދޭފަދަ އެތައް ލިޔުމެއް ޝާއިއު ކުރަމުންދާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އެހެންކަމުން މިމަހުގެ 20ގައި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައެންސް އެންޑް ޓެކްނޯލޮޖީއާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މިނިސްޓްރީ އޮފް ހެލްތްގެ ސަމާލުކަމަށް މިމައްސަލަ ގެނެސްފައިވާ ކަމަށް މީޑިއާ ކައުންސިލުން ބުނެއެވެ.
މީޑިއާ ކައުންސިލުން ބުނީ މިނަމުގައި ހިންގާ ބްލޮގާއި ޓެލެގްރާމް ޗެނަލް އަދި އެހެނިހެން މީސް މީޑިއާ ވަސީލަތްތައް ބްލޮކް ކުރުމަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައެންސް އެންޑް ޓެކްނޮލޮޖީގައި އެދިފައިވާ ކަމަށެވެ. އެހެންކަމުން ބްލޮގްގައި ގެނެސްދީފައިހުރި މައުލޫމާތުތަކަށް ބުރަ ނުވުމަށާއި، އެ މައުލޫމާތު ގަބޫލުނުކުރުމަށް މީޑިއާ ކައުންސިލުން އެދިފައިވެއެވެ.
މީގެ އިތުރުން މީޑިއާ ކައުންސިލުން ބުނީ ކޮވިޑް-19ގެ ވެކްސިންއާއި އަދި މިނޫން އެހެން ވެކްސިންއާއި ގުޅޭ ޚަބަރާއި މައުލޫމާތު ބައެއް މީޑިއާތަކުން ގެނެސްދިނުމުގައި، ވެކްސިންތަކުގެ ރައްކާތެރިކަމާމެދު ރައްޔިތުންގެ މެދުގައި ޝައްކު އުފެދި އިތުބާރު ގެއްލޭގޮތަށް ޚަބަރާއި މައުލޫމާތު ޝާއިއުކޮށް ފަތުރަމުންދާތީ މީގެ ސަބަބުން އިޖުތިމާއީ އެތައް މައްސަލަތަކެއް އުފެދެމުންދާކަމުގެ ޝަކުވާ އާންމުންގެ ފަރާތުން ލިބެމުންދާ ކަމަށެވެ.
އެހެންކަމުން ކޮވިޑް-19އާއި ގުޅޭ ޚަބަރާއި މައުލޫމާތު ފެތުރުމުގައި ނޫސްވެރިން ސަމާލުކަން ދޭންވީ ކަންކަމާއި ކޮންމެހެން ހިފަހައްޓަންޖެހޭ އުސޫލުތައް ބަޔާންކުރުމަށް ކައުންސިލުން އެކުލަވާލާފައިވާ ކޮވިޑް-19 ނޫސްވެރިންގެ އަތްމަތީ ފޮތުގައި ދީފައިވާ އިރުޝާދުތަކާއި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ޚަބަރާއި މައުލޫމާތު ފެތުރުމަށް ސަމާލުކަން ދިނުމަށް މީޑިއާ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.